ތަޢުލީމު

ދެވަނަ ޓާމްގައި ދަރިވަރުން ސްކޫލަށް ދާނީ ޓެބްލެޓް ހިފައިގެން


މިއަހަރުގެ ދެވަނަ ޓާމްގެ ކިޔަވުން ދަރިވަރުން ފަށާނީ، ޓެބްލެޓާއެކުކަމަށް މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ.ޢާއިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަނުން ހިންގި ކޯސްތަކުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. 

ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަނުން މުދައްރިސުންނަށް އަމާޒުކޮށްގެން ހިންގި ކޯސްތަކުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރ ޑރ.ޢާއިޝަތު ޝިހާމް ވިދާޅުވީ މިއަހަރުގެ ދެވަނަ ޓާމްގެ ކިޔަވުން ފެށޭއިރު ރާއްޖޭގެ ހުރިހާ ސްކޫލްތައް ޑިޖިޓަލައިޒްކޮށް ކޮންމެ ކުއްޖެއްގެ އަތުގައި ޓެބްލެޓެއް އޮންނާނެކަމަށެވެ. މިނިސްޓަރ ވިދާޅުވީ މިހާރު ކުރިއަށްދަނީ އަލަށް ގެންނަ މި ބަދަލުގެ ސަބަބުން ސްކޫލްތަކަށް ގެންނަންޖެހޭ ބައެއް ބަދަލުތައް ގެނައުމުގެ މަސައްކަތްކަމަށެވެ. އަދި މި ބަދަލަށް ޓީޗަރުންނާއި ސްކޫލްތަކުގެ މެނޭޖްމަންޓް އަހުލުވެރިކޮށް ތައްޔާރުކުރުމުގެ މަސައްކަތްތައްވެސް ކުރިއަށްދާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. 

އެއްވެސް ކުއްޖަކު ބާކީ ނުކުރުމުގެ ސިޔާސަތު ތަންފީޒުކުރުމަށް ބޭނުންވާ މުދައްރިސުން ތަމްރީނުކުރުމަށް ކުރިއަށްގެންދިޔަ ކޯސްތަކުގެ ތިންވަނަ ބުރުގައި މިދިޔަ އަހަރުވަނީ ހަތްދިހަ ހަ މުދައްރިސުން ތަމްރީންކޮށްފައެވެ. އެއީ އިންކްލޫސިވް އެޑިއުކޭޝަން ޑިގްރީ ޕްރޮގްރާމްގެ އަށާވީސް މުދައްރިސުންނާއި އިންކްލޫސިވް އެޑިއުކޭޝަން ޑިޕްލޮމާ ޕްރޮގްރާމްގެ ސާޅީސް އަށް މުދައްރިސުންނެވެ. 

މީގެ އިތުރުން 2017 ވަނަ އަހަރު އަށް ޕްރިންސިޕަލަކު ވަނީ އެން.އައި.އީގައި ސްކޫލް ލީޑަރޝިޕް ކޯސް ފުރިހަމަކޮށްފައެވެ. ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަނުން ހިންގި ކޯސްތަކުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައިވަނީ ކޯސްތަކުގައި ވަނަ ވަނައަށް ދިޔަ ދަރިވަރުންނަށާއި ސެޓްފިކެޓް ޙާސިލްކުރި މުދައްރިސުންނަށް އިނާމާއި ހަނދާނީ ލިޔުން ޙަވާލުކޮށްފައެވެ. 2017 ވަނަ އަހަރު ހިންގި ކޯސްތަކުން އެއްވަނަ ދެމުދައްރިސަކުވަނީ ހޯދާފައެވެ. އެއީ މަރިޔަމް ރިޟްވާނާ އާއި ޝިއުނާ ޙަސަނެވެ. މިކޯސްތަކުގައި މުދައްރިސުންނަށް ވަނީ ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވާއިދޭނެ ގޮތްތަކާ ގުޅޭ ގޮތުން ތަމްރީންކޮށްފައެވެ. އެގޮތުން އޯޓިޒަމް ހުންނަ ކުދިންނާއި ތަފާތު އެހީތެރިކަން ބޭނުންވާ ކުދިން ހިމަނައިގެން ކިޔަވައިދިނުމުގެ ޕްލޭންތައް ތައްޔާރުކޮށް ކުރިއަށްގެންދާނެ ގޮތް މި ކޯސްތަކުގައި ކިޔަވާދީފައި ވާނެކަމަށް އެން.އައި.އީން ބުނެއެވެ.