ޚަބަރު

ސ.މަރަދޫ މަސްދޯންޏެއްގެ ޚަބަރެއް ނުވެގެން ހޯދަން ފަށައިފި


ފަންސަވީސް މީހުންނާއެކު މަސްވެރިކަމަށް ނުކުމެ އުޅުނު ދޯންޏެއްގެ ޚަބަރެއް ނުވެގެން އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން އެ ދޯނި ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.

ސ.މަރަދޫ އިން މިދިޔަ ހުކުރު ދުވަހު އިރުއޮއްސުނުއިރު މަހަށްފުރި "ކޮންކޯޑް" ނަމަކަށް ކިޔާ މި ދޯންޏާ އެންމެ ފަހުން ގުޅިފައި ވަނީ ސެޓްލައިޓް ފޯނުން ރޭ އިރާކޮޅު ހަތްގަޑި ދިހައެއް ހާއިރު ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ. އޭރު ދޯނީގެ އިންޖީނަށް ދިމާވި މައްސަލައެއް ހައްލުކުރުމަށްފަހު ދަތުރުކުރަމުން ދާކަމަށް، މި ދޯންޏާއި ގުޅުންހުރި މީހެއްގެ ފަރާތުން އެމްއެންޑީއެފް ކޯސްޓްގާޑަށް މަޢުލޫމާތު ދީފައިވާކަމަށް އެމްއެންޑީއެފުން ބުނެއެވެ.

މި ދޯނީގެ ޚަބަރެއް ނުވެގެން އެކަމުގެ މަޢުލޫމާތު ކޯސްޓްގާޑްގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބިފައި ވަނީ މިއަދު ހެނދުނު 9:20 ހާއިރު ކަމަށް އެމްއެމްޑީއެފުން ބުނެއެވެ. ދިގުމިނުގައި 108 ފޫޓު ހުންނަ މިދޯންޏަކީ ބޭރުގައި ނޫކުލައިގެ ދަވާދު ލާފައިވާ އަދި ގެގަނޑުގައި ހުދު ކުލައިގެ ދަވާދު ލާފައިވާ ދޯންޏެއްކަމަށް އެމްއެންޑީއެފުން ބުނެއެވެ. މި ދޯންޏާބެހޭ މަޢުލޫމާތެއް ލިބިއްޖެނަމަ ލަސްނުކޮށް ކޯސްޓްގާޑްގެ ހިލޭ ގުޅޭނަމްބަރު 191 ނުވަތަ 3395981 އަދި 3398898 ފޯނަށް ގުޅައި އެކަން ހިއްސާ ކުރުމަށް އެންއެމްޑީއެފުން ވަނީ އިލްތިމާސްކޮށްފައެވެ.