ކުޅިވަރު

ޓީސީއާއި ވެލެންސިޔާވެސް ބްރޭކްގެ ކުރިން މޮޅަކަށް ބޭނުންވެފަ


މާޒިޔާ މެޗަށްވުރެ ޓީސީ މެޗު އުނދަގޫވާނެކަމަށް ވެލެންސިޔާގެ ކޯޗު ސޮބާހު މުހައްމަދު ބުނެފިއެވެ. 

އެސް ޓީ އޯ މާލެ ލީގުގައި މިރޭ ޓީސީއާ ވާދަކުރަން ޖެހޭ މެޗާ ގުޅޭ ގޮތުން ވާހަކަދައްކަމުން ޞޮބާ ބުނީ ޓީސީ އަކީ ވަރުގަދަ، އުނދަގޫ ޓީމެއްކަމަށާއި އެއީ މާޒިޔާ އަށް ވުރެ މޮޅު ޓީމެއްކަމަށެވެ. ލީގުގައި އެންމެ ފަހުން ކުޅުނު މެޗުގައި މާޒިޔާ އަތުން ދެ ލަނޑު ސުން ލަނޑުން ވެލެންސިއާ

ބަލިވެފައިވާއިރު ކޯޗު ސޮބާ ބުނީ ޓީމްގައި މައްސަލަ ތަކެއް އެބަހުރި ކަމަށާއި، ނަމަވެސް ބަހަނާ ނުދައްކާ މަސައްކަތް ކުރާނެ ކަމަށެވެ.

"އަޅުގަނޑު ގަބޫލު ކުރަނީ މިއީ މާޒިޔާ މެޗަށްވުރެ އުނދަގޫ މެޗަކަށް ވާނެކަމަށް، އަޅުގަނޑުމެން ވިސްނުންތެރިކަމާއެކު ވަރަށް މަސައްކަތްކުރާނަން، އެއަށް ސަމާލުވެގެން އަޅުގަނޑުމެންނަށް ކުރެވުނު ހުރިހާ މަސައްކަތެއް ކުރާނަން" ޞޮބާ ބުންޏެވެ.

ޓީސީގެ ކޯޗް މުޙައްމަދު ނިޒާމް ބުނީ ޓީމް އޮތީ ވަރަށް މަސައްކަތުން ބައްޓަން ކޮށްފަކަމަށާއި، މި މެޗަކީ ޓީސީ، ޓީސީގެ ފޯމުގައި ކުޅޭ މެޗަކަށް ވާނެ ކަމަށެވެ. މިދިޔަ މެޗުން މޮޅުނުވީ ކުޅުންތެރިންނަށް ތައްޔާރު ނުވެވުމުން ކަމަށް ކުޅުންތެރިން ޤަބޫލު ކުރާ ކަމަށާއި، ނަމަވެސް މި މެޗަކީ ތަފާތު މެޗަކަށް ވާނެ ކަމަށާއި ބަލާ ހިތްވާކަހަލަ ޓަފް ގޭމަކަށް ވާނެ ކަމަށްވެސް ނިޒާމް ބުންޏެވެ.

"ވަރަށް ޔަގީންކަން އެބައޮތް އިރާދުކުރެއްވިއްޔާ އަންނަ މެޗަކީ ޓީސީއަށް ތަފާތު މެޗަކަށް ވެގެންދާނެ ކަމަށް، ޓީސީ ވަރަށް މަސައްކަތް ކުރާނެ ކަމަށް، އަދި ވަރަށް ރަނގަޅަށް ޓީމް އޮތީ ބައްޓަންކޮށް ތައްޔާރު ވެފަ، ހަމަ ޓީސީގެ ފޯމުގަ ޓީސީ ހަމަ އިރާދުކުރެއްވިއްޔާ ކުޅޭ މެޗަކަށް ވެގެންދާނެ" ނިޒާމް ބުންޏެވެ.

ޓީސީ އާއި ވެލެންސިޔާގެ ކޯޗުވެސް ބުނީ ދެ ޓީމަށްވެސް ބްރޭކްގެ ކުރިން މޮޅެއް ބޭނުން ކަމަށާއި، ލީގުގައި މިހާތަނަށް ދެޓީމަށްވެސް މޮޅެއް ލިބިފައި ނުވާއިރު މި މެޗަކީ މޮޅުވާން ވަރަށް މުހިންމު މެޗެއް ކަމަށެވެ. މިދެޓީމް ވާދަކުރާ މެޗު ފަށާނީ މިރޭ ނުވައެއް ޖަހާއިރުއެވެ.