ޚަބަރު

އިންޑިއާ ގުޅުމާބެހޭގޮތުން ދެކެވޭ ވާހަކަތަކަށް ސަރުކާރުގެ ރައްދު


ރާއްޖެއާއި އިންޑިއާގެ ގުޅުން ރަނގަޅު ނޫންކަމަށް ބުނެ ރާއްޖޭގެ ބައެއް މީޑިއާތަކުން ދައްކާ ވާހަތަކަށް ދިވެހި ސަރުކާރުން ރައްދުދީފިއެވެ. 

ޕީއެސްއެމް ނިއުސްއަށް ދެއްވި ފޯން އިންޓަރވިއުއެއްގައި ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ޢުމަރު ވިދާޅުވީ، ރާއްޖެއާއި އިންޑިއާގެ ގުޅުމަކީ ޒަމާންވީ ގާތް ގުޅުމެއްކަމަށާ އެގުޅުން އަދިވެސް އޮތީ ބަދަހިކަންމަތީކަމަށެވެ. މިނިސްޓަރ ވިދާޅުވީ، ރާއްޖެއާއި އިންޑިއާއާއި ދެމެދު ކުރިއެކޭވެސް އެއްގޮތަށް ހުރިހާ މުޢާމަލާތްތަކެއް ކުރިއަށްދާކަމަށާއި، ރާއްޖޭގައި ދިރިއުޅޭ އިންޑިއާގެ ރައްޔިތުންނަށާއި އިންޑިއާގައި ދިރިއުޅޭ ރާއްޖޭގެ ރައްޔިތުންނަށް އެއްވެސް ނުރައްކަލެއް ނެތްކަމަށެވެ.

މިނިސްޓަރ ވިދާޅުވީ މިވަގުތު ރާއްޖެ އޮތް ޙާލަތަށް ބަލާއިރުވެސް އިންޑިއާއަކީ ރާއްޖެއަށް ހެޔޮއެދޭ ޤައުމެއްކަމަށާއި، ރާއްޖެއަށް ދިމާވާ ދަތި ކޮންމެ ހާލަތެއްގައި ދީލަތި ބޮޑެތި އެހީވެދޭ ޤައުމެއްކަމަށެވެ. އެގޮތުން މިވަގުތު ރާއްޖެއިން އެހީއަށް އެދެނު ނަމަވެސް އިންޑިއާ އޮންނާނީ ތައްޔާރަށްކަމުގެ ޔަޤީންކަން އެބައޮތްކަމަށް މިނިސްޓަރު ވިދާޅުވިއެވެ. 

ރާއްޖޭގައި މިހާރު އޮތް ކުއްލި ނުރައްކަލުގެ ހާލަތު އިންޑިއާއިން ގާތުން ބަލަމުންދާކަމަށް ވިދާޅުވެފައިވާއިރު، ރާއްޖޭގެ ދާޚިލާ ކަންކަމާ އިންޑިއާއިން ނުބެހޭނެކަމުގެ ޔަޤީންކަން އެބައޮތްކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. އަދި ދިވެހި ސަރުކާރުންވެސް ބޭނުންވަނީ އިންޑިއާއިން ރާއްޖޭގެ ޙާލަތު އަބަދުވެސް ގާތުން ބަލަމުންދިއުންކަމަށާ، އެއީ ދިވެހި ސަރުކާރަށް ލިބޭ ބޮޑު ހިތްހަމަ ޖެހުމެއްކަމށް ޑިފެންސް މިނިސްޓަރު ވިދާޅުވިއެވެ. 

މިނިސްޓަރ ވިދާޅުވީ ރާއްޖެއިން އަބަދުވެސް އިންޑިއާގެ މަސްލަހަތަށް އިސްކަން ދޭނެކަމަށާއި އެގޮތުން އިންޑިއާ ކަނޑުގެ މަސްލަހަތު އޮންނަ ކަންކަމުގައި އިންޑިއާއަށް އަބަދުވެސް އިސްކަންދީ އިސްކުރާނެކަމަށެވެ. އަދި އިންޑިއާ އަކީ ރާއްޖޭގެ އަބަދުވެސް އެއްވަނަ އެހީތެރިޔާ އަދި ރަހުމަތްތެރިޔާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.