ފަނޑިޔާރެއްގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވެއްޖެނަމަ ފަނޑިޔާރުކަމުގެ މަޤާމުގެ ގެއްލޭގޮތަށް ފަނޑިޔާރުންގެ ޤާނޫނަށް ގެނައި އިސްލާހު ބާތިލުކުރަމަށް އިދިކޮޅޫ ފަރާތަކުން ސުޕްރީމްކޯޓަށް ހުށައެޅި މައްސަލައިގެ އަޑުއެހުންތައް ފަށައިފިއެވެ.
މި މައްސަލާގައި މިއަދު ބޭއްވި އަޑުއެހުމަކީ މައްސަލަ ސުޕްރީމްކޯޓުން ބަލައިގަތުމާމެދު ގޮތެއް ނިންމުމުގެ ކުރިން ބޭއްވި އިޖްރާއީ އަޑުއެހުމެކެވެ.
އިދިކޮޅު ފަރާތަކުން ހުށައެޅި މި މައްސަލާގައި ބުނެފައިވަނީ ފަނޑިޔާރުންގެ ޤާނޫނަށް ގެނައި އިސްލާހަށް ވޯޓަށް އެހިއިރު މަޖިލީހުގައި 43 މެންމަބަރު ހާޒިރުވެ ތިބެންޖެހޭނެކަމަށެވެ. އެހެންނަވެސް ފަނޑިޔާރުންގެ ޤާނޫނަށް އިސްލާހު ގެނެސްފައިވަނީ އެ ޢަދަދަށް މަޖިލީހުގައި މެމްބަރުން ނެތިކަމުން އެޢީ ޤާނޫނު އަސާސީއާއި ޚިލާފު ނިންމުމެއްކަމަށްވެސް މައްސަލަ ހުށައެޅި ފަރާތްތަކުން ފާހަގަކޮށްފައިވެއެވެ. އެހެންކަމުން ޤާނޫނަށް ގެނައި އިސްލާހަކީ ބާޠިލު އިސްލާހެއްކަމަށް ކަނޑައަޅާ ދިނުމަށާއި އެއާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް ބާތިލުކުރުމަށްވެސް ދައުވާކުރި ފަރާތުން އެދިފައިވެއެވެ.
މި މައްސަލައިގެ އަޑުއެހުމަށް ދައުލަތުގެ ފަރާތުންވެސް ވަނީ ހާޒިރުވެފައެވެ.
މައްސަލަ ހުށައެޅި ފަރާތްތަކުން ހުށައެޅި ނުކުތާކަށް ޖަވާބު ދެމުން ދައުލަތުގެ ވަކީލު ވިދާޅުވީ ފަނޑިޔާރުންގެ ޤާނޫނަށް ގެނައި އިސްލާހަކީ ރައްޔިތުން އެއަށް އަމަލުކުރުން ލާޒިމުވާ އިސްލާހަކަށް ނުވާތީ އެ އިސްލާހަށް ވޯޓަށް އެހިއިރު 43 މެންބަރުން ތިބެން ނުޖެހޭކަމަށެވެ. އަދި ރައްޔިތުން އެއަށް އަމަލުކުރަންޖެހޭ ކަންކަމަކީ ކޮބައިކަން ރައްޔިތުންގެ މަޖިލީހުގެ ޤާނޫނުގައި ބުނެފައިވާއިރު އެ ޤަވާއިދުގައިވާ އެއްވެސް ހާލަތަކަށް މަޖިލީހުން ފާސްކުރި އިސްލާހު ނުފެތޭކަމަށެވެ. އަދި ބަހުސްގެ ބޭނުމަށް 43 މެންބަރުން ތިބެންޖޭހެނަކަމަށް ބެލިނަމަވެސް އެ އިސްލާހު ފާސްކުރި ދުވަހު ބައެއް މެންބަރުން މަޖިލީހަށް ހާޒިރުވެ ގަސްދުގައި ޖަލްސާއަށް ނުވަދެތިބުމުން އެ އިސްލާހު ފާސްކުރީ ރަނގަޅަށްކަމަށް ބަލަންޖެހޭކަމަށެވެ. އެހެންނަމަވެސް އެދުވަހުގެ ޖަލްސާގެ ތަފްސީލުތައް ލިބިފައިނުވާތީ އެ ތަފްސީލުތައް ހޯދުމަށްފަހު ޖަވާބުދާރީވުމަށް ދެދުވަހުގެ ފުރުސަތެއް ދިނުމަށް ދައުލަތުގެ ފަރާތުން އެދިފައިވެއެވެ.
މި މައްސަލާގައި ބޭއްވި ޝަރީއަތުގެ މަޖިލީހުގައި މައްސަލަ ބައްލަވާ ބެންޗުންވަނީ މައްސަލާގައި ހިމެނޭ ދެފަރާތާވެސް ގިނަ ސުވާލުތަކެއް ކުރިމަތިކޮށްފައެވެ. މި ގޮތުން ފަނޑިޔާރެއްގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވެ ހުކުމެއްކޮށްފިނަމަ އެ ފަނޑިޔާރަކު މަޤާމުން ވަކިކުރަން އެ ހާލަތުގައިވެސް ރައްޔިތުންގެ މަޖިލީހުން ގޮތެއް ނިންމަޖެހޭތޯ ސުވާލުކުރައްވާފައިވެއެވެ.
މި މައްސަލާގައި މިއަދު ބޭއްވި އަޑުއެހުން ނިންމާލީ ދައުލަތުން ރައްޔިތުންގެ މަޖިލީހުން ހޯދަން އެނދުނު މައުލޫމާތު ހޯދުމަށް ދެދުވަހު ފުރުޞަތެއް ދިނުމަށްފަހުއެވެ.