ޚަބަރު

ހދ. އަތޮޅުގެ ފުރަތަމަ ރިސޯޓު “ހޮނޑާފުށި” ހުޅުވައިފި


ހދ. އަތޮޅުގެ ފުރަތަމަ ރިސޯޓް "ހޮނޑާފުށި އައިލެންޑް ރިސޯޓް" ހުޅުވައިފިއެވެ.

ހަނިމާދޫގެ އުތުރުން ހަތް ކިލޯމީޓަރު ދުރުގައި އޮންނަ ހޮނޑާފުށި ހުޅުވިއިރު، އެ ރިސޯޓަކީ ތްރީ އޭ ކުންފުނިން ރާއްޖޭގައި ހުޅުވި ފަސްވަނަ ރިސޯޓެވެ. އަދި ހދ. އަތޮޅުގެ ފުރަތަމަ ރިސޯޓްވެސްމެއެވެ.

ހޮނޑާފުށި ރިސޯޓް ހުޅުވިއިރު، އެތަނުގައި މިވަގުތު 160 އެނދުގެ 80 ކޮޓަރި ހުރެއެވެ. އެގޮތުން މިވަގުތު ހޮނޑާފުށިގައި ހުޅުވި ދެ ކެޓަގަރީގެ 80 ކޮޓަރިއަކީ 75 އަކަ މީޓަރުގެ ސުޕީރިއާ ބީޗު ބަންގަލޯ އާއި 89 އަކަ މީޓަރުގެ ޑިލަކްސް ބީޗު ބަންގަލޯ އެވެ.

ނަމަވެސް އެކި އަހަރުތަކަށް ބަހާލައިގެން ކޮންމެ އަހަރަކު 100 ކޮޓަރި ހުޅުވުމަށް ހަަމަޖެހިފައިވާއިރު، މަސައްކަތް އެއްކޮށް ނިމުމުން 400 ކޮޓަރި އެ ރިސޯޓްގައި ހުންނާނެއެވެ.

ގާތްގަނޑަކަށް 150 މިލިއަން ޑޮލަރު ޚަރަދުކޮށްގެން ހަދާފައިވާ މި ރިސޯޓަކީ ހަަތަރު ތަރީގެ ރިސޯޓެކެވެ. ނަމަވެސް އެތަނުން ފަސް ތަރީގެ ޚިދުމަތް ލިބޭނެ ކަމަށް ތްރީއޭ ކުންފުނިން ބުނެއެވެ.

ހޮނޑާފުށީގެ އިތުރުން ތްރީއޭ ކުންފުނިން އަންނަނީ މެދުފުށި އައިލެންޑް ރިސޯޓާއި، ފިލިތެޔޮ އައިލެންޑް ރިސޯޓާއި، ބަތަލާ އައިލެންޑް ރިސޯޓް އަދި ޒިތާލީ މޯލްޑިވްސް ރިސޯޓް ހިންގަމުންނެވެ.