ސިޔާސީ

ނިލަންދޫ ދާއިރާގެ މެންބަރު އަބްދުﷲ ޚަލީލް ޕީޕީއެމަށް ސޮއި ކުރައްވައިފި





 


 މިނިވަން މެމްބަރެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހަށްއިންތިޚާބުވެވަޑައިގެންނެވި ނިލަންދޫ ދާއިރާގެ މެންބަރު އަބްދުﷲ ޚަލީލް ޕީޕީއެމަށް ސޮއި ކުރައްވައިފިއެވެ. އޭނާ ޕީޕީއެމް އަށް ސޮއިކުރެއްވީ ރައީސް އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމާއެކު މިއަދު މެންދުރު މުލިއާގޭގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.


 
އެރަސްމިއްޔާތުގައި ޚާލީލުގެ މެމްބާޝިޕް ފޯމާއި ހަވާލުވެ ވަޑައިގަތުމަށްފަހު ރައީސް ޔާމިން ވިދާޅުވީ ޚާލީލަކީ ބިނާ ކުރަނިވި މަސައްކަތްތަކެއް ކުރުމުގެ ގާބިލްކަން ލިބިވަޑައިގެން ހުންނެވި ބޭފުޅޭއްކަމަށް ގަބޫލްފުޅުކުރައްވާކަމަށެވެ. އަދި ޕީޕީއެމްގެ މެނިފެސްޓޯގައި ހުރި ކަންތައްތައް ތަންފީޒު ކުރުމަށް މަސައްކަތް ކޮށްދެއްވާނެ އުއްމީދު ކުރައްވާކަމަށްވެސް ރައީސް ޔާމިން ވިދާޅުވިއެވެ.


 
ޚަލީލް ޕީޕީއެމްއާއި ގުޅިވަޑައިގަތުމުން ދެން މަޖިލީހުގައި މިނިވަން މެމްބަރެއްގެ ގޮތުގައި އިންނަވާނީ މަޑަވެލި ދާއިރާގެ މެމްބަރު މުޢާޒް މުހައްމަދު ރަޝީދު އެކަނިއެވެ.


 
ރައްޔިތުން މަޖިލީހަށް މިނިވަން މެމްބަރުންގެ ގޮތުގައި ހަތަރު މެމްބަރަކު އިންތިޚާބުވެ ވަޑައިގެންނެވިއެވެ. އޭގެތެރއިން ދެމެމްބަރަކު ކުރިންވެސް ވަނީ ޕީޕީއެމްއަށް ސޮއިކުރައްވާފައެވެ. އެއީ ދިއްދޫ ދާއިރާގެ މެމްބަރު އަބްދުލް ލަތީފް މުޙައްމަދާއި، ތިމަރަފުށި ދާއިރާގެ މެމްބަރު މުޙައްމަދު މުސްތަފާއެވެ.


 
ޚަލީލް ޕީޕީއެމްއާއި ގުޅިވަޑައިގަތުމުން ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރުންގެ އަދަދު ވަނީތިރީސް އަށަކަށް އިތުރުވެފައެވެ.