ޚަބަރު

ޚާރިޖީ ނުފޫޒުގެ ސަބަބުން ނިންމުންތަކަށް ބުރުއަރާ - އާޒިމާ


ޤައުމެއްގެ ހައިސިއްޔަތުން ރާއްޖެއިން ނިންމަންޖެހޭ ދާޚިލީ ކަންކަމަށް ބޭރުގެ ނުފޫޒުގެ ސަބަބުން ބުރުއަރާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރ އަލްއުސްތާޛާ އާއިޝަތު އާޒިމާ ޝަކޫރު ވިދާޅުވެއްޖެއެވެ.

ޕީ.އެސް.އެމް ނިއުސްގެ "ދެން ކޮން ސުވާލެއް؟" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ލީގަލް އެފެއާރޒް މިނިސްޓަރ އަލްއުސްތާޛާ އައިޝަތު އާޒިމާ ޝަކޫރު ވިދާޅުވީ ރާއްޖެއަކީ ބައިނަލްއަޤްވާމީ މިންގަނޑުތަކާ ޚިލާފަށް ޢަމަލުކުރާ ޤައުމެއްކަމަށް ދުނިޔެއަށް ދެއްކުމަށް ބައެއް ސިޔާސީ ފަރާތްތަކުން މަސައްކަތް ކުރަމުންދާކަމަށެވެ. އެގޮތުން ރާއްޖޭގެ ދިދައެއް ޖަހައިގެން އުތުރު ކޮރެޔާގެ ތެޔޮޓެންކަރަކާއެކު މުޢާމަލާތްކުރިކަމަށް ބުނާ މައްސަލަވެސް މިދުވަސްވަރު ކުރިމަތިވުމަކީ އިއްތިފާޤެއްތޯ އާޒިމާ ސުވާލުކުރެއްވިއެވެ.

ރާއްޖޭގެ ރީތި ނަން ބައިނަލްއަޤްވާމީ ދުނިޔޭގައި ކިލަނބުކުރުމަށް ކުރާ މަސައްކަތުގެ ސަބަބުން ގެއްލުންވަނީ ހަމައެކަނި ރާއްޖޭގެ އިޤްތިޞާދަށް ނޫންކަމަށާއި، އިޖްތިމާއީ ބޮޑެތި މައްސަލަތައްވެސް މިކަމުގެ ސަބަބުން ކުރިމަތިވާކަން އާޒިމާ ފާހަގަ ކުރެއްވިއެވެ.

ދައުލަތުގެ މުއައްސަސާތަކުގެ އަގުވައްޓާލުމަށް ކުރާ މަސައްކަތަކީ ޤައުމަށް ބޮޑެތި ނުރައްކާ ކުރިމަތިވާ ކަމެއްކަމަށާއި، ރާއްޖޭގައި މިއަދު ހިނގަމުންމިދާ ހަމަނުޖެހުންތަކަކީ، ދައުލަތުގެ އިސްމަޤާމުތަކުގައި ތިބި ބައެއް ފަރާތްތަކުން ޤާނޫނީ އިމުން ބޭރުވެ، ޒާތީ މަސްލަހަތު އިސްކޮށް، ދައުލަތް ކުޑަކަކޫ ޖައްސަން ކުރާ މަސައްކަތުގެ ސަބަބުން ދިމާވާ މައްސަލަތަކެއްކަމަށް އާޒިމާ ވިދާޅުވިއެވެ.

އާޒިމާ ވިދާޅުވީ، ވަކި ފަރާތަކުން ބޭނުންވާގޮތަށް ރާއްޖޭގެ ވެރިކަން ނުކުރެވޭނެކަމަށާއި ދައުލަތުން މަސައްކަތްކުރަނީ ހުރިހާ ރައްޔިތުންގެ މަސްލަހަތު ރައްކާތެރި ކުރުމަށްކަމަށެވެ. އިދިކޮޅު ފަރާތްތަކުން އަމިއްލަ މަސްލަހަތަށް މުޅި ޤައުމުގެ ހަމަޖެހުން ނަގާލަމުންދާކަމަށް އާޒިމާ ވިދާޅުވިއެވެ. އެހެންނަމަވެސް ދައުލަތް ހިންގުން ހުއްޓިގެންދާތަން ބަލަން ސަރުކާރު ނޯންނާނެކަމަށް އާޒިމާ ވިދާޅުވިއެވެ.