ފަލަސްޠީނުގެ ޣައްޒާގައި ނިކަމެތިކޮށް ހާލުގައި ޖައްސާފައިވާ 2.1 މިލިޔަނެއްހާ މީހުންނަށް ކާބޯތަކެއްޗާއި އިންސާނީ އެހީ ބެހުމަށް ޣައްޒާ ހިޔުމެނިޓޭރިޔަން ފައުންޑޭޝަން (ޖީއެޗްއެފް)ން ޤާއިމު ކޮށްފައިވާ މަރުކަޒުތަކަށް ފަލަސްޠީނުގެ އެތައް ހާސް ބަޔަކު އެއްވާން ފަށައިފިއެވެ.
ޔަހޫދީންގެ ޢުދުވާންތަކަށް ކެތް ނުކުރެވިގެން 2023ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7ވަނަ ދުވަހު ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތުން ޔަހޫދީންނަށް އަމާޒު ކޮށް ދިން ޖިހާދީ ޙަމަލާއަކާ ގުޅިގެން، އެ ޙަމަލާތަކުގެ ބަދަލު ހިފުމުގެ ގޮތުން ޔަހޫދީ ފައުޖުން ވަނީ ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޤަތުލުޢާންމެއް ފަށާފައެވެ. ޙަމާސް ޖަމާޢަތާއި ޔަހޫދީންނާ ދެމެދު ޖަނަވަރީ 19ވަނަ ދުވަހު ޢަމަލު ކުރަން ފެށި ޢުދުވާން ހުއްޓާލުމުގެ އެއްބަސްވުމެއްގެ ދަށުން ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލި ނަމަވެސް، އެ އެއްބަސްވުމާ ޚިލާފުވެ މާރިޗު 18ވަނަ ދުވަހު ޔަހޫދީ ފައުޖުން ވަނީ އަލުން ޣައްޒާއަށް ޙަމަލާ ދޭން ފަށާފައެވެ.
އެއްބަސްވުމާ ޚިލާފުވުމުގެ ދުވަސްކޮޅެއް ކުރިން، މާރިޗު މަހުގެ 2ވަނަ ދުވަހު ޔަހޫދީން ވަނީ ޣައްޒާގެ ފުރަބަންދު ހަރުކަށިކޮށް، އެ ސަހަރަށް ކާބޯތަކެއްޗާއި އެހީގެ ސާމާނު ވެއްދުމަށް ހުރަސް އަޅާފައެވެ. އޭގެ ފަހުން ދެ މަހަށްވުރެ ގިނަ ދުވަސް ފާއިތުވެފައިވާއިރު ޣައްޒާގެ 2.3 މިލިޔަން ރައްޔިތުން ދަނީ އިންތިހާ ދަރަޖައަށް ބަނޑުހައިހޫނުކަމާއި ބަލިމަޑުކަމާ ކުރިމަތިލަމުންނެވެ. ނަމަވެސް ޔަހޫދީން މިހާރު ވަނީ ޣައްޒާއަށް މަދު ޢަދަދަކަށް ކާބޯތަކެއްޗާއި އެހީގެ ސާމާނު އެތެރެ ކުރުމުގެ ފުރުޞަތު ދީފައެވެ. އެ ފުރުޞަތުގެ ދަށުން ޣައްޒާއަށް މިހާތަނަށް ފޯރު ކޮށްދީފައި ވަނީ އެ ސަހަރުގެ ރައްޔިތުންނަށް ބޭނުންވާ ހަޤީޤީ ޢަދަދާ ގާތް ވެސް ނުކުރާވަރުގެ މަދު އެތިކޮޅެކެވެ.
ގިނަ ދުވަސްތަކެއް ވަންދެން ކާބޯތަކެއްޗާއި އެހީގެ ސާމާނު ނުލިބުމުގެ ސަބަބުން ޣައްޒާގެ ރައްޔިތުން ދަނީ އިންތިހާ ދަރަޖައަށް ބަނޑުހައިހޫނުކަން ތަޙައްމަލް ކުރަމުންނެވެ. ޣައްޒާގެ ރައްޔިތުންނަށް ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު ފޯރުކޮށްދިނުމުގެ މަސައްކަތް ޔަހޫދީންގެ އަތްދަށަށް ގެންދިޔުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން އެމެރިކާގެ ތާއީދާއެކު ޤާއިމު ކޮށްފައިވާ ޖީއެޗްއެފުން، ޣައްޒާގައި އެހީގެ ސާމާނު ބެހުމުގެ މަސައްކަތް ފަށާފައި ވަނީ މެއި މަހުގެ 27ވަަނަ ދުވަހުއެވެ. ދެ މަރުކަޒެއް މެދުވެރި ކޮށް ޖީއެޗްއެފުން އެ މަސައްކަތް ފެށި އިރު އެ ސަރަޙައްދުތައް ވަނީ ވަރަށް ބޮޑަށް ހަލަބޮލިވެފައެވެ. ގިނަ ޢަދަދެއްގެ މީހުން ވަނީ އެ ސަރަޙައްދުތަކުގައި ޖަހާފައި ހުރި ފެންސާއި ގޭޓުތައް ފަޅައި އެ ސަރަޙައްދުތަކަށް ވަދެގަނެފައެވެ. އެއާއެކު އެ ސަރަޙައްދުގެ ސަލާމަތީ ކަންކަން ބަލަހައްޓަމުން ދިޔަ އަމިއްލަ ކޮންޓްރެކްޓަރުންނަށް ވެސް ފަހަތަށް ޖެހުމަށް މަޖުބޫރުވިއެވެ.
ޖީއެޗްއެފުން މިހާރު ހަތަރު ސަރަޙައްދަކުން އެހީގެ ސާމާނު ބަހަމުންދާއިރު އޭގެ ތެރެއިން ތިން މަރުކަޒު ހުރީ ޣައްޒާގެ ދެކުނުގެ ސަރަޙައްދެއް ކަމަށްވާ ރަފަޙް ސަރަޙައްދުގައެވެ. ޣައްޒާގެ މެދުތެރޭގައި އޮންނަ ނެތުސާރީމް ސަރަޙައްދުގައި އިތުރު މަރުކަޒެއް ޤާއިމު ކޮށްފައިވެއެވެ.
ޖީއެޗްއެފް މެދުވެރިކޮށް އެހީ ބެހުމުގެ މި އައު ނިޒާމަށް އދއާއި އިންސާނީ މަސައްކަތް ކުރުމުގައި ޙަރަކާތްތެރިވާ ގިނަ ޢަދަދެއްގެ ޖަމްޢިއްޔާތަކުން ވަނީ ފާޑު ކިޔައިފައެވެ. ޣައްޒާއަށް އެހީގެ ސާމާނު ނުވެއްދި 11 ހަފްތާއަށްވުރެ ގިނަ ދުވަސް ފާއިތުވި ފަހުން ޣައްޒާއަށް މިހާރު އެތެރެ ކުރަމުންދާ މަދު ޢަދަދެއްގެ ސާމާނަކީ ޣައްޒާގެ ރައްޔިތުންގެ ބޭނުންތަކަށް އެކަށީގެންވާ ޢަދަދެއް ނޫން ކަމަށް އެ ޖަމްޢިއްޔާތަކުން ދަނީ ބުނަމުންނެވެ.
ޣައްޒާގެ ރައްޔިތެއް ކަމަށްވާ އުމުރުން 25 އަހަރުގެ ވިސާމް ޚާދިރު ބުނީ އޭނާގެ ޢާއިލާއަށް ކާބޯތަކެތި ހޯދުމަށްޓަކައި ރަފަޙް ސަރަޙައްދުގައި ޤާއިމު ކޮށްފައިވާ އެހީ ބަހާ މަރުކަޒަކަށް އޭނާ ގޮސްފައިވާ ކަމަށެވެ. އެއީ ނުރައްކާތެރި ކަމަކަށް ވުމުގެ ފުރުޞަތު އޮތް ނަމަވެސް އޭނާ އެ ތަނަށް ދިޔައީ އޭނާއާއި އޭނާގެ ޢާއިލާ ތަޙައްމަލް ކުރަމުންދިޔަ ބަނޑުހައިހޫނުގެ ސަބަބުން ކަމަށް އޭނާ ބުންޏެވެ. މެއި މަހުގެ 27ވަނަ ދުވަހުން ފެށިގެން ކޮންމެ ދުވަހަކު ވެސް އެ ތަނަށް ގޮސްގެން އޭނާއަށް މިހާތަަނަށް ލިބިފައި ވަނީ 3 ކިލޯގެ ޕެކޭޖެެއް ކަމަށް އޭނާ ބުންޏެވެ. އެ ޕެކޭޖުގައި ހިމެނެނީ ފުށް ކޮޅަކާއި ދަޅު މަހާއި ލޮނުކޮޅަކާއި ނޫޑުލިހާއި ބިސްކޯދާއި ޖޭމު ކަމަށް އޭނާ ބުންޏެވެ.
ނަމަވެސް ޣައްޒާގެ އުތުރުގެ ސަރަޙައްދުތަކުގައި ތިިބި އެތައް ހާސް މީހުންނަށް އެ މިންވަރަށް ވެސް އެހީގެ ސާމާނު ނުލިބެއެވެ. ޣައްޒާގެ އުތުރުގައި ތިބި މީހުން ތިބީ އެ ސަރަޙައްދުގައި ތާށިވެ ބަންދުވެފައެވެ. އެ ސަރަޙައްދަށް އެހީގެ ސާމާނު ހިފައިގެންދާ ލޮރީއަކަށް ވެސް ނުވަދެވެއެވެ.
އެހީގެ ސާމާނު ހޯދުމަށް ޣައްޒާގެ އެތައް ހާސް ރައްޔިތުންނެއް ސާމާނު ބަހާ މަރުކަޒުތަކަށް ދިޔުމަށް މިސްރާބު ޖަހާފައިވާ ނަމަވެސް ޔަހޫދީން އަދިވެސް ދަނީ ޣައްޒާއަށް އަމާޒުކޮށް ވަރުގަދަ ޙަމަލާތައް ދެމުންނެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެކަނި ވެސް ޣައްޒާގެ 45 ރައްޔިތުން ޝަހީދު ކޮށްލާފައިވެއެވެ. އޭގެ ތެރޭގައި ޣައްޒާގެ މެދުތެރޭގައި އޮންނަ ބުރައިޖު ކޭމްޕުގައި ދިރިއުޅެމުންދިޔަ 23 މީހުން ވެސް ހިމެނެއެވެ.
ޔަހޫދީންނާއި ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތާ ދެމެދު ޢުދުވާން ހުއްޓާލުމާ ގުޅޭ އެއްބަސްވުމެއް ޤާއިމު ކޮށްފާނެ ކަމަށް އަނެއްކާ ވެސް ބެލެވެން ފަށާފައިވާއިރު އެ އުންމީދު އައު ވެފައި ވަނީ އެއްބަސްވުމަކާ ހަމައަށް އައުމާ ގުޅޭ ކަރުދާހެއް އެމެރިކާއިން ތައްޔާރު ކުރަމުންދާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޚާއްޞަ މަންދޫބު ސްޓީވް ވިޓްކޮފް ވިދާޅުވުމާ ގުޅިގެންނެވެ. ނަމަވެސް ޢުދުވާން ހުއްޓާލުމަށް މީގެ ކުރިން ހުށަހަޅާފައިވާ ހުށަހެޅުންތަކާ މި ހުށަހެޅުން ތަފާތު ވަނީ ކިހިނެތް ކަމެއް ސާފެއް ނުވެއެވެ.
ޔަހޫދީންގެ ޤަތުލުޢާންމުގެ ދަށުން ޔަހޫދީ ފައުޖުން ވަނީ ޣައްޒާގެ އާބާދީގެ ބޮޑު އިންސައްތައެއް އެ މީހުންގެ ގެދޮރު ދޫކޮށް ދިޔުމަށް މަޖުބޫރު ކޮށްފައެވެ. އެ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 54،000އަށް އުފުލިފައިވާއިރު، އިތުރު 120,000އަށްވުރެ ގިނަ މީހުންނަށް ވަނީ ޒަޚަމު ކޮށްލާފައެވެ. އަދި، ޣައްޒާގެ ޢާންމުންގެ ގެދޮރާއި އުމްރާނީ ވަޞީލަތްތައް ވެސް ވަނީ ސުންނާފަތިކޮށް ބިމާ ހަމަކޮށްލާފައެވެ.
ޢުދުވާން ހުއްޓާލުމުގެ އައު އެއްބަސްވުމެއް ޤާއިމު ކުރުމަށް ޔަހޫދީން ވެސް ޙަމާސުން ވެސް ޚާއްސަ ޝަރުތުތަކެއް ކުރެއެވެ. ޔަހޫދީން ބުނަމުން ދަނީ ޙަމާސް ޖަމާޢަތް ނައްތާލެވެންދެން އެ މީހުން ޣައްޒާއަށް ޙަމަލާ ދެމުންދާނެ ކަމަށެވެ. ނަމަވެސް ޙަމާސުން ބުނަމުން ދަނީ އެ މީހުންގެ ޝަރުތަކީ ދާއިމީކޮށް ޙަމަލާ ބަދަލު ކުރުން ހުއްޓައިލުން ކަމަށެވެ. ދާއިމީކޮށް ޙަމަލާ ބަދަލު ކުރުން ހުއްޓައިލާ ނަމަ ޙަމާސްގެ ބެލުމުގެ ދަށުގައި ތިބި ޔަހޫދީންގެ 58 އަސީރުން މިނިވަން ކުރާނެ ކަމަށް ވެސް ޙަމާސުން ދަނީ ބުނަމުންނެވެ. ނަމަވެސް ޔަހޫދީން އެދޭ ގޮތަށް ޙަމާސުން ހަތިޔާރު ތިރި ނުކުރާނެ ކަމަށް އެ ޖަމާޢަތުން ވަނީ ބުނެފައެވެ.
ޣައްޒާގެ ރައްޔިތުން ގަސްތުގައި ބަނޑަށް ޖައްސަމުންދާތީ ބައިނަލްއަޤްވާމީ ދުނިޔެއިން ދަނީ ޔަހޫދީންނަށް ފިއްތުންތައް ކުރިމަތިކުރުވަމުންނެވެ. މީގެ ކުރިން ޔަހޫދީންނަށް ފާޑު ކިޔުމަށް ފަސްޖެހިފައި ތިބި ވިލާތުގެ ޤައުމުތަކުން ވެސް މިހާރު ދަނީ ޣައްޒާއަށް ޙަމަލާ ދިނުން ހުއްޓާލައި އެ ސަހަރަށް ހުރަހެއްނެތި އެހީގެ ސާމާނު ވެއްދުމުގެ ފުރުޞަތު ދިނުމަށް ގޮވައިލަމުންނެވެ.