ޚަބަރު

"މަރުގެ ޙުކުމް ތަންފީޒު ކުރަންޖެހެނީ ޙާލަތު ބަދަލުވެފައިވާތީ"


50 އެތައް އަހަރެއް ފަހުން ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒުކުރަން ފަށަން ޖެހިފައިވަނީ ރާއްޖޭގައި ކުށްކުރުމުގެ ޙާލަތައް އައިސްފައިވާ ބަދަލުގެ ސަބަބުންކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރ އަލްއުސްތާޛާ އާއިޝަތު އާޒިމާ ޝަކޫރު ވިދާޅުވެއްޖެއެވެ.

ޕީ.އެސް.އެމް ނިއުސްގެ ދެން ކޮން ސުވާލެއް ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މިނިސްޓަރ އަލްއުސްތާޛާ އާއިޝަތު އާޒިމާ ޝަކޫރު ވިދާޅުވީ ރާއްޖޭގައި މަރުގެ ޙުކުމް ތަންފީޒުކުރަން ސަރުކާރުން އަލުން މަސައްކަތް ފަށާފައިވާތީ ޔޫރަޕިއަން ޔޫނިއަންގެ ޕާލަމެންޓުން ކަންބޮޑުވުން ފާޅުކޮށްފަވީނަމަވެސް، 50 އެތައް އަހަރެއްފަހުން ރާއްޖޭގައި މަރުގެ ޙުކުމް ތަންފީޒު ކުރުމުގެ މަސައްކަތް އަލުން ފާށާފައިވަނީ ރާއްޖޭގެ ކުށުގެ ޙާލަތު މިހާރު ބަދަލުވެފައިވާތީކަމަށެވެ. އެގޮތުން ކުށްކުރުމުގެ ޙާލަތު ވޭތުވެދިޔަ ދުވަސްތަކުގައި ވަރަށް ބޮޑަށް ބަދަލުވެފައިވާކަން އާޒިމާ ތަފްސީލް ކޮށްދެއްވި. ރާއްޖޭގައި މަރުގެ ޙުކުމް ތަންފީޒު ކުރަނީ އިސްލާމީ ޝަރީޢަތުގައި އެގޮތަށް އޮތުމުން ކަމަށާއި، އިސްލާމީ ޝަރީޢާ ތަންފީޒުކުރުމަށް ކުރާ މިފަދަ ކަންކަމަށް ބޭރުގެ ގޮވާލުންތަކާ ގުޅިގެން ބަދަލުކުރެވެން ނޯންނާނެކަމަށް އާޒިމާ ވިދާޅުވިއެވެ.

ޤައުމުތަކުގެ ޖިނާއީ ޢަދުލުގެ ނިޒާމް ބިނާކޮށްފައި އޮންނަނީ އެޤައުމަކުން ޤަބޫލުކުރާ ކަންތައްތަކުގެ މައްޗަށް ކަމަށާއި، އެއް ޤައުމެއްގައި ޖިނާއީ ކުށަކަށްވާކަންކަން އަނެއް ޤައުމެއްގައި ކުށަކަށް ނުވެ ހިނގައިދާނެކަމަށް އާޒިމާ ވިދާޅުވިއެވެ. އެގޮތުން އެއްޖިންސުން ގުޅުން ހިންގުމުގެ ފުރުޞަތު ރާއްޖޭގައި ދިނުމަށް ގޮވާލުންފަދަ ރާއްޖޭގެ ޖިނާއީ ޢަދުލުގެ ނިޒާއި، އިސްލާމް ދީނާ ޚިލާފު ކަންކަން ބޭރުގެ ފަރާތްތަކުން ގޮވާލާ ގޮވާލުމަކުން ބަދަލު ނުކުރެވޭނެކަމަށް އާޒިމާ ވިދާޅުވިއެވެ.