ޚަބަރު

އީސިސީއާއިދިމާލުން ބާރުސްޕީޑްގައި ދުއްވާފަދިޔަ ކާރެއްފުރޮޅާލައިފި


އައްޑޫސިޓީ ކޮންވެންޝަން ސެންޓަރު ކައިރިން ރޭ ބާރު ސްޕީޑްގައި ދުއްވާފަ ދިޔަ ކާރެއް ކޮންޓްރޯލުން ނެއްޓި ފުރޮޅާލައިފިއެވެ. މައުލޫމާތު ލިބޭ ގޮތުގައި ކޮންވެންޝަން ސެންޓަރ އާއި ދިމާލުން ބާރު ސްޕީޑްގައި ދުއްވާފައި ދިޔަކާރު ފުރޮޅީ ގޯޅި އަޅަން އުޅެނިކޮށެވެ. ކާރު ފުރޮޅިއިރު ކާރު ދުއްވަން އިނީ ފިރިހެން ޒުވާނެކެވެ. އަދި މިޒުވާނާއަށް އެއްވެސް ވަރެއްގެ އަނިޔާއެއް ލިބިފައި ނުވާކަމަށް މައުލޫމާތުލިބެއެވެ.

ބާރު ސްޕީޑްގައި ދުއްވުމުގެ ސަބަބުން މިފަދަ ނުރައްކާތެރި ޙާދިސާތަކާއި، އެކްސިޑެންޓްތައް އައްޑޫސިޓީގައި އިތުރުވަމުންދާތީ، އެކަން ޙައްލުކުރުމަށްޓަކައި ޓްރާންސްޕޯޓް އޮތޯރިޓީއާއި، ޕޮލިސް ސާރވިސް އަދި އައްޑޫސިޓީ ކައުންސިލުންވަނީ މި މަހުގެ 14 ވަނަ ދުވަހު މަޝްވަރާ ބައްދަލުވުމެއް ބާއްވާފައެވެ. މި މަޝްވަރާ ބައްދަލުވުމުގެ ދަށުން އޯވަރޓޭކް ކުރެވޭނެ ތަންތަނާއި އެފަދަ ޤަވާއިދުތައް އަންގައިދިނުމަށް ހުންނަ ނިޝާންތައް ރަނގަޅަށް އެނގޭނެހެން ކުރަހައި ކެޓްސް އައި ހަރުކުރުމާއި، ބާރު ސްޕީޑްގައި ދުއްވާމީހުންނާއި އަދި އެނޫންވެސް ޤާނޫނާއި ޤަވާއިދުތަކާއި ޚިލާފުވާ މީހުން ހުއްޓުވުމަށް އެދެވިގެންވާ ގޮތެއްގައި މަސައްކަތްކޮށް، ގިނައިން އެކްސިޑެންޓްވާ ޞަރަޙައްދުތަކުގައި ރަމްބަލް ސްޓްރިޕްސް ބޭނުންކުރުމާއި، ޕާކިންގް ޒޯންތަކަށް މީހުން އަހުލުވެރުކުރުވުމާއި ބެހޭގޮތުން މި ބައްދަލުވުމުގައި މަޝްވަރާކޮށްފައިވެއެވެ.