ޚަބަރު

ޖެންޑަރއިން ކުޑަކުދިންނާ ރަށްޓެހި އިންޓަވިކުރާ ކޮޓަރިތަކެއް


ކުޑަކުދިންނަށް ކުރާ އަނިޔާއާއި ހާނިއްކައާއި އިހުމާލުވުމުގެ މައްސަލަތަކުގައި އެކުދިންނާއި މުޢާމަލާތުކުރުމަށް ބޭނުންވާ ޚާއްޞަ އިންޓަވިއު ރޫމްތަކެއް ދެއަތޮޅެއްގައި ޤާއިމްކޮށްފިއެވެ.

ޔުނައިޓެޑް ނޭޝަންސް ޗިލްޑްރެންސް ފަންޑް ( ޔުނިސްފް)އާއި މޯލްޑިވްސް ޕޮލިސް ސަރވިސްގެ އެހީތެރިކަމާއެކު މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީން އިންޓަވިއު ރޫމްތައް ޤާއިމްކުރީ އެމިނިސްޓްރީން ފ އަތޮޅު ނިލަންދޫއާއި ދ ކުޑަހުވަދޫގައި ހިންގާ ފެމިލީ އެންޑް ޗިލްޑްރެން ސަރވިސް ސެންޓަރުތަކުގައެވެ.

މިދެ އިންޓަވިއު ރޫމް ހުޅުއްވައިދެއްވީ މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީގެ ސްޓޭޓް މިނިސްޓަރ ޑރ. މަރިޔަމް ޖަބީނެވެ. ކުޑަކުދިންނާ ވަރަށް ގުޅޭ ގޮތަށް ތައްޔާރުކޮށްފައިވާ އެ ކްލާސްރޫމަތަކަކީ އަނިޔާގެ ޝިކާރައަށް ވެފައިވާ ކުދިންނާ މުޢާމަލާތުކުރުމަށް އެކަށީގެންވާ މާޙައުލެއް ގާއިމުކޮށްދީ، ކުދިންނާ ގުޅުންހުރި ތަޙްޤީޤުތައް ހަރުދަނާކުރުމަށް އެޅި ކްލާސްތަކެއް ކަމަށް ޖެންޑަރ މިނިސްޓްރީން ބުނެއެވެ. އެމިނިސްޓްރީން ބުނީ އެހެންއަތޮޅުތަކުގައި ހުރި ފެމިލީ އެންޑް ޗިލްޑްރެން ސަރވިސް ސެންޓަރުތަކުގަވެސް މީގެ ކްލާސްރޫމްތައް ޤާއިމުކުރުމަށް ނިންމާފައިވާކަމަަށެވެ. އިޖްތިމާޢީ ރައްކާތެރިކަން ކަށަވަރުކޮށް، ކުޑަކުދިންނަށް ކުރާ އަނިޔާއާއި ހާނިއްކައިގެ މައްސަލަތައް ޙައްލުކުރުމަށް ކަމާގުޅުން ހުރި އިދާރާތަކާއި މުއައްސަސާތައް ގުޅިގެން ޖެންޑަރ މިނިސްޓްރީންދަނީ މިފަދަ އިތުރު ވަޞީލަތްތައް އަތޮޅުތެރޭގެ އެކި ހިސާބުތަކުގައި ޤާއިމްކުރުމުގެ މަސައްކަތްކުރަމުންނެވެ.ވަކިން ޚާއްޞަކޮށް ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތައް ތަޙްޤީޤުކުރުމުގެ ކަންކަން މިހާރަށްވުރެ ހަރުދަނާކުރަން ޖެންޑަރ  މިނިސްޓްރީން ދަނީ ގިނަ މަސައްކަތްތަކުގެ ސަބަބުން މިފަދަ މައްސަލަތައް ރިޕޯޓްކުރާ މިންވަރުވެސް މިހާރުވަނީ އިތުުރުވެފައެވެ.

 ހަމަ އެކަނި މިއަހަރުގެ ޖެނުއަރީމަހު ޖެންޑަރ މިނިސްޓްރީއަށް ހުށައެޅި މައްސަލަތަކުގެ ތަފްޞީލަށް ބަލާލާއިރު، ކުޑަކުދިންނަށް ޖިންސީ އަނިޔާ ކޮށްގެން 29 މައްސަލައެއް ހިމެނެއެވެ. އަދި އިހުމާލުވުމުގެ 13 މައްސަލައާއި ނަފުސާނީ ހާނިއްކަ ކުރުމުގެ 10 މައްސަލައެއް ވެސް ހުށަހަޅާފައިވެ އެވެ.