ޚަބަރު

ސިޔާސީ ކުށްވެރިން – މިއީ ކޮންބައެއް؟


"ސިޔާސީ ކުށްވެރިން" މިބަހަކީ މިއަދު އަޅުގަނޑުމެންނަށް އައު ބަހެއް ނޫނެވެ. ދިވެހިރާއްޖޭގެ ޑިމޮކްރެޓިކް ހަޔާތުގައި ހިނގަމުންދާ ކަންކަމުގެ ތެރެއިން "ސިޔާސީ ކުށްވެރިން" މިބަހަކީ ވަރަށް ޢާއްމުކޮށް އިވޭ ބަހެކެވެ. އެހެންކަމުން ރާއްޖޭގައި މިބަސް ބޭނުންކުރަނީ ކޮން އުޞޫލަކުންތޯ ބަލައިލުމަކީވެސް މުހިއްމުކަމެކެވެ.

ސިޔާސީ ތަޖުރިބާކާރުން ޤަބޫލުކުރާ ގޮތުގައި ސިޔާސީ ކުށްވެރިންނަކީ، އެމީހުންގެ މައްޗަށް ވެރިކަންކުރަން އޮންނަ ސަރުކާރަކާ ދެކޮޅަށް އަޑު އުފުލައިގެން ޖަލަށްލާ ފަރާތްތަކެވެ. ނުވަތަ ފާޅުކުރާ ޚިޔާލަކުން ނުވަތަ ލިޔާ ލިޔުމަކުން ޖަލަށްލާ ފަރާތްތަކެވެ.

ތާރީޚީ ފޮތްތަކަށް ނަޒަރު ހިންގާލުމުން، އެކި ޢާއިލާތަކުގެ ރަސްކަން ހިނގަމުންދިޔައިރުވެސް ރާއްޖޭގައި "ސިޔާސީ ކުށްވެރިން" ތިބި ކަމަށްވެއެވެ. ރަސްކަމާ ދެކޮޅަށް އަޑު އުފުލާ ފަރާތްތައް، ނުވަތަ ރަސްކަން ހޯދަން މަސައްކަތްކުރާ ފަރާތްތަކަށް ބޮޑެތި އަދަބުދީ، އަރުވާލާފައިވެއެވެ. އޭގެފަހުން ޖުމްހޫރިއްޔަތަކަށް ބަދަލުވެ، ރާއްޖޭގައި ވެރިކަންކުރެއްވި ރައީސުންގެ ވެރިކަމުގައިވެސް ސިޔާސީ ކުށްވެރިން ތިބިކަމަށްވެއެވެ. ވެރިކަމުގައި ހުންނެވި ބޭފުޅާއާ ގުޅޭގޮތުން ދައްކާ ވާހަކައަކުން، ނުވަތަ ފާޅުކުރާ ޚިޔާލަކުން ކިތަންމެ ބަޔަކު ޖަލަށްލާ، އަދަބު ދީފައިވެއެވެ.

މިގޮތުން ރައީސް މައުމޫންގެ ވެރިކަމުގައި ރާއްޖޭގައި އިންތިހާއަށް ސިޔާސީ ކުށްވެރިން ތިބިކަމަށް ބުނެއެވެ. ލިޔުނު ޙަބަރަކާ ގުޅޭގޮތުން ކިތަންމެ ނޫސްވެރިޔަކު ޖަލަށްލާ، އަނިޔާކޮށްފައިވެއެވެ. ދީނީ ގޮތުން ފާޅުކުރާ ޚިޔާލަކާ ގުޅިގެން ކިތަންމެ ދީނީ ޢިލްމުވެރިޔަކު ޖަލަށްލާ، ޓޮމާޓޯ ސޯސްލައިގެން ތުނބުޅިވެސް ބާލާފައި އެބަހުއްޓެވެ. ރައީސް މައުމޫންގެ ނަންފުޅު ނުބައިކޮށް ކިޔައިގެންވެސް ޖަލަށްލާފައި ހުރިކަމަށްވެސް ބުނެއުޅެއެވެ. ރައީސް މައުމޫނުގެ ޒަމާނުގައި ސިޔާސީ ކުށްވެރިންގެ ގޮތުގައި ޖަލުގައި ފޮތް ލިޔެގެން ޖަލަށްލާފައިވާ ނޫސްވެރިންނާއި ދީނީ ޝިޢާރު ފާޅުކޮށްގެން ޖަލަށްލާފައިވާ ދީނީ އިލްމުވެރިން މިލިސްޓުގައި ނިސްބަތުން ގިނައެވެ.

img:http://s3.psmnews.mv/images/660x400/14578552656945.jpg|މާފުށި ޖަލު، މައުމޫނުގެ ވެރިކަމުގައި ބިނާ ކުރެއްވި ޖަލެއް / ފައިލް ފޮޓޯ

ދެހާހުގެ ކުރީކޮޅު ރާއްޖޭގައި މިހާރު މިފެންނަފަދަ ސިޔާސީ ހަރަކާތްތައް އާއްމުވާން ފެށިއިރު، ރައީސް މައުމޫނާ ދެކޮޅަށް މަގުމަތީގައި އަޑުއުފުލާ ކޮންމެ މީހަކީ ޖަލުގެ އަހުލުވެރިއެކެވެ. މުޒާހަރާކުރުމާއި ޚިޔާލު ފާޅުކުރުމަކީ ރައީސް މައުމޫނުގެ ދިގު ވެރިކަމުގައި ޤާނޫނީ ގޮތުން މަނާ ކަންކަމަށްވާއިރު، އެކަމުން އެންމެ ބޮޑު އަދަބެއް ލިބިވަޑައިގަތް އެއް ބޭފުޅަކީ ކުރީގެ ރައީސް ނަޝީދެވެ. 1991 ވަނަ އަހަރު ސަންގު ނޫހުގައި ލިޔުއްވި މަޒުމޫނަކާ ގުޅިގެން ޖަލަށްލިއެވެ. ނަޝީދު ވިދާޅުވާ ގޮތުން 12 ދުވަސްވަންދެން ޖަލުގައި ބޭއްވީ އަނދަގޮނޑީގައެވެ. ކާން ދިނީ ފުޅިތޮށި އަޅާފައިވާ ހުންނަ ކާ އެއްޗެހިކަމަށް ނަޝީދު ވިދާޅުވިއެވެ. އޭގެފަހުންވެސް ނަޝީދު ހައްޔަރުކޮށް އަދަބުދީފައި އެބަހުއްޓެވެ. މިގޮތުން 1999 ވަނަ އަހަރު ނަޝީދު މަޖިލީހަށް އިންތިޚާބުވުމުން އޭނާގެ ގޮނޑި ގެއްލުވާލުމަށް މައުމޫން ކުރެއްވި މަސައްކަތްޕުޅު ފާހަގަކޮށްލެވެއެވެ. މިގޮތުން ތަޅާލާފައިވާ ޢިމާރާތެއްގެ ތެރޭގައި އޮތް ކަރުދާސްކޮޅެއް ވަގަށް ނެގިކަމަށް ބުނެ ނަޝީދުގެ މައްޗަށް ދައުވާކޮށް، އަރުވާލިއެވެ. އަދި މުޅި ދުނިޔެއަށް ނަޝީދަކީ މައުމޫނުގެ ސިޔާސީ ކުށްވެރިއެއްގެ ގޮތުގައި މަޝްހޫރުވިއެވެ.

img:http://s1.psmnews.mv/images/660x400/14571868712568.jpg|ކުރީގެ ރައީސް މުޙައްމަދު ނަޝީދު / ފައިލް ފޮޓޯ: ޕީއެސްއެމް

މިއީ އޭރު ރާއްޖޭގެ ޙާލަތެވެ. ނަމަވެސް 2008 ވަނަ އަހަރު ރާއްޖޭގައި ތަސްދީޤުކުރެވުނު ޤާނޫނުއަސާސީއާއެކު ދިވެހިންނަށް މީގެކުރިން ނުލިބި އޮތް ކިތަންމެ މިނިވަންކަމަކާއި ހައްޤުތަކެއް ލިބިގެންދިޔައެވެ. އެމިނިވަންކަމާއި ހައްޤުތަކާއެކު ރައްޔިތުންނަށް ލިބިގެންދިޔަ ޔަޤީންކަމަކީ ވެރިޔަކަށް ހުންނަ މީހާ ހިތަށްއަރާހާ މީހަކު ޖަލަށް ނުލެވޭނެކަމެވެ. މައުމޫނުގެ ވެރިކަމުގައި ތަހުޤީޤަށް ބަންދުކުރާ މީހާއާ މެދު ކަންތައް ކުރެވޭ ގޮތާއި މިއަދު ރާއްޖޭގައި ބަންދުކުރެވޭ މީހުންނާ މެދު އަމަލުކުރާ ގޮތް ހާސްބައި ތަފާތެވެ. ތަހުޤީޤަކާ ނުލައި އަހަރު ދެއަހަރު ޖަލުގައި މިއަދު ނުބޭއްވޭނެއެވެ. އަދި ނުވެސް ބާއްވާނެއެވެ. ގަޔަށް ހަކުރު އަޅާފައި ގަސްގަހުގައި ބިޑިއަޅުވާފައި ނުބައްވާނެއެވެ. ހަތަރެސް ފައި ބަނދެފައި ކަނޑަށް އެއްލާލި ޒަމާން މާޒީވެއްޖެއެވެ. ގޭގެއަށް ވަދެ ކުޑަކުދިންގެ ބުށްދަޅުތައް އުކާލި ޒަމާންވެސް ހިނގައްޖެއެވެ. އޭތި މީތި ލައިގެން ތުނބުޅިއާއި ބޯ ބޭލި ޒަމާނެއް ދެނެއް ނާންނާނެއެވެ.

img:http://s4.psmnews.mv/images/660x400/15212948094379.jpg|މައުމޫނުގެ ވެރިކަމުގައި މާފުށި ޖަލުގައި ތިބި ކުށްވެރިންތަކެއް

މިފަދަ ދަށު ދަރަޖައިގެ އަމަލުތައް ދެން ނުފެންނާނީ ޤާނޫނީ ވެރިކަމެއް ރާއްޖޭގައި ހިނގާތީއެވެ. އެންމެނަށް ހަމަހަމަކަމާއެކު އަދުލްއިންސާފު ޤާއިމްކުރެވުމުންދާތީއެވެ. ކުށްކުރާ މީހާއަށްވެސް ހައްޤުތަކެއް ދީފައިވާތީއެވެ. ތަހުޤީޤީ މަރުހަލާއިން ފެށިގެން ޝަރީޢަތް ނިމުމާ ހަމައަށް އަމަލުކުރަންޖެހޭ އުސޫލުތަކެއް މިއަދު މިވަނީ ޤާއިމްވެފައެވެ. ބޭނުންހާ ގޮތެއް މިއަދު ނުހެދޭނެއެވެ. ނުވެސް ހަދާނެއެވެ. އެހެންކަމުން ރާއްޖޭގައި މިހާރަކު ސިޔާސީ ގޮތުން މީހަކު ދައްކާ ވާހަކައެއްގެ ސަބަބުން، ނުވަތަ ފާޅުކުރާ ޚިޔާލަކުން އަދަބެއް ނުދޭނެއެވެ. ނުވެސް ދެވޭނެއެވެ. ޤާނޫނުތައް އެއަށްވުރެ ފުރިހަމައެވެ. ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ އަމާޒަކީވެސް އެއީއެވެ. ބޮޑު ކެކުރިއެއް ކުޑަ ކެކުރިއެއް ނުބަލާ އެންމެންގެ މައްޗަށް ހަމަހަމަކަމާއެކު ޤާނޫނު ތަންފީޒުކުރެމެވެ.

މިއަދު ރާއްޖޭގެ ސިޔާސީ މަސްޜަހުގައި ހިނގަމުންދާ ކަންކަމަށް ބަލާލުމުން ފެންނަނީ "ސިޔާސީ ކުށްވެރިން" ދޫކޮށްލުމަށް ގޮވާލާ ބަޔަކު އަޑުއުފުލާ މަންޒަރެވެ. ނަމަވެސް ފަނޑިޔާރަކު ރަހީނުކުރި ފަރާތަކަށް އަދަބު ދިނުމުން ސިޔާސީ ކުށްވެރިއަކަށް އެމީހާ ވާނެތޯއެވެ. ދައުލަތަށް ދައްކަންޖެހޭ އެތައް މިލިއަން ޑޮލަރެއް ނުދައްކާ، ވެރިކަން ވައްޓާލަން ފަނޑިޔާރުންނަށް ރިޝްވަތުދޭ ފަރާތްތައް ސިޔާސީ ކުށްވެރިންނަށް ވާނެތޯ؟ ޤައުމުގައި ހަމަނުޖެހުން އުފައްދާ، ޓެރަރިޒަމްގެ އަމަލުތަކަށް ގޮވާލާ ފަރާތްތައް ސިޔާސީ ކުށްވެރިންގެ ގޮތުގައި ބެލެވިދާނެތޯ؟ ރައީސުލްޖުމްހޫރިއްޔާ އަވަހާރަކޮށްލަން ބޮންގޮއްވުމުގައި އުޅުނު ފަރާތްތައް ސިޔާސީ ކުށްވެރިންނަށް ވާނެތޯ؟ ގޭތެރެއިން ހަނގުރާމަވެރި ހަތިޔާރު ފެނިގެން އަދަބު ލިބުމުންވެސް ވާނީ ހަމަ ސިޔާސީ ކުށްވެރިއަކަށްތޯ؟ މަގުމަތީގައި ހަމަނުޖެހުން އުފައްދާ ފުލުހުންނަށް ހަމަލާދީ، ތަންތަނުގައި އަލިފާން ރޯކޮށް ހުޅުޖަހާ ފަރާތްތަކަށް އަދަބު ދިނުމުންވެސް ވާނީ ސިޔާސީ ކުށްވެރިއަކަށްތޯ؟ މިއީ އަޅުގަނޑުމެން މިއަދު ކޮށްލަން ރަނގަޅު ސުވާލުތަކެކެވެ. ސިޔާސީ ޕާޓީއަކަށް ނިސްބަތްވާ، ނުވަތަ ސިޔާސީ ހަރަކާތްތަކުގައި އުޅޭ މީހަކު ކުރާ ޖިނާޢީ ކުށަކަށް އަދަބުދިނުމުން، އެއީ ސިޔާސީ ކަމަކަށް ހަދާތަން މިއަދު މިދަނީ ފެންނަމުންނެވެ. މިފަދަ ކަންކަން ކުރުމަށް ބައެއް ދިވެހިންނަށް ހިތްވަރު ދެނީ ހުޅަނގުގެ ލާދީނީ ފިކުރުތަކުގެ ޖަމްޢިއްޔާތަކުންނާއި ޤައުމުތަކުންނެވެ. މިފަދަ ޖަމްޢިއްޔާތަކަކީ ހުޅަނގުގެ ބޮޑެތި ނުފޫޒުތަކުގެ އެޖެންޑާ ދުނިޔެއަށް ފަތުރަން މަސައްކަތްކުރާ ޖަމްޢިއްޔާތަކެވެ. ދީނީ މިނިވަންކަން ނެތިއްޖެނަމަ އެއީ ހުދުމުހުތާރު ވެރިކަމެއް ހިނގާ ޤައުމެއްގެ ގޮތުގައި ލޭބަލްކޮށްލާކަށް މާގިނަ ދުވަހެއް ނުނަގައެވެ.

img:http://s1.psmnews.mv/images/660x400/15212948401338.jpg|ސިޔާސީ ކުށްވެރިން ދޫކޮށްލުމަށް ގޮވާލާ ބޭއްވި އެއްވުމެއްގެ ތެރެއިން

މިއަދު ރާއްޖޭގެ މަގުތައް މަތީގައި ބައެއް ފަރާތްތަކުން ހިންގާ ޣައިރު ޤާނޫނީ އަމަލުތައް މިބުނާ ޖަމްޢިއްޔާތަކުން ދިފާއުކުރަނީވެސް އެމީހުންގެ ލާދީނީ އެޖެންޑާގެ ދަށުންނެވެ. ކޮންމެހެން ދިވެހިންނަށް ހެޔޮ އެދިގެނެއް ނޫނެވެ. ސިޔާސީ ކުށްވެރިންގެ ދިފާޢުގައިކަމަށް ބުނެ ހަރަކާތްތެރިވާ ބައިނަލްއަޤްވާމީ ބައެއް ޖަމްޢިއްޔާތަކަކީ މުސްލިމުންގެ ސަޤާފަތާއި އާދަކާދަތައް ފުނޑުފުނޑުކޮށްލުމުގެ ނިޔަތުގައި ހަރަކާތްތެރިވާ ބައެއްކަމަށް އިސްލާމީ ބޮޑެތި ޤައުމުތަކުންވެސް ސިފަކުރެއެވެ. ރާއްޖެއަކީ ހުޅަނގުގެ ނުފޫޒުތަކުގެ އަމާޒަކަށްވެފައިވާ ހަމައެކަނި ޤައުމެއް ނޫނެވެ. އޭޝިޔާއާއި މެދު އިރުމައްޗާއި ޢަރަބި ޤައުމުތަކުންވެސް މިމަންޒަރު ފެނެއެވެ. 

އިސްލާމްދީނާ ދެކޮޅަށް މަސައްކަތްކުރާ ފަރާތްތަކާއި ޤައުމުތަކުގެ ވެރިކަން ވައްޓާލަން މަސައްކަތްކުރާ ފަރާތްތަކަށް އަދަބު ދިނުމުން އެއީ ސިޔާސީ ކުށްވެރިންގެ ގޮތުގައި ހުޅަނގުގެ ޤައުމުތަކުން ސިފަކުރުމަކީ ޢާއްމުކަމެކެވެ. ތަޖުރިބާކާރުން ބުނަނީ ޖިނާޢީ ކުށްކުރާ އެފަދަ ފަރާތްތައް ސިޔާސީ ކުށްވެރިންގެ ގޮތުގައި ހުޅަނގުން ލޭބަލް ކުރަނީ އެމީހުންނަށް ހަމްދަރުދީ ހޯދައިދީ، އެމީހުންގެ އިތުބާރު ހޯދުމަށްކަމަށެވެ. އަދި އެއަށްފަހު އެފަދަ ސިޔާސީ ކުށްވެރިންނަށް އެހީތެރިވެގެން ޤައުމުތަކުގެ ވެރިކަމާ ހަމައަށް އައުމަކީވެސް ހުޅަނގުން ގެންގުޅޭ އުޞޫލެކެވެ. ހުޅަނގުގެ ފިކުރުތަކާ ދެކޮޅު ޤައުމުތަކުގެ ވެރިކަން ވައްޓާލަން މަސައްކަތްކުރާ ފަރާތްތަކަށް ފޯރުކޮށްދޭ އެހީތަކުންވެސް މިކަން ސާބިތުވެއެވެ. މިފަދަ ހުރިހާ ޤައުމެއްގެ އިދިކޮޅު ފަރާތްތަކާ، ހުޅަނގުގެ ލާދީނީ ޖަމްޢިއްޔާތަކާއި ނުފޫޒުތައް އޮންނަނީ އަބަދުވެސް ގުޅިފައެވެ. ރާއްޖެއިން މީގެ ކުރިންވެސް މިމަންޒަރު ފެނިފައިވެއެވެ. މިއަދުވެސް ރާއްޖެއިން މިފެންނަނީ އަނެއްކާވެސް އެމަންޒަރެވެ. ޖިނާޢީ ބޮޑެތި ކުށްކުށަށް އަރައިގެންފައިވާ މީހުންނަކީ ބަތަލުންކަމަށް ދެއްކުމަށް އެދަނީ މަސައްކަތްކުރަމުންނެވެ.

img:http://s3.psmnews.mv/images/660x400/15212949069133.jpg|ސިޔާސީ ކުށްވެރިން ދޫކޮށްލުމަށް ގޮވާލާ ބޭއްވި އެއްވުމެއްގެ ތެރެއިން

އަޅުގަނޑުމެން ބައިބައިކޮށްލާ މި ޤައުމު ހަލާކުގެ ތެރެއަށް ވައްޓާލުމަށް ލާދީނީ ނުފޫޒުތަކުން ކެނޑިނޭޅި އެދަނީ މަސައްކަތްކުރަމުންނެވެ. ހަމަ އެންމެ ބޭނުމެއްގައެވެ. އަޅުގަނޑުމެންގެ އެއްބައިވަންތަކަމާއި އެއްބައެއްވަންތަކަން ނަގާލާ، ވެއްޔާއި މޮޑެލާށެވެ. އިސްލާމްދީން މިޤައުމުން ފޮހެލުމެވެ. ނަމަވެސް ދިވެހިންނަކީ އެހާ ބަލިކަށި ބައެއް ނޫނެވެ. ދިވެހިންނަކީ މިފަދަ ކޮންމެ ކަމަކާވެސް ހިތްވަރާއެކު ކުރިމަތިލާ، އަދުއްވުންގެ މައްޗަށް ކާމިޔާބާއި ނަސްރު ހޯދުމަށް ގަދައަޅާ މަސައްކަތް ކުރާ ބައެކެވެ.