އިސްލާމް ދީން ނޫން އެހެން ދީނަކަށް މި ދިވެހި ފަސްގަނޑުގައި އެއްވެސް ޖާގައެއް ނެތްކަމަށާއި، އިސްލާމްދީން ރައްކާތެރިކޮށް ހިމާޔަތްކުރުމަށް އެންމެހާ ދިވެހި ރައްޔިތުންނަށް ރާއްޖޭގައި އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ ރައީސް ގޮވާލައްވައިފިއެވެ.
ރާއްޖޭގައި ދީނީ މިނިވަންކަން ނެތްކަމަށާއި، އެއްޖިންސުން ގުޅުން ހިންގުމުގެ ހުއްދައާއި މަރަށް މަރު ނުހިފުމަށް ބައެއް ފަރާތްތަކުން ގޮވާލާ ގޮވާލުންތައް ކުށްވެރިކޮށް އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ ރައީސް ފަޟީލަތުއްޝައިޚް މުޙައްމަދު ރަޝީދު އިބްރާހިމް ވިދާޅުވީ، މީގެ 891 އަހަރު ކުރިން ފެށިގެން ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމުން ދިރިއުޅޭ އިސްލާމީ ވަންތަ ސިފަތަކާއި، އިސްލާމް ދީނުގެ އުޞޫލުތަކާއި އަޞްލުތަކަށް ޢަމަލުކުރަމުން އަންނަ ޤައުމެއްކަމަށެވެ.
އިސްލާމް ދީން ނޫން އެހެން ދީނެއްނުވާކަމަށާއި، މާތްވެގެންވާ އިސްލްދީނުގައި މާތްﷲ ކަނޑައެޅިގެން ޙަރާމް ކުރައްވާފައިވާ ކަންކަމާއި، ބާޠިލު ދީންތައް ރާއްޖެއަށް ގެންނަން އެއްވެސް ބަޔަކު ކުރާ މަސައްކަތައް މިރާއްޖޭގައި ޖާގަދެވިގެން ނުވާނެކަމަށް ފަޟީލަތުއްޝައިޚް މުޙައްމަދު ރަޝީދު އިބްރާހިމް ވިދާޅުވިއެވެ. އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ ރައީސް ވިދާޅުވީ އިސްލާމް ދީނާއި ޚިލާފުކަންކަން ރާއްޖޭގައި ފަތުރަން އުޅޭނަމަ ދީން ރައްކާތެރިކޮށް ދީންނަށް ޙުރުމަތްތެރިކޮށް ހިތުމަކިީ އަޅުގަނޑުމެން އެންމެނަށްވެސް ވާޖިބުވެގެންވާކަމަށެވެ.
" މިއަދު އަޅުގަނޑާއި ތިޔަބޭފުޅުންނާއި، އެންމެން ގުޅިގެން ހުރިހާ ދިވެހިރައްޔިތުން އަލުގަނޑުމެންގެ ދީން ސަލާމަތްކުރުމައްޓަކައި، އަޅުގަނޑުމެންގެ ތެރޭގައި ފާހިޝް އަމަލު ފެތުރުނަ ނުދިނުމައްޓަކައި އަދި ދީނާއި ޚިލާފުކަންކަން ފެތުރުނަ ނުދިނުމައްޓަކައި، މަސައްކަތްކުރުމަކީ ތިޔަ ހުރިހާ ބޭފުންޅުންނާއި އަޅުގަނޑުގެވެސް ވާޖިބެއް. اَلْحَمْدُ لِلّٰهِ އަޅުގަނޑުމެންގެ ސަރުކާރާއި ރައީސް ހުންނެވީ އިސްލާމްދީނާއެކު. އެހެންވީމާ އަޅުގަނދުމެން އެންމެން އެކަތިގަނޑަކަސް ވެގެން، އެއްވެސް ހާލެއްގައި މަގުމައްޗަށް ނިކުމެ ހަޅޭފަޅޭ ނުޖަހައި އެންމެން އެކަތިގަނދަކަށް ވެގެންތިބެ އަޅުގަނދުމެންގެ އިސްލާމް ދީން މިތަނުގައި ތަމްކީންކޮށް މިތަނުގައި ބާރުވެރިކުރަމާތޯއޭ" ފަޟީލަތުއްޝައިޚް މުޙައްމަދު ރަޝީދު އިބްރާހިމް ވިދާޅުވިއެވެ.
ކީރިތި ޤުރުއާނާއި ރަސޫލާގެ ސުންނަތުން ދަލީލު ދައްކަވައި ވާހަކަފުޅުދައްކަވަމުން ފަތުވާ މަޖިލީހުގެ ރައީސް ވަނީ ދީނީގޮތުން ރާއްޖެއާއި ގުޅުވައިގެން ބޭރުގެ ފަރާތަކުން އުފައްދަމުންދާ މައިގަނޑު ތިން ސުވާލުތަކަށް ވަރަށް ތަފްޞީލީ ގޮތެއްގައި ހެކިދައްކަވައި އެފަދަ ފަރާތްތަކުގެ ވާހަކަތަކަށް ރައްދުދެއްވާފައެއެވެ. ޝައިޚް ވިދާޅުވީ، ދިވެހި ރާއްޖެއަކީ އެހެނިހެން ފިކުރުތަކުގެ ފައްޅިތަކާއި އެފަދަ ވިސްނުމުގެ ތަންތަން ހުންނަ ޤައުމެއްނޫންކަމަށާއި، ސައްތައިން ސައްތަ މުސްލިމުން ނިޞްބަތްވާ އަދި ރައްޔިތުންވެސް އެކަން ބަލައިގެންފައިވާތަނަކަށް އެހެން ފިކުރުތައް ޤެނައުމާމެދު ސުވާލުވެސް ނުއުފެދޭކަމަށް.
" މިތަނުގައި އިސްލާމް ދީން ނޫން އެހެން ދީނެއްގެ އަސަރެއް ހުރުމަކީ އެކަށީގެންވަކަމެއް ނޫން. އެކަންތައްތައް ވެރިކަމުގެ ފަރާތުންވެސް އަދި ރައްޔިތުންވެސް ޖެހޭނެ ނައްތާލަން. އެހެންވީމާ އަޅުގަނދުމެން އެންމެން ތިބޭނީ ތައްޔާރަށް އިސްލާމް ދީނުގެ ދިފާޢުގައި. " ފަޟީލަތުއްޝައިޚް މުޙައްމަދު ރަޝީދު އިބްރާހިމް ވިދާޅުވިއެވެ.
އެއްޖިންސުން ގުޅުންހިންގުންފަދަ ފާޙިޝް އަމަލުތަކަކީ މާތްﷲ ޙަރާމްކުރައްވައި، ކީރިތި ޤުރުއާނުގައި އެކަމުގެ ނުބައިކަން އަންގަވާފައިވާ ޢަމަލެއްކަމަށާއި، އެފަދަ ނުބައިކަމެއް ރާއްޖޭގައި ފެތުރުމަށް ބާރުއެޅުމަށް އެއްވެސް ފަރާތަކަށް ފުރުޞަތުދެވިގެން ނުވާނެކަން ޝައިޚް ވަނީ ފާހަގަކުރައްވާފައެވެ.
ސަދޫމޭ ކިއުނު ރަށް ބަންޑުންޖައްސަވާފައިވަނީ މިކަމުގެ ހުރި ނުރައްކާތެރިކަމާއި ނުބައިކަން މީސްތަނުންނަށް ހާމަކޮށްދިނުމަށްކަން ފާހަގަކޮށް ޝައިޚްވަނީ ދިވެހިންގެ ތެރެއިން ބަޔަކު މިކަމަށް ބާރުއަޅައި މިފަދަ ނުބައި ކަމެއް ރާއްޖޭގައި ކުރަން މަދަދުވެރިވާނަމަ މިކަމާ ދެކޮޅަށް ތެދުވާންޖެހޭނެކަމަށާއި، އެފަރާތްތަކަށް ހަރުކަށި ފިޔަވަޅުއެޅުމަށްވެސް އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ ރައީސް ގޮވާލެއްވިއެވެ.
" މިއަދު އަޅުގަނދުމެންގެ ތެރެއިން ބަޔަކު ބޭރުގެ ތަންތަނަށް ގޮސްގެން އެކަންކަމަށް މިނިަވަންކަން ހޯދަށޭ؟ سبحان الله މީ ކޮންފަދަ ބޮޑު ފާފައެއްތޯ.. އަޅުގަނދުމެން ޖެހޭނެ މިކަމާއި ހަނގުރާމަކުރަން. އެކަމަށް ސަވާބުލިބޭނެ. އެއްވެސް ހާލެއްގައި މަޑުންތިބެގެން ނުވާނެ. އަޅުގަނދުމެންގެ ތެރޭގައި މިކަހަލަކަމެއް ކުރަން އުޅޭމީހަކު ހުރި ނަމަ އެމީހަކާއި ދޭތެރޭގައި ސަރުކާރުންވެސް އެންމެ ހަރުކަށި ފިޔަވަޅުއެޅުމަށް އަޅުގަނޑު ގޮވާލަން" ފަޟީލަތުއްޝައިޚް މުޙައްމަދު ރަޝީދު އިބްރާހިމް ވިދާޅުވިއެވެ.
މަރުގެ ޙުކުމް ތަންފީޒުކުރުމާއި ދެކޮޅަށް ދައްކާ ވާހަކަތަކާއި ގުޅޭގޮތުން އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ ރައީސް ފަޟީލަތުއްޝައިޚް މުޙައްމަދު ރަޝީދު އިބްރާހިމް ވިދާޅުވީ އިސްލާމް ދީނުގައި ޙައްދު ކަނޑައަޅާފައިވާ އަދަބުތައް ތަންފީޒު ނުކުރުމަށް ގޮވާލުމަކީ މިދުނިޔެމަތީގައި އެއްވެސް ފަރާތަކަށް ކުރެވޭނެ ކަމެއް ނޫންކަމަށާއި، ޤިސާސް ހިފުމުގައި ދިރުންވާކަން މާތްﷲ ވާހީކުރައްވާފައިވާކަމަށެވެ.
އިސްލާމް ދީން ފިޔަވައި އެހެން އެއްވެސް އަޤީދާއަކަށް މިރާއްޖެއިން ޖާގަނުދެއްވާނެކަމަށް ރާއްޖޭގައި މިވަގުތު ހުންނެވި ވަލީޔުލްއަމްރުވެސް އެތައް ފަހަރެއްގެ މަތީން ވިދާޅުވެފައިވާކަމަށާއި، މިކަމަކީ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ ރައީސްގެ ޙައިސިއްޔަތުން ވަރަށް ބަލައިގަންނަ އަދި އުފާކުރަން ޖެހޭކަމެއް ކަމަށް ފަޟީލަތުއްޝައިޚް މުޙައްމަދު ރަޝީދު އިބްރާހިމް ވިދާޅުވިއެވެ.
މިއަދު އިސްލާމިކް އެފެއަރޒް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފަތުވާ މަޖިލީހުންވަނީ ރާއްޖެއާއި ގުޅޭގޮތުން ތަފާތު ޤަރާރުތައް ބައެއް ޤައުމުތަކުގައި ނެރެމުންދާއިރު، އެތަންތަނުގައި ދިރިއުޅޭ މުސްލިމުންނަށް ބައިނަލްއަޤުވާމީ ޤާނޫނޫތަކާިއ ޤަރާރުތަކުން ލިބިދީފައިވާ ހައްޤުތަކާއި ރައްކާތެރިކަން ލިބެނީ ކިހާވަރަކަށްތޯ ސުވާލުއުފައްދަވާފައެވެ.
އަދި މިފަދަކަންކަމުން ފިލާވަޅު ލިބިގަތުމަށާއި، މެދުއިރުމައްޗަާއި މުސްލިމު ޤައުމުތަކުގެ ޙާލަތު މިއަދު ދިވެހިން ބަލައި އެކަންކަމުން ފިލާވަޅު ލިބިގަންނަން ޖެހޭކަން އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުންވަނީ ހަނދާންކޮސްދެއްވާފައެވެ.