ޚަބަރު

ބަޣާވާތް ގެންނަން އުޅުނު މީހުން ދުލެއް ނުކުރާނަން - ނިހާން


ކުއްލި ނުރައްކަލުގެ ޙާލަތު ނިމުމަކަށް އައިނަމަވެސް އެ ހާލަތުގެ ދަށުން ހައްޔަރުކޮށްފައިވާ އެއްވެސް މީހަކު ދޫނުކުރާނެކަމަށް ޕީޕީއެމްގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރ އަހުމަދު ނިހާން ހުސެއިން މަނިކް ވިދާޅުވެއްޖެއެވެ. ޕީޕީއެމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ނިހާން ވިދާޅުވީ މި މަހުގެ 22 ވަނަދުވަހު ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަށް އައުމުން މިވަގުތު ބަންދުގައި ތިބި މީހުން ދޫކޮށްލާނެކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ވާހަކަ ދެއްކިނަމަވެސް އެއީ ހަޤީގަތާއި ހިލާފު ވާހަކަތަކެއްކަމަށެވެ. 

ނިހާން ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ރައްޔިތުންނަށް އޮޅުވާލުމަށް ކިތަންމެ ވަރަަށް މަސައްކަތްކުރި ނަމަވެސް ރާއްޖެއަށް ބަޣާވާތެއް ގެންނަން އުޅުނު މީހުންގެ މައްސަލަ ނުބަލައި ދޫކޮށްލާނެކަމަށް ދެކިގެންނުވާނެކަމަށެވެ. އަދި ބަޣާވާތް ގެންނަން އުޅުނު މީހުންގެ ތެރެއިން ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތުގައި ހައްޔަރުކުރި އެންމެންގެ މައްސަލަ ބާރަށް ކުރިއަށްދާނެކަމަށެވެ.   

"އެނގިވަޑައިގަންނަވާނެ 22 މާޗަކީ ސްޓޭޓް އޮފް އިމަރޖެންސީގެ ދެވަނަ ފިޔަވަހިވެސް އެކީއެކަށްޗަކަށް ނިމޭ ދުވަސްކަން. މިދުވަހު އަނެއްކާވެސް ކަންތައްތަކެއް ވާނެކަމަށް އޮޅުވާލުމުގެ މަސައްކަތްކުރާ ޓީމުން އެބަބުނޭ. އެހިސާބުންފެށިގެން ހުރިހާ ކޮސްވެރިން ދޫކޮށްލާނެކަމަށްބުނެ ވާހަކަތައް ފަށައިފި. ހައްޔަރުގައި ތިބި ހުރިހާ އެންމެ ދޫކޮށްލާފައި ތިމަންނާމެންނަށް ލިބުނީޔޭ.. ނޫން އެއީ ޤޯހެއް. ބަޤާވާތެއް ގެންނަން އުޅުނު އެންމެންގެ މައްސަލަތައްދާނީ ބާރަށް ކުރިއަށް" ޕީޕީއެމްގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރ އަހުމަދު ނިހާން ހުސެއިން މަނިކް ވިދާޅުވިއެވެ.

ޕްރޮސެކިއުޓަރ ޖެނެރަލް އައިޝަތު ބިޝާމް މަގާމުން ދުރުކުރުމަށް އިތުބާރު ނެތްކަމުގެ މައްސަލައެއް އަންނަ ހަފްތާގައި ޕީޕީއެމުން މަޖިލީހަށް ހުށައަޅަން އުޅޭކަމަށް ބުނާ ވާހަތަކަަށްވެސް ނިހާން ވަނީ ރައްދުދެއްވާފައެވެ. ނިހާން ވިދާޅުވީ އެއްވެސް މައްސަލައަކާއި ގުޅިގެން ޕްރޮސިކިިއުޓަރ ޖެނަރަލް މަޤާމުން ވަކިކުރުމަށް މަޖިލިސް ތެރެއިން އެއްވެސް މަސައްކަތެއް އަދި ކުރަން ނިންމާފައިނުވާކަމަށެވެ. 

ރާއްޖެއަށް ބޮޑު ބިޔަ ބަޣާވާތެއް ގެންނަން އުޅުނު އެންމެގެ މައްސަލަތައް ދާނީ ބާރަށް ކުރިއަށް. އަދި މިކަމަކާއި ގުޅިގެންވެސް އެހެންކަމަކާއި ގުޅިގެންވެސް ރައްޔިތުންގެ މަޖިލީހުގެ އެއްވެސް ހިސާބަކުން އަދި ރާއްޖޭގެ ޕްރޮސިކިއުޓަރ ޖެނަރަލް ބިޝާމްގެ އިތުބާރުނެތްކަމުގެ ވޯޓެއް ވައްދާ އެއްވެސް ވާހަކައެއް އެއްވެސްތާކު ނުދެކެވޭ. އެކަން އަޅުގަނޑު ކަށަވަރުކޮށްދެން. އެކަމެއް ނުކުރެވޭނެ އަޅުގަނޑުމެންގެ އެމް.ޑީ،އޭ ޕާލިމެންޓްރީ ގްރޫޕްގައި މަޝްވަރާނުކޮށް އެފަދަކަމެއް ނުވާނެ." އަހުމަދު ނިހާން ހުސެއިން މަނިކް ވިދާޅުވިއެވެ.

ނިހާން ވިދާޅުވީ، ބަޤާވާތެއް ގެންނަން މަސަކަތްކުރި ބަޔަކު ދޫކޮށްލާނެކަމަށްބުނެ ދޮގުވާހަކަތައް ފަތުރަނީ މީހުން މަގުމައްޗަށް ނެރެ ހަމަނުޖެހުން އުފެއްދުމަށްކަމަށާއި ފެބްރުއަރީ އެކެއްގައި ނެރުނު އަމުރާއި ގުޅިގެން އެރޭ ނުނެރެވުނު ބަޔަކު ދެން މަގުތަކަށް ނެރެވޭނެކަމަށް ޤަބޫލުނުކުރެވޭކަމަށެވެ.  

ސަރުކާރުން އިއުލާންކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތު މިމަހުގެ ބާވީސްވަނަ ދުވަހުގެ ނިޔަލަށް ހަމަވާނެއެވެ. އަދި ކުއްލި ނުރައްކަލުގެ ހާލަތު އިތުރުކުރުމުގެ ވިސްނުންނެތްކަން ސަރުކާރުންވަނީ ހާމަކޮށްފައެވެ. ޤާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ޤާނޫނާއި ހިލާފަށް ވައްޓާލަން މަސައްކަތްކުރި ކަމުގެ ތުހުމަތުގައި ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުުން ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމާއި އުއްތަމަ ފަނޑިޔާރާއި ސުޕްރީމްކޯޓްގެ ފަނޑިޔާރެއްވެސް ވަނީ ހައްޔަރުކޮށްފައެވެ. މީގެއިތުރުން ބައެއް ބައެއް މަޖިލިސް މެންބަރުންނާއި ކުރީގެ ޕޮލސް ކޮމިޝަނަރވެސް ބަންދުގައި ތިބި މީހުންގެ ތެރޭގައި ހިމެނެއެވެ.