ޚަބަރު

ސަލާމަތީ ބާރުތަކުން ޣައިރު ޤާނޫނީ ހަރަކާތްތަކުގައި ބައިވެރިނުވާނެ


ޣައިރު ޤާނޫނީ ހަރަކާތްތަކުގައި ބައިވެރިވުމަށް އިދިކޮޅު ފަރާތްތަކުން ކިތަންމެވަރަކަށް ގޮވާލިޔަސް، ސަލާމަތީ ބާރުތަކުން ޣައިރު ޤާނޫނީ ހަރަކާތްތަކުގައި ބައިވެރިނުވާނެކަން ވަރަށް ރަނގަޅަށް ހާމަވެއްޖެކަމަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް، ޕީީޕީއެމް އިން ބުނެފިއެވެ.

ޕީ.ޕީ.އެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެޕާޓީގެ ނާއިބު ރައީސް ޢަބުދުއްރަޙީމް ޢަބްދުﷲ ވިދާޅުވީ، ރާއްޖޭގެ ޤާނޫނީ ސަރުކާރު ވައްޓާލުމަށްކަމަށް ބުނެ، ދުރާލާ ރާވައިގެން އިއްޔެއާއި ރޭ ހިންގި ހަރަކާތްތަކާއި ގުޅުވައިގެން ދިވެހި ސިފައިންނާއި ފުލުހުންގެ އަގުވައްޓާލަން ޙަޤީގަތާއި ޚިލާފު ދޮގު ވާހަކަތައް ފަތުރާފައިވާކަމަށެވެ. އޭނާ ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ފަތުރާ މިފަދަ ވާހަކަތަކަށް ރައްޔިތުން ސަމާލުވާން ޖެހޭކަމަށާއި، އެފަދަކަމެއް ދިވެހި ސަލާމަތީ ބާރުގެ އެއްވެސް ފަރާތަކުން ނުކުރާނެކަން މިއަދު ދިވެހި ހުރިހާ ރައްޔިތުންވެސް ޔަޤީންކުރަންޖެހޭކަމަށެވެ. ދިވެހި ސިފައިންނާއި ފުލުހުންނަކީ ދިވެހި ލޭ ހިންގާ ދިވެހި ދަރީންކަމަށާއި އެއީ ބޭރުގެ ޤައުމަކުން ގެނެސްފައިވާ ކުލީ ސިފައިންތަކެއް ނޫންކަން ޢަބްދުއްރަޙީމް ފާހަގަކުރެއްވިއެވެ.



މިނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ޕީ.ޕީ.އެމްގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު ނިހާން ހުސައިން މަނިކު ވިދާޅުވީ، މީގެ ކުރިއެކޭ އެއްގޮތަށް މިހާރުވެސް އެމް.ޑީ.ޕީ.އާއި އެޕާޓީއާއި ގުޅިގެން މަސައްކަތްކުރާ އިދިކޮޅު ފަރާތްތަކުން ދަނީ ރައްޔިތުންނަށް އޮޅުވާލަމުންކަމަށެވެ. އެގޮތުން ކުރިއެކޭ އެތްގޮތަށް ސިޔާސީގޮތުން ލީޑަރުންކަމުގައި ދެކިގެން މަސައްކަތްކުރާފަރާތް ތަކުން ތިބެނީ ފިނި ކޮޓަރިތަކުގައި ކަމަށާއި، ހަމަނުޖެހުންތަކާއި މުޒާހަރާތަކަށް ރައްޔިތުންނެރެ ރައްޔިތުންނަށް އަނިޔާވެރިވަނީ އެފަރާތް ތަކުންކަމަށެވެ. ނިހާން ވަނީ އިދިކޮޅު ފަރާތްތަކުގެ މިފަދަ ހަރަކާތްތަކުގެ ޝިކާރައަކަށް ދިވެހި ޒުވާނުން ނުވުމަށް އެދިވަޑައިގެންފައެވެ. ނިހާން އިތުރަށް ވިދާޅުވީ މިކަމުގެ ސަބަބުން ގެއްލުންލިބޭނީ ހަމަ ޒުވާނުންނަށްކަމަށާއި މިކަންކަމަށް ކުރިއަށްވުރެ ބޮޑަށް ޒުވާނުްނާއި މައިންބަފައިން ވިސްނައި ސަމާލުވާން ޖެހޭކަމަށެވެ. 



ޕީޕީއެމުން ބުނީ ރޭ އިދިކޮޅު ފަރާތްތަކުން މާލޭގައި ހިންގި ހަރަކާތްތަކަށް އުންމީދުކުރިވަރަށް މީހުން ނުނުކުންނަކަމަށާއި، ރަށްރަށުން ގެނައި މީހުންނާއެކުވެސް އެންމެ މީހުންގިނަވި ވަގުތުވެސް 300 އެއްހާމީހުންވެސް އިދިކޮޅު ހަރަކާތުގައި ބައިވެރިނުވާކަމަށެވެ. އަދި އިދިކޮޅު އިސްފަރާތެއްގެ ގޮތުގައި ހުންނަވައިގެން ޤާސީމް އިބްރާހީމް ދޮގު ވާހަކަތައް ފަތުރާކަމަށާއި،  އިދިކޮޅު ފަރާތްތަކަށް ކުރެވޭނެހާވެސް ކަމަކީ، މުޒާހަރާތަށް ކުރާނެކަމަށްބުނެ އެކި ތާޜީޚުތަށް ދިނުންކަމަށް ޕީޕީއެމުން ބުންޏެވެ.