ޚަބަރު

ޤާނޫނާ ޚިލާފު އަމުރަކަށް ސަރުކާރުން އަމަލެއް ނުކުރާނެ- އާޒިމާ




ޤާނޫނު އަސާސީއާ ޚިލާފުނަމަ ސުޕްރީމް ކޯޓުގެ އަމުރަކަށް ވެސް ސަރުކާރުން ތަންފީޒު ނުކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ލީގަލް އެފެއަރޒް މިނިސްޓަރ ޢާޒިމާ ޝަކޫރު ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ ވެރިކަން ކުރާ މައިޕާޓީ ޕީޕީއެމުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އާޒިމާ ވިދާޅުވީ، ޤާނޫނު އަސާސީގެ ވަކި ތަންކޮޅެއް ނަގައިގެން ޤާނޫނު ތަންފީޒް ނުކުރެވޭނެކަމަށާއި، މި ސަރުކާރުން ޤާނޫނު އަސާސީ މާނަކުރަނީ މުޅި ޤާނޫނު އަސާސީއެކީގައިކަމަށެވެ.

ދިވެހިރާއްޖޭގެ އެންމެ މަތީ ކޯޓުން ޤާނޫނު އަސާސީއާ ޚިލާފު އަމުރެއް ނެރެނުނަމަވެސް ސަރުކާރުން އެއަށް ބޯލަނބަން ނުޖެހޭނެ ކަމަށް ޢާޒިމާ ވިދާޅުވިއެވެ.

ޢާޒިމާ ވިދާޅުވީ ކޮންމެ ޙާލަތެއްގައިވެސް ސުޕްރީމް ކޯޓުން ޢަމުރު ނެރެންވާނީ ޤާނޫނު އަސާސީގެ ހުދޫދު ތެރެއިންކަމަށެވެ. ސަރުކާރާއި ތަންފީޒީ އިދާރާތަކުގެ މަސައްކަތްތަކަށް އަލި އަޅުއްވާލައްވާ ޢާޒިމާ ވިދާޅުވީ، ސަރުކާރާ ސަލާމަތީ ބާރުތަކުގެ ޢަމަލުތައް ހުރީ ޤާނޫނު އަސާސީގެ  ތެރެއިންކަމަށާއި، ސަރުކާރުން ކޮންމެ ކަމެއްވެސް ކުރާނީ ޤާނޫނީ އިމުގެ ތެރެއިންކަމަށެވެ.

ޤާނޫނު އަސާސީގެ ވަކި މާއްދާއެއް ހިފައިގެން އިދިކޮޅުން ނުކުތްނަމަވެސް ތަންފީޒް ނުކުރެވޭނެކަމަށް އާޒިމާ ވިދާޅުވިއެވެ.

"އެއީ ކޮންމެ ފަދަ އަމުރެއް ވިޔަސް، އެއީ ސުޕްރީމް ކޯޓުން ވިޔަސް މިސާލަކަށް ރައިސުލްޖުމްހޫރިއްޔާ ހައްޔަރު ކުރަން އަމުރެއް ނެރުންކަމުގައި ވިޔަސް އެއީ މިހާރު އޮތް ގާނޫން އަސާސީން ހުއްދަ ކުރާ ކަމެއް ނޫން.  އެހެންވެ އެ އަމުރު ވެސް ތަންފީޒެއް ނުކުރެވޭނެ. ވަރަށް ސާފުކޮށް ވަރަށް ކެރިގެން މި ބުނަނީ،" އާޒިމާ ވިދާޅުވި އެވެ. 

ޕީޕީއެމުން ބޭއްވި މި ބައްދަލުވުމުގައި އިސްލާމިކް އެފެއަރޒް މިނިސްޓަރ ޑރ.އަހްމަދު ޒިޔާދު ވިދާޅުވީ، ދިވެހި ރައްޔިތުން އިސްލާމްދީން ޤަބޫލްކުރުމަށްފަހު ދައުލަތުން ޤަބޫލްކުރާ ދީނަކީ އިސްލާމްދީންކަމަށާއި، މި ދައުލަތް ބިނާވެފައިވަނީ އިސްލާމްދީނުގެ މައްޗަށްކަމަށެވެ. އދ.އަށް ފަހު ދުނިޔޭގައި އެންމެ ބޮޑު ބައިނަލްއަޤުވާމީ ޖަމާޢަތްކަމުގައިވާ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޮންފަރެންސް (އޯއައިސީ) ގެ މެމްބަރެއްގެ ގޮތުގައި ރާއްޖެއޮތްކަން  މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި ވިލާތު އިއްތިހާދަކީ މުސްލިމް ޤައުމުތަކެއް ހިމެނޭ އިއްތިހާދެއް ނޫންކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިރޭ ބޭއްވި ޕްރެސް ކޮންފަރެންސްގައި ދީނީ ބައެއް ޢިލްމުވެރިންވެސް ބައިވެރިވިއެވެ. އެބޭފުޅުން ވަނީ މި ސަރުކާރުގެ ޢަމަލުތައް ހުރީ ޤާނޫނީ އިމުގެ ތެރެއިން ކަން ހާމަކުުރުމުގެ ގޮތުން އިސްލާމީ ތާރީޚުން ހެކިދައްކަވާ ވާހަކަފުޅު ދައްކަވާފައެވެ. ޢިލްމުވެރިން ވިދާޅުވީ، މިހާރު މާލޭގައި މިހިންގާ ސިޔާސީ ޙަރަކާތްތަކުން ފެންނަމުންދަނީ ސަރުކާރާއި ދެކޮޅަށް ނިކުމެގެން އުޅޭ ފަރާތްތަކުން އިސްލާމް ދީނަށް ގޮންޖަހަން މަސައްކަތްކުރަމުންދާ މަންޒަރުކަމަށެވެ. އަދި އިދިކޮޅު ފަރާތްތަކުން ހިންގާ ދީނާއި ޚިލާފު އަދި ދީނަށް ގޮންޖެހުމުގެ ޢަމަލުތައް ހިންގާ އަދި އެފަދަ ޢަމަލުތައް ހިންގަން ހިތްވަރުދޭ ފަރާތްތަކާއި ދެކޮޅަށް ޤާނޫނީ އިމުގެތެރެއިން އެޅެން ހުރި ފިޔަވަޅުތައް ތަންފީޒީ އަދި ސަލާމަތީ ބާރުތަކުން އަޅަންޖެހޭކަމަށް ޢިލްމުވެރިން ވިދާޅުވިއެވެ.

ޢިލްމުވެރިން ވިދާޅުވީ، ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ސަރުކާރުގައި އިސްލާމް ދީނާ ޚިލާފް ވަރަށް ގިނަ ކަންކަން ފެނިފައިވާކަމަށާއި، ރައްޔިތުން އެކަން ޤަބޫލު ނުކުރާކަން މާޟީގައި ހާމަވެފައިވާކަމަށެވެ. އެހެންކަމުން ދީނާއި ޚިލާފަށް އިދިކޮޅު ފަރާތްތަކުން މިހާރު ހިންގާ ޙަރަކާތްތައްވެސް ރައްޔިތުން ބަލައި ނުގަންނާނެކަމަށް ދީނީ ޢިލްމުވެރިން ވިދާޅުވިއެވެ.