ޚަބަރު

އީޔޫ ޤަރާރު ސަރުކާރުން ބަލައެއްނުގަނޭ - ހޯމް މިނިސްޓްރީ


ދިވެހިރާއްޖޭގައި ދީނީ މިނިވަންކަމަށް ފުރުޞަތު ދިނުމަށް ގޮވާލާ ޔޫރަޕިއަން ޔޫނިއަން ޕާލިމަންޓުން ނެރެފައިވާ ޤަރާރަކީ ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުން ބަލައިގަންނަ ޤަރާރެއް ނޫންކަމަށް ބުނެ އެ ޤަރާރު ހޯމް މިނިސްޓްރީން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ. ހޯމް މިނިސްޓްރީން މިކަން ކުށްވެރިކުރީ ރާއްޖޭގައި ދީނީ މިނިވަންކަމަށް ފުރުޞަތު ދިނުމަށް ގޮވާލާ އީޔޫ ޕާލިމަންޓުން ނެރުނު ޤަރާރާގުޅޭ ގޮތުން ނެރުނު ބަޔާނުގައެވެ.

ހޯމް މިނިސްޓްރީން ނެރުނު ބަޔާނުގައި ރާއްޖޭގައި ދީނީ މިނިވަންކަމަށް ފުރުޞަތު ފަހިކޮށް ދިނުމަށް ގޮވާލާ ޔޫރަޕިއަން ޔޫނިއަން ޕާލިމަންޓުގެ މަދު ބަޔަކު މަޝްވަރާކުރުމަށްފަހު ނެރުނު ޤަރާރުގައި ރާއްޖެއާ ގުޅޭ ގޮތުން ޙަޤީޤަތާއި ޚިލާފް ވާހަކަތަކެއް ހިމަނައި ދިވެހިރާއްޖެ ފާއިތުވި އަހަރުތަކުގެ ތެރޭގައި ހައްދުފަހަނައަޅަފައިވާ މުސްލިމުން އުޅޭ ޤައުމަކަށް ބަދަލުވެފައިވާކަމަށް ބަޔާންކޮށް މިޤައުމާ ދޭތެރޭ ދުނިޔޭގެ ޤައުމުތަކުން ދެކެމުން އަންނަ ތަޞައްވުރު ވަރަށް ބޮޑަށް ކިލަނބު ކުރުމަށް މަސައްކަތްކޮށްފައިވާކަން ފަހަގަކޮށްފައިވެއެވެ.

ދިވެހި ދައުލަތުގެ ދީނަކީ އިސްލާމް ދީންކަމުގައި މީލާދީން 1153 ވަނަ އަހަރު ކަނޑައެޅުނު ހިސާބުން ފެށިގެން ދިވެހިން، ދިވެހީންގެ ދީނަކީ އިސްލާމްދީން ކަމުގައި ޤަބޫލްކޮށް، އެދުވަހުން ފެށިގެން ދިވެހިން ދިރިއުޅެމުން އަންނަނީ މާތްވެގެންވާ އިސްލާމް ދީނުގެ ހަމަތަކާއި އެއްގޮތަށް، އެއްބައިވަންތަ އަދި އެއްބައެއްވަންތަ ބައެއްގެ ގޮތުގައި ހިތްހަމަޖެހުމާއެކުކަމަށް ބުނެފައިވެއެވެ.

މީގެ އިތުރުން މިހާރު ޢަމަލުކުރަމުންދާ ޤާނޫނު އަސާސީގެ 10 ވަނަ މާއްދާގައި ދިވެހި ދައުލަތުގެ ދީނަކީ އިސްލާމް ދީންކަން ކަނޑައެޅި ބަޔާންކޮށްފައިވާކަމަށާއި، މިކަމާ ދެކޮޅަށް ބަޔަކު މަސައްކަތްކޮށް މި ޤައުމަކީ ހައްދުފަހަނައަޅާފައިވާ މުސްލިމުން އުޅޭ ޤައުމެއްގެ ގޮތުގައި ސިފަކޮށް ބައިނަލްއަޤުވާމީ ފަރާތްތަކުގެ  މެދުގައި ރާއްޖެއާއި މެދު ނަފްރަތު އުފެދޭ ގޮތަށް ދައްކަމުން ގެންދާ ވާހަކަތައް ހުއްޓާލުމަށް ހޯމް މިނިސްޓްރީގެ ބަޔާނުގައި ވަނީ ގޮވާލައްވާފައިވެއެވެ.

އީޔޫ ޕާލިމަންޓްގެ މަދު ބަޔަކު މަޝްވަރާކުރުމަށްފަހު މިފަދަ ޤަރާރެއް ނެރުމުގެ ފުރުޞަތު އެފަރާތްތަކަށް ހޯދައިދިނުމުގައި ދިވެހިންގެ ތެރެއިން އިސްލާމްދީނާއި ދެކޮޅު މަދު ބަޔަކު ޝާމިލުވެފައިވާކަމަކީ ހިތާމަހުރިކަމެއްކަމުގައި އެ ބަޔާނުގައިވެއެވެ.

މިފަދަ ޤަރާރެއް ނެރުމުގެ ހިތްވަރު ޔޫރަޕިއަން ޕާލިމަންޓަށް ލިބިގެންގޮސްފައިވަނީ، ދިވެހިރާއްޖޭގައި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި، ނޫސްވެރިކަން ކުރުމުގެ މިނިވަންކަމާއި، އެއްވެ އުޅުމުގެ މިނިވަންކަމާއި، ދީނީ މިނިވަންކަން ނެތްކަމަށް ބުނެ ދިވެހި ސަރުކާރާއި އިސްލާމް ދީނާއި ދެކޮޅަށް މަސައްކަތްކުރާ މަދު ބައެއް ގުޅިގެން މިޤައުމުގެ ތަޞައްވުރު ކިނލަބުކޮށް މީޤައުމާއި ރައްޔިތުންނަށް ނިކަމެތިކަން ދިނުމަށްޓަކައި އެތައް އަހަރެއް ވަންދެން ކުރަމުން ގެންގޮސްފައިވާ މަސައްކަތްތަކެއްގެ ސަބަބުން ކަމުގައި ބެލެވޭކަމަށް ހޯމް މިނިސްޓަރީގެ ބަޔާނުގައިވެއެވެ.

ރާއްޖޭގައި ތަފާތު ދީންތަކަށް އުޅުމުގެ މިނިވަންކަން ހޯދައި ދިނުމަށާއި، ރާއްޖޭގައި ތަފާތު ދީންތަކުގެ ޝިޢާރު ފާޅުކުރުމުގެ ބިނާތައް ހެދުމުގެ ފުރުޞަތުތައް ހޯދައިދިނުމުގެ ގޮތުން ގޮތުން ދިވެހިންގެ ތެރެއިން މަދުބަޔަކު، އިސްލާމް ދީނާ ދެކޮޅަށް މަސައްކަތްކުރާ ބޭރުގެ އެކި ފަރާތްތަކާއި ގުޅިގެން ތަފަތު މަސައްކަތްތަކެއް ކޮށްފައިވާކަންވެސް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ދިވެހިރާއްޖެއަކީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި، ނޫސްވެރިކަމުގެ މިނިވަންކަމާއި، އެއްވެ އުޅުމުގެ މިނިވަންކަން ޤާނޫނު އަސާސީއާއި، ޤާނޫނުތަކުގެ ހުދޫދޫގެ ތެރެއިން އެންމެ ފުޅާ ދާއިރާއެއްގައި ލިބިދީފައިވާ ދިމިޤްރާތީ ޤައުމެއްކަމަށް ބުނެފައިވެއެވެ.

އެހެންނަމަވެސް މިޤައުމުގައި ތަފާތު ދީންތަކަށް އުޅުމުގެ ފުރުޞަތު ދިވެހި ރައްޔިތުންނެއް ނުދޭނެކަމަށާއި، ރާއްޖޭގެ ޤާނޫނު އަސާސީއާއި ޤާނޫނުތައްވެސް އެފަދަ ކަމަކަށް ތަންނުދޭކަމަށް ހޯމް މިނިސްޓްރީގެ ބަޔާނުގައިވެއެވެ. މީގެ އިތުރުން ދިވެހި ފުލުހުންނާއި ސިފައިން، ދިވެހިންގެ ދީންކަމުގައިވާ މާތްވެގެންވަ އިސްލާމްދީނާއި، ދިވެހިރާއްޖޭގެ މިނިވަންކަމާއި، ސިޔާދަތާއި އިސްތިޤްލާލް ހިމާޔަތްކުރުމުގައި ﷲ ގެ ވާގިފުޅާއެކު ސާބިތުމަތީ ދެމިތިބޭނެކަމަށްވެސް ބުނެފައިވެއެވެ.

އިދިކޮޅު ފަރާތްތަކުން އިސްވެ ތިބެ މާލޭއާއި، އެކި ރަށްރަށުގައި ހިންގަމުންގެންދާ ހަމަނުޖެހުންތަކާއި، މުޒާހަރާތަކަކީ މިފަދަ ލާދީނީ ފަރާތްތަކުގެ އެހީތެރިކަމާއެކު، މިޤައުމުގައި އޮތް މާތްވެގެންވާ އިސްލާމްދީނާއި، މިނިވަންކަމާއި، ޤައުމުގެ ކުރިއެރުމާއި، ތަރައްޤީއަށް ނަފްރަތުކުރާ ބަޔަކު ކުރަމުން ގެންދާ މަސައްކަތްތަކެއްކަމަށް ބެލެވޭކަމަށް ބަޔާނުގައިވެއެވެ. އެހެންކަމުން މިފަދަ ކަންކަމަށް ދިވެހި ރައްޔިތުން ސަމާލުވެ، ރައްކާތެރިވެ، މިފަދަ ޣައިރު ޤާނޫނީ އެއްވުންތަކުގައި ބައިވެރި ނުވުމަށް ހޯމް މިނިސްޓާރީން ވަނީ އިލްތިމާސްކޮށްފައިވެއެވެ.