ޚަބަރު

ވިންޓަރ ތީމް ޕާކުގެ ޢިމާރާތް ރޭވުމުގެ މަސައްކަތް ފަށައިފި


ރަސްރަނި ބަގީޗާގައި ތަރައްޤީކުރާ ވިންޓަރ ތީމް ޕާކަށް ބޭނުންވާ އިމާރާތް ރޭވުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށް މިނިސްޓަރ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރަސްރަނި ބަގީޗާގައި ސަރުކާރުން ތަރައްޤީކުރާ ވިންޓަރ ތީމް ޕާކަކީ އާޓިފިޝަލް ސްނޯ އުފައްދާ މެޝިންތަކާއެކު، ދުނިޔޭގެ އެހެން ޤައުމުތަކެކޭ އެއްފަދައިން ފިނި މޫސުމުގެ ތަޖުރިބާ ދިވެހިންނަށްވެސް ކޮށްލުމުގެ ފުރުޞަތު ލިބޭނޭހެން ތައްޔާރުކުރާ ޕާކެކެވެ. އަދި މިތަނަކީ ފިނިހޫނުމިން ވަކިވަރެއްގައި ކޮންޓްރޯލް ކުރެވޭނޭހެން ތައްޔާރުކުރާ ޕާކެކެވެ. މި ޕާކުގައި އައިސް-ސްކޭޓްކުރުމަށްޓަކައިވެސް ޙާއްޞަ ސަރަޙައްދެއް ވަނީ ކަނޑައަޅާފައެވެ. މިއީ ރާއްޖޭގައި މިފަދަ ގޮތަކަށް ތަރައްޤީކުރާ ފުރަތަމަ ޕާކެވެ.

tw:https://twitter.com/MMuizzu/status/974288926218137604

ވިންޓަރ ތީމް ޕާކުގެ މަސައްކަތް ނިންމުމަށް ކަނޑައަޅާފައިވާ ތާރީޚަށްވުރެ، މަސައްކަތް ލަސްވި މައިގަނޑު ސަބަބަކީ މިއީ ރާއްޖެއަށް ހުރިހާ ގޮތަކުންވެސް ތަފާތު ކޮންސެޕްޓަކަށްވެފައި، ޓެކްނިކަލްގޮތުން ބަލާ ފުރިހަމަކުރަންޖެހޭ ކަންކަން ހުރުމުންކަމަށް ހައުސިންގ މިނިސްޓްރީން ވިދާޅުވެއެވެ. އެގޮތުން ވިންޓަރ ތީމް ޕާކަށް ބޭނުންވާ ޢިމާރާތް ޑިޒައިންކޮށް، ތައްޔާރުކޮށްފައިވަނީ ފްރާންސްއާއި ސުވިޓްޒަލޭންޑްގެ 2 ކުންފުންޏަކުން ރާއްޖެއައިސް ވަރަށް ގިނަ މަޢުލޫމާތުތަކެއް އެއްކުރުމަށްފަހުކަމަށާއި، އެބޭފުޅުން އެތަނަށް ބޭނުންވާ ސާމާނުތައް އުފައްދާފައިވަނީ ގިނަ ޓެސްޓުތަކެއް ކުރުމަށްފަހުކަން މިނިސްޓްރީން ފާހަގަކުރައްވައެވެ. 

މި ޢިމާރާތަކީ ޕްރި-ފެބްރިކޭޓެޓް ޢިމާރާތެއްކަމުން، މި ޢިމާރާތް ރޭވުމަށް ގާތްގަނޑަކަށް 45 ދުވަސް ހޭދަވާނެކަމަށް ބެލެވޭކަމަށާއި، ޢިމާރާތަށް ބޭނުންވާ ހުރިހާ ވަސީލަތްތަކެއް މިހާރު ރާއްޖެ ގެނެސްފައިވާކަމަށްވެސް ހައުސިންގ މިނިސްޓްރީން މަޢުލޫމާތުދެއެވެ. އަދި ރޯދަމަހުގެ ކުރިން މި ޕާކުގެ މަސައްކަތް ނިންމާ، އެތަން އާއްމުންނަށް ހުޅުވާލުމަކީ އަމާޒެއްކަމަށްވެސް ހައުސިންގ މިނިސްޓްރީން ވިދާޅުވެއެވެ.