ދިވެހި ރާއްޖެއިން މާތްވެގެންވާ އިސްލާމް ދީން ފޮހެލަން ބޭރުގެ ބައެއް ފަރާތްތަކުން ކުރާ މަސައްކަތަކަށް އެއްބާރުލުންދީ، ދިވެހިންގެތެރެއިން ރާއްޖޭގެ ވެރިކަމުގެ ދަހިވެތިކަމުގައި އުޅޭ މަދު ބަޔަކު އެކަމަށް ވާގިވެރިވުމަކީ، ހެޔޮވިސްނޭ ދިވެހި ރައްޔިތުން ސަމާލުވާންޖެހިފައިވާކަމެއްކަމަށް ހައުސިންގ މިނިސްޓަރ ޑރ.މުޙައްމަދު މުޢިޒް ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި އިސްލާމްދީން ނޫން އެހެން ދީންތަކަށް ފުރުޞަތު ފަހިކުރުމަށް ގޮވާލާއި ޔޫރަޕިއަން ޔޫނިއަނުން ފާސްކުރި ޤަރާރާއި ދެކޮޅަށް ދިވެހި ސަރުކާރާއި، ވަޒީރުންގެ އިތުރުން އާންމު ފަރާތަތަކުންވެސް ގެންދަނީ ރައްދުދެމުންނެވެ. މިކަން ކުށްވެރިކުރައްވައި މިނިސްޓަރ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑރ.މުޙައްމަދު މުއިޒް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މިއީ ވަކި ބަޔަކު އެމީހުން ހާސިލްކުރަން ބޭނުންވާ ކަންތައްތަކެއް ޙާސިލްކުރުމަށް ކުރަމުންދާ މަސައްކަތުގެ އަސްލު މަޤުޞަދު ހާމަވެގެން ދިޔަ ކަމެއްކަމަށެވެ.
img:http://s3.psmnews.mv/images/660x400/15211783387863.JPG|
މިރާއްޖޭގައި އިސްލާމް ދީން ނޫން ދީންތައް އޮތުމުގެ މިނިވަންކަން ހޯދުމަށް ބޭރުގެ ފަރާތަކުން ކުރާ މަސައްކަތައް ދިވެހިލޭ ހިނގާ މަދުބަޔަކު ވެރިކަމުގެ ދަހިވެތިކަމުގައި ސީދާ ގޮތުންނާއި ނުސީދާގޮތުން ވާގިދޭކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. މިނިސްޓަރ ވިދާޅުވީ، މިފަދަ ފަރާތްތަކުގެ އަމަލުތަކަށް ހެޔޮވިސްނޭ ދިވެހިން މިއަދު ހޭއަރަންޖެހިފައިވާކަމަށެވެ. ހައުސިންގ މިނިސްޓަރ މިމޭރުމުން ވާހަކަފުޅުދައްކަވާފައި މިވަނީ، ދިވެހި ސަރުކާރުގެ އިސް ފަރާތްތަކާމެދު އީޔޫއިން ފިޔަވަޅު އަޅަން އުޅޭކަމަށްބުނެ އިދިކޮޅު ފަރާތްތަކުން ވާހަކަތައް ފަތުރަމުންދާ ދަނޑިވަޅެއްގައެވެ.
ރާއްޖޭގައި ސިޔާސީގޮތުން ހިނގަމުންދާ ކައްތައްތަކާ ގުޅިގެން އީޔޫގެ ޕާލަމެންޓުގައި ބަހުސް ކޮށްފައިވާއިރު، މިކަމާގުޅޭ މިޤަރާރަށް ބަހުސްކުރި 12 މެމްބަރުން ވަނީ ރާއްޖޭގައި މަރުގެ ޙުކުމް ތަންފީޒު ކުރުމަށް މަސައްކަތް ކުރަމުންދާތީއާއި ރާއްޖޭގައި ދީނީ މިނިވަންކަން ނެތުމުން އެކަމާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކޮށްފައެވެ.
img:http://s2.psmnews.mv/images/660x400/15211783726184.JPG|
މިކަމަށް ސަރުކާރުން ރައްދުދީފައިވާއިރު، އިސްލާމިކް މިނިސްޓަރ ޑރ.އަޙްމަދު ޒިޔާދުވެސް ވަނީ މިކަން ކުށްވެރިކުރައްވައި ވާހަކަފުޅުދައްކަވާފައެވެ. އިސްލާމިކް މިނިސްޓަރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ، ދިވެހި ޤައުމުން އިސްލާމްދީން ފޮހެލަން ފާޅުގައި ބަޔަކު ކުރާ މަސައްކަތް މިވަނީ ހާމަވެގެން ގޮސްފައިވާކަމަށެވެ. ދީނާއި، ޤައުމިއްޔަތާއި ދިވެހި ސަޤާފަތާއި ދެކޮޅު މިފަދަ މަސައްކަތްތަކާ ދެކޮޅަށް ނުކުމެ ރާއްޖޭގެ ދީނީ އިލްމުވެރިން މިއަދު އެކަށްޗެއް ވިދާޅުވާން ޖެހިފައިވާކަމަށްވެސް އިސްލާމިކް މިނިސްޓަރ ޑރ.އަޙްމަދު ޒިޔާދު ވަނީ ވިދާޅުވެފައެވެ.