ތަރައްްޤީ

25 ބުރީގެ 16 ޓަވަރުގެ ފައުންޑޭޝަނަށް ބޭނުންވާ ޕައިލްކޮށް ނިމިއްޖެ


ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްޤީކުރާ 25 ބުރީގެ 16 ޓަވަރުގެ ފައުންޑޭޝަނަށް ބޭނުންވާ ޝީޓްޕައިލް ކުރުމުގެ ހުރިހާ މަސައްކަތެއް މިހާރު ނިމިފައިވާކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯރޕަރޭޝަން، އެޗް.ޑީ.ސީން ބުނެފިއެވެ.

25 ބުރީގެ މި 16 ޓަވަރަކީ ސަރުކާރުން އިޢުލާންކޮށްފައިވާ ބޯހިޔާވަހިކަމުގެ އެންމެ ބިޔަ މަޝްރޫޢު، "ހިޔާ" މަޝްރޫޢުގެ ދަށުން ތަރައްޤީކުރާ ޓަވަރުތަކެކެވެ. ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މިއަހަރުގެ ތެރޭގައި މީހުން އާބާދުކުރަން ފެށުމަކީ ސަރުކާރުގެ އަމާޒެކެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްޤީކުރާ 25 ބުރީގެ 16 ޓަވަރުގެ މައްޗަށް އެކުލެވޭ މި 7000 ހައުސިންގ ޔުނިޓަކީ ސަރުކާރުން އިޢުލާންކޮށްފައިވާ ބޯހިޔާވަހިކަމުގެ އެންމެ ބިޔަ މަޝްރޫޢުކަމުގައިވާ ހިޔާ މަޝްރޫޢުގެ ދަށުން ކުރިއަށްގެންދާ މަސައްކަތެކެވެ. މި 16 ޓަވަރުގެ ޢަމަލީ މަސައްކަތް ކުރުމަށް ސަރުކާރުން ހަވާލުކޮށްފައިވަނީ ޗައިނާގެ އެންމެ ބޮޑު ކޮންސްޓްރަކްޝަން ކުންފުނިކަމަށްވާ ޗައިނާ ސްޓޭޓް ކޮންސްޓަރަކްޝަން އިންޖިނިއަރިންގ ކޯރޕަރޭޝަނާއެވެ. މި ޓަވަރުތަކަށް ބޭނުންވާ ސައިޓް މޯބިލައިޒްކޮށް، ކޮންސްޓްރަކްޝަނަށް ބޭނުންވާ ހުރިހާ ސާމާނެއް މިހާރު ވަނީ ރާއްޖެއަށް ގެނެސްފައެވެ. 

1 ކޮޓަރި، 2 ކޮޓަރި އަދި 3 ކޮޓަރީގެ އެޕާޓްމަންޓްތައް ހިމެނޭހެން ތަރައްޤީކުރާ މި ޓަވަރުތަކުގެ މަސައްކަތް ނިމޭއިރު، އެތަންތަނަށް ބޭނުންވާ ކޮމާޝަލް ސްޕޭސްއާއި، ޕާކިން އޭރިއާއި އަދި މި ނޫނަސް އާންމު ރައްޔިތުންނަށް ބޭނުންވާނެ ތަފާތު ވަސީލަތްތައް ޤާއިމުވެގެންދާނެކަމަށް އެޗް.ޑީ.ސީން ބުނެއެވެ. އަދި މި ޓަވަރުތަކުގެ ޢަމަލީ މަސައްކަތުގެ ބޮޑުބައެއް ނިންމާ، މިއަހަރުގެ ތެރޭގައި އެތަންތަނުގައި މީހުން އާބާދުކުރުވަން ފެށުމަކީ އަމާޒެއްކަމަށްވެސް އެކުންފުނިން ބުނެއެވެ.

tw:https://twitter.com/hdcmaldives/status/974245650966528000

ސަތޭކަ ހާސް މީހުންގެ އާބާދީއަކަށް އަމާޒުކޮށްގެން ސަރުކާރުން ކުރިއަށްގެންދާ ހިޔާ މަޝްރޫޢުގެ ދަށުން، މި 7000 ހައުސިންގ ޔުނިޓްގެ އިތުރުންވެސް، ދަޢުލަތުގެ މުއައްސަސާތަކާއި، ސަރުކާރު ކުންފުނިތަކުންވެސް އެތައް ސަތޭކަ ހައުސިންގ ޔުނިޓްތަކެއް ތަރައްޤީކުރުމަށް ހަމަޖެހިފައިވެއެވެ. އެގޮތުން ފައިނޭންސް ހަމަޖެހި، ކޮންޓްރެކްޓަރުން ހަމަޖެހެމުންދާ މިންވަރަކުން، ހިޔާ މަޝްރޫޢުގައި ބައިވެރިވުމަށް އިޢުލާންކޮށްފައިވާ ކުންފުނިތަކުން ތަރައްޤީކުރާ ހައުސިންގ ޔުނިޓްތަކުގެ މަސައްކަތްވެސް މިހާރު ކުރިއަށްދާކަން އެޗް.ޑީ.ސީން ފާހަގަކުރެއެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ސޯޝަލް ހައުސިންގ ޔުނިޓްތައް ތަރައްޤީކުރުމުގެ މަސައްކަތް ބާރު ދުވެލީގައި ކުރިއަށްދާއިރު، ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ރިއަލް އެސްޓޭޓް އުސޫލުން ހައުސިންގ ޔުނިޓްތައް ތަރައްޤީކުރުމަށްޓަކާ 20 ވުރެ ގިނަ ކުންފުންޏާއި މަސައްކަތް ހަވާލުކޮށް، ފްލެޓްތައް ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް މިހާރުވެސް ކުރިއަށްދާކަން ފާހަގަކޮށްލަންޖެހެއެވެ. މިއާއެކު ހުޅުމާލެ ވެފައިވަނީ ޢުމްރާނީ ތަރައްޤީގެ ދާއިރާއިން އެއްފަހަރާއި އެންމެ ގިނަ މަޝްރޫޢުތައް ރާއްޖޭގައި ކުރިއަށްދާ ސަރަޙައްދަށެވެ.