ޚަބަރު

"އޭޑީކޭގެ އާޑިވެލޮޕްމަންޓުގައި ރައީސް ޔާމީންގެ އެހީތެރިކަން ބޮޑު"


އޭޑީކޭ ހޮސްޕިޓަލަށް ޑެވެލޮޕްމެންޓާއިގެން ކުރިއަށް ދެވުނީ ރައީސް ޢަބްދުﷲ ޔާމީންގެ ސަރުކާރުން އެތަނުގެ އެގްރީމަންޓް އާކޮށްދީ، އެއްކަމަށް ދިން އެއްބާރުލުމުގެ ސަބަބުންކަމަށް ވިދާޅުވެ އެޑީކޭ ޤްރޫޕްގެ ޗެއާރމަން  އަޙްމަދު ނާޝިދު ރައީސް ޔާމީނަށް ތައުރީފްކޮށްފިއެވެ.

އޭޑީކޭ ޤުރޫޕްގެ ޗެއާރމަން އަދި ރައްޔިތުން މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ މެންބަރު އަހްމަދު ނާޝިދު (އޭޑީކޭ ނާޝިދު) ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނަށް ތަޢުރީފް ކުރައްވާ  މިމޭރުމުން ވާހަކަފުޅު ދައްކަވާފައި މިވަނީ އޭޑީކޭ ހޮސްޕިޓަލްގެ ކެތު ލެބާއި ތިއެޓާ ކޮމްޕްލެކްސް ހުޅުވުމަށް ބާއްވަމުންދާ ރަސްމިއްޔާތެއްގައެވެ. އޭޑީކޭ ހޮސްޕިޓަލް އުފެދިގެން މިހާހިސާބަށް އައިގޮތުގެ މައްޗަށް އަލިއަޅުއްވާލައްވާ ވަހަކަފުޅުދައްކަވަމުން ނާޝީދު ވިދާޅުވީ އޭޑީކޭ ހޮސްޕިޓަލައިގެން މިހާހިސާބަށް މިދެވުނީ ސަރުކާރުގެ އެއްބާރުލުމާއެކުކަމަށެވެ. ނަމަވެސް ބައެއް ސަރުކާރުތަކުން އެހޮސްޕިޓަލަށް ދަތިތަކާ  ކުރިމަތިވިކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.

"އަޅުގަނޑު ހީކުރީވެސް އަޅުގަނޑަކަށް އެހާބޮޑަކަށް މަރުހަބާއެއްވެސް ވިދާޅުނުވާނެކަމަށް. އެއީ އަޅުގަނޑު ހުންނަނީވެސް އެމަނިކުފާނުގެ އެއް ފަރާތެއްގައިވެސް ނޫން. އެހެން ކަހަލަ ކުލައެއް ޖެހިގެން ހުންނަ މީހެއްކަމަށް ދެކެވިފައި ހުންނަނީ. އެކަހަލަ އެއްވެސް ވާހަކައެއް ނުދައްކަވާ. ވިދާޅުވީ ތިކަން ވާންވާނެއޭ. އެހެންވިދާޅޫވެ އެފަހަރު އެގުރިމަންޓް އާވެގެންދިއައީ." އޭޑީކޭ ނާޝިދު ވިދާޅުވިއެވެ.

ނާޝީދު ވިދާޅުވީ އޭޑީކޭގެ އެގްރިމެންޓްގެ މުއްދަތު އިތުރު ކުރަން އެގްރީމެންޓް ކުރީ ރައީސް ޔާމީންގެ ވެރިކަމުގައި 2015 ވަނަ އަހަރު ކަމަށެވެ. އަދި އެއާއިއެކު އޭޑީކޭ ހޮސްޕިޓަލްގެ  ތަރައްޤީކުރުމުގެ ބޮޑެތި މަސައްކަތްތަކެއް ފެށިގެންދިޔަކަން އޭނާ ފާހަގަކުރެއްވިއެވެ. 

"ހަމަގައިމުވެސް މިއަދު އަޅުގަނޑަށް ވަރަށް ސާބިތުކަމާއެކު ދަންނަވަން ކެރިދާނެ މިއަދު މިއައި ޑެވެލޮޕްމެންޓާއިގެން ކުރިއަށް މި ދެވުނީ ރައީސް ޔާމީން އަޅުގަނޑަށް އެކަން ކޮށްދެއްވީމައޭ"، ނާޝިދު ވިދާޅުވިއެވެ.

އޭޑީކޭ ނާޝިދު ރާއްޖޭގެ ސިއްޙީދާއިރާއަށް ނިކުންނެވީ 1987 ވަނަ އަހަރު ކުޑަކުލިނިކަކާއެކުއެވެ.