ޚަބަރު

އޭޑީކޭގެ ކެތުލެބާއި އޮޕަރޭޝަން ތިއޭޓަރ ކޮމްޕްލެކްސް ހުޅުވައިފި


އޭޑީކޭ ހޮސްޕިޓަލްގައި ހިތުގެ އޮޕަރޭޝަނަށް ޚާއްސަ ކެތުލެބާއި އޮޕަރޭޝަން ތިއޭޓަރ ކޮމްޕްލެކްސް އިފްތިތާހް ކޮށްފިއެވެ.

އޭޑިކޭ ހޮސްޕިޓަލްގައި ޤާއިމްކުރި ކެތުލެބާއި، ތިއޭޓަރ  ކޮމްޕްލެކްސް އިފްތިތާޙް ކޮށްދެއްވީ، އެކަމަށްޓަކައި އެ ހޮސްޕިޓަލްގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ހެލްތު މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހީމްއެވެ. ކެތުލެބާއި، ތިއޭޓަރ ކޮމްޕްލެކްސް އިފްތިތާހް ކޮށްދެއްވުމަށްފަހު ހެލްތު މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހީމް ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގައި އެކަށީގެންވާ ސިއްޙީ ޚިދުމަތެއް ދިނުމަށް އޭޑީކޭއިން ކޮށްދެމުންގެންދާ މަސައްކަތްތަކަށް، އޭޑީކޭގެ ޗެއަރމަން ނާޝިދަށާއި، އޭޑީކޭގެ މެނޭޖްމަންޓަށް ޝުކުރާއި ތަޢުރީފް ކުރެއްވިއެވެ. 

އަދި މީހުން ބިނާކުރުމަށް އޭޑީކޭއިން ކުރަމުންދާ މަސައްކަތްތަކަށްވެސް ޝުކުރު އަދާކުރެއްވިއެވެ. މިނިސްޓަރ ވިދާޅުވީ ފާއިތުވެދިޔަ ހަތަރުއަހަރަކީ ރާއްޖޭގެ ސިއްޙީދާއިރާށް އިންޤިލާބީ ބަދަލުތަކެއް ގެނެސްދީފައިވާ ހަތަރުއަހަރުކަމަށާ ސިއްޙީދާއިރާށް ސަރުކާރާ އަމިއްލަ ފަރާތްތަކުން ކޮށްފައިވާ އިންވެސްޓްތަށް އެކަމަށްހެކިދޭކަމަށެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އޭޑީކޭ ގްރޫޕް އޮފް ކޮމްޕެނީސްގެ ޗެއަރމަން އަހްމަދު ނަޝީދުވަނީ، އޭޑީކޭހޮސްޕިޓަލް އުފެއްދުމަށް ކުރެއްވި މަސައްކަތުގެ މައްޗަށް އަލިއަޅުއްވާލައްވާ ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން މަސައްކަތަށް ނިކުންނެވީރު ކެޕިޓަލްއަކީ ނުވަތަ އިންވެސްޓްމަންޓަކީ 750 ޑޮލަރުކަމަށެވެ. ނަމަވެސް އެތަށް ހަރުފަތަކަށްފަހު ހޮސްޕިޓަލްގެ ޙިދުމަތް އެތައް ގޮތަކުން ކުރިއަރާފައިވާކަމަށް އޭނާ ވިދާޅުވި. އަދި އަލަށް ގާއިމްކުރި ކެތުލެބާއި އޮޕަރޭޝަން ތިއޭޓަރ ކޮމްޕްލެކްސްގައި ބަހައްޓާފައިހުރި ވަސީލަތްތަކަކީ މުޅި ދުނިޔޭގައި ހުރި އެންމެ ފެންވަރު ރަނގަޅު ވަސީލަތްތައް ކަމަށް ވިދާޅުވިއެވެ. އޭޑީކޭއަށް ލިބިފައިވާ އެންމެބޮޑު ކާމިޔާބީއަކީ، އިންވެސްޓްމަންޓްގެ އިތުރުން، ހިއުމަން ކެޕިޓަލް ލިބުން ކަމަށާއި، ކިޔަވައިގެން އައިސްތިބި ދިވެހި ދަރިން އޭޑީކޭގައި ތިބުން އެއީ ބޮޑުކާމިޔާބީއެއްކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިމަސައްކަތުގައި އެންމެބޮޑު އެހީތެރިކަމެއް ލިބިވަޑައިގެންނެވީ އާއިލާއާއި، އަނބިކަނބަލުންގެ ފަރާތުންކަން ނާޝިދު ފާހަގަ ކުރެއްވިއެވެ.

ކެތުލެބާއި، ތިއޭޓަރ ކޮމްޕްލެކްސް ޕްރޮޖެކްޓާ ގުލޭގޮތުން ވާހަކަފުޅު ދައްކަވަމުން އޭޑީކޭ ހޮސްޕިޓަލްގެ މެނޭޖިންގ ޑިރެކްޓަރ އަހްމަދު އަފްއާލް ވިދަޅުވީ މުޅި ޕްރޮޖެކްޓަށް 10 މިލިއަން އެމެރިކާ ޑޮލަރު ޚަރަދުވި ކަމަށެވެ. އަދި މިއީ އޭޑީކޭއިން ރާއްޖޭގައި ސިއްހީ ޚިދުމަތް ދިނުމަށް 31 އަހަރުކުރިން ފެށި ޚިދުމަތަށް ހުޅުވާލެވޭ އާ ޞަފްހާއެއްކަމަށެވެ. އަދި ޤާއިމްކޮށްފައިވާ ވަސީލަތްތަކަކީވެސް ޚާއްސަ ވަސީލަތްތަކެއް ކަމަށާއި، ކުޑަކުދިންނާއި ބޮޑެތި މީހުންގެ ހިތުގެ އޮޕަރޭޝަން ކުރެވޭ މެޝިން ބެހެއްޓިފައިވާނެ ކަމަށް އަފްއާލް ވިދާޅުވިއެވެ. މީހުން ބިނާކުރުމުގެ މުހިންމު މަސައްކަތްތެއްގެ ގޮތުން އޭޑީކޭ ހޮސްޕިޓަލްގެ ފެކަލްޓީ އޮފް ހެލްތު ސައިންސަސްއިން މިދިޔަހަފްތާއިން ފެށިގެން ކިޔަވައިދޭން ފަށާފައިވާކަމަށާއި "އެކި ދާއިރާތަކުގެ ވަރަށް ގިނަ ސްޕެޝަލިސްޓުންނާއި، ސުޕަރ ސްޕެޝަލިސްޓުން މިހާރުވެސް އޭޑީކޭގައި އެބަތިއްބެވި. 11 ބޭފުޅަކު މިހާރުވެސް ރާއްޖެއިން ބޭރުގައި ތަމްރީނުވަމުން އެބަދޭ. މިއަދު މި ހުޅުވުނު ސެންޓަރުގެ ކޮންމެ ސެކްޝަނެއްގެ ހެޑަކަށްވެސް ހުންނެވީ ދިވެއްސެއް" އަފްއާލް ވިދާޅުވިއެވެ.

 ސިއްހީ ދާއިރާގައި ކިޔަވާ ފަރާތްތަކުގެ ދިރާސާތައް ޝާއިއުކުރުމަށް "އޭޑީކޭ ޖާނަލް އޮފް މެޑިސިން" މިހާރު ރަޖިސްޓަރީ ކޮށްފައިވާ ކަމަށާއި، ވަރަށް އަވަހަށް ޝާއިއު ކުރަން ފަށާނެ ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން، އޭޑީކޭ ހޮސްޕިޓަލްގެ އަމާޒު މިހާރުހުރީ ރާއްޖޭގައި މެޑިކަލް ޕްރޮފެސަރުން އުފެއްދުމަށް ކަމަށާއި، ދިވެހި ގައުމުގައި ތިބެގެން ޕްރޮފެސަރުންނަށް ވުމުގެ ފުރުސަތު އޭޑީކޭއިން ހޯދައިދޭނެ ކަމަށް މެނޭޖިންގ ޑިރެކްޓަރ ވިދާޅުވިއެވެ. އޭޑިކޭ ހޮސްޕިޓަލުން މިހާރުވެސް 17 ކްލިނިކަލް އަދި 9 ސްޕެޝަލިޓީ ޚިދުމަތް މިހާރުވެސް ދެމުންގެންދާކަން މެނޭޖިންގ ޑިރެކްޓަރގެ ވާހަކައިގައި ފާހަގަ ކުރެއްވިއެވެ. އަދި ދާދިއަވަހަށް "އޭޑީކޭ އެޓް ހޯމް" މިނަމުގައި ގޭގައިގޮސް އުމުރުން ދުވަސްވީ މީހުންނަށް ފަރުވާދިނުމުގެ ޚިދުމަތްވެސް ފަށާނޭ ކަމަށް ވިދާޅުވިއެވެ.

  ހިތުގެ ބަލިތަކާގުޅޭ ގިނަ ތަހުލީލުތައްވެސް ހެދޭގޮތަށް ގާއިމްކުރި ކެތުލެބުން އެންމެ ޒަމާނީ ހައިޓެކް ވަސީލަތްތަކާއެކު ހިތުގެ އޮޕަރޭޝަންތައް ކުރެވޭގޮތަށް ޤާއިމްކޮށްފައިވާ ކެތްލެބެއްކަމަށް އެޑީކޭން މައުލޫމާތުދެއެވެ. މި ކެތުލެބަށް ނަންދީފައިވަނީ  ހަސަން އިބްރާހިމް ޓިއަރ އޮފް އެކްސެލެންސީ އިން ކާޑިއޯވެސްކިއުލަރ ކެއަރގެ ނަމުންނެވެ. ހަސަން އިބްރާހިމް ހިތުގެ އާލާސްކަންފުޅެއްގަ ނިޔާވިއިރު ހަސަންއަކީ  އޭޑީކޭ ގްރޫޕްގެ ކޯފައުންޑަރ އެކެވެ. އޮޕަރޭޝަން ތިއޭޓަރ ކޮމްޕްލެކްސްގައި ހމެނޭ ތިން ތިއޭޓަރ އަށް ނަންދީފައިވަނީ ބީޗު، ސަންރައިޒް، އަންޑަރވޯޓަރ ތިއޭޓަރުގެ ނަމުންނެވެ.