ޚަބަރު

"ނިމެނީ، ނިމެނީ" - ކޮންކަމެއްބާ ނިމެނީ!


އިދިކޮޅު ފަރާތްތަކުން މިހާރު އެންމެ ގަދައަށް ކިޔަމުންދަނީ، "ނިމެނީ، ނިމެނީ" އެވެ. ފޭސްބުކްއާއި ޓްވިޓާގައި "ނިމެނީ، ނިމެނީ" ނަމުގައި ހޭޝްޓެގް ހަދައިގެން އިދިކޮޅު ފަރާތްތަކުން ދަނީ ތަފާތު ޝުޢޫރުތައް ފާޅުކުރަމުންނެވެ. ހަމަ ދެންމެ ދެންމެ ނިމެނީކަމަށްވެސް އިދިކޮޅު ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ. ނަމަވެސް ނިމެން އުޅެނީ ކޮންކަމެއް ހެއްޔެވެ.



ނިމެނީ ކޮންކަމެއްކަން ނޭނގިގެން އުޅޭއިރު، ސަރުކާރަށް ތާޢީދުކުރާ ފަރާތްތަކުން ބުނަމުންދަނީ ނިމެނީ ކޮންކަމެއްކަން އެމީހުންނަށް އެނގޭކަމަށެވެ. މިގޮތުން އެންމެ އަވަހަށް ނިމޭނީ ހުޅުމާލެއާއި މާލެ ގުޅުވާލުމަށް ހުޅުލެއާއި މާލެއާއި ދެމެދު އަޅާ ބިޔަ ބްރިޖުގެ މަސައްކަތްކަމަށެވެ. އެގޮތުން ޖުލައިމަހަށް ބްރިޖުގެ މަސައްކަތް ނިމޭނެކަމަށް ހައުސިންގ މިނިސްޓަރވެސް ވަނީ ވިދާޅުވެފައެވެ.

ނިމެނީ، ނިމެނީ ގޮވަމުންދާއިރު، ދެން އެންމެ އަވަހަށް ނިމޭނީ ރާއްޖޭގައި މިހާތަނަށް ޢިމާރާތްކުރާ އެންމެ އުސް ޢިމާރާތުގެ މަސައްކަތެވެ. މިގޮތުން 25 ބުރިއަށް ޢިމާރާތްކުރާ ދަރުމަވަންތަ ހޮސްޕިޓަލްގެ ޢިމާރާތް ޖުލައިމަހު ނިމި، ދުނިޔޭގެ އެންމެ މަތީ ފެންވަރުގެ ހޮސްޕިޓަލްތަކުން ލިބޭ ޚިދުމަތްތައް ދިވެހި ރައްޔިތުންނަށް މި ހޮސްޕިޓަލުން ލިބޭނެއެވެ.

ނިމެމުންދާ ކަންކަމަށް ބަލާލާއިރު، ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ދަށުން މިސަރުކާރުން ހިއްކި ބޮޑު ބިމުގައި މަގުތައް ހެދުމާއި ތާރު އެޅުމުގެ މަސައްކަތް ވަރަށް އަވަހަށް ނިމޭނެއެވެ. އަނެއްކޮޅުން ހައުސިންގ ޔުނިޓްތަކާއި ފްލެޓްތައް އެޅުމުގެ މަސައްކަތް ކުރިއަށްދާއިރު، މިމަސައްކަތްތައް ވަރަށް އަވަހަށް ނިމޭނެއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ މަސައްކަތަކީވެސް މިހާރު ނިމެން ކައިރިވެފައިވާ މަސައްކަތެކެވެ. ބިލިއަނެއްހާ ޑޮލަރުގެ މިޕްރޮޖެކްޓާއެކު ތަރައްޤީކުރާ އައު ރަންވޭއަށް ބޭނުންވާ ބިން ހިއްކާ ނިމިފައިވާއިރު، އައު ރަންވޭގައި ތާރު އެޅުމުގެ މަސައްކަތްވެސް ނިމެނީއެވެ. އަނެއްކޮޅުން ދުނިޔޭގައި މިހާތަނަށް ތަރައްޤީކުރާ އެންމެ ބޮޑު ސީ ޕްލޭން ބޭސް ތަރައްޤީކުރުމުގެ މަސައްކަތް ހުޅުލޭގައި ދަނީ ކުރިއަށެވެ. އެހެންކަމުން އެމަސައްކަތްވެސް ވަރަށް އަވަހަށް ނިމޭނެއެވެ. ދުނިޔޭގެ މަޝްހޫރު ބްރޭންޑްތައް އެއަރޕޯޓަށް ގެނައުމުގެ މަސައްކަތްވެސް ނިމެނީއެވެ.

މާލެ ސަރަޙައްދުގައި ދޭ ކަރަންޓުގެ ޚިދުމަތް ފުރިހަމަކުރުމަށް ހިންގާ ފިފްތު ޕަވަރ ޕްރޮޖެކްޓަށް ބޭނުންވާ ބިޔަ ޖަނަރޭޓަރުތައް ގެނެސް ނިމިފައިވާއިރު، އެޕްރޮޖެކްޓްވެސް ދަނީ ނިމެމުންނެވެ.

img:http://s1.psmnews.mv/images/660x400/14787188860632.jpg|ޗައިނާ މޯލްޑިވް ފްރެންޑްޝިޕް ބްރިޖްގެ މަސައްކަތް ކުރިއަށްދަނީ - ފޮޓޯ: ޕީއެސްއެމް / ޙުސައިން ސަޢީދު

މާލޭ ހުޅަނގު ފަރާތުގައި ކުރިން ހުރި ކަޑަތަކުގެ ބަދަލުގައި، ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފައިވާ ފުޑްކޯޓުތަކުގެ މަސައްކަތް ނިމެނީއެވެ. ސަލްޓަން ޕާކުގައި ތަރައްޤީކުރާ ވިންޓަރ ޕާކުގެވެސް މަސައްކަތްވެސް ނިމެނީއެވެ. ރަސްފަންނުގައި ހަދާ ޕެވޭލިއަންގެ މަސައްކަތްވެސް ނިމެނީއެވެ. ރާއްޖޭގައި މިހާތަނަށް ބިނާކުރާ އެންމެ ބޮޑު މިސްކިތް، ކިންގް ސަލްމާން މިސްކިތުގެ ފައުންޑޭޝަން މަސައްކަތް ނިމެނީއެވެ.

އިންޑަސްޓްރިއަލް ވިލެޖުގެ މަސައްކަތް ނިމެނީއެވެ. ބްރިޖާއި ގުޅިގެން ހުޅުމާލެއާއި މާލޭގައި ރަނގަޅު ފެންވަރަށް މަގުތައް ހެދުމުގެ މަސައްކަތް ނިމެނީއެވެ. ތިނަދޫގައި ޢިމާރާތްކުރާ މިއުޒިއަމް ޕާކުގެ މަސައްކަތް ނިމެނީއެވެ. އައްޑޫ ޓާޝަރީ ހޮސްޕިޓަލުގެ މަސައްކަތްވެސް ނިމެނީއެވެ. އިހަވަންދިޕޮޅުގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާ އައިހަވަން މަޝްރޫޢުގެ މާސްޓަރ ޕްލޭންސް ނިމެނީއެވެ. އަތޮޅުތަކުގައި ހިންގާ އުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތައް ނިމެނީއެވެ. ތައުލީމީ ދާއިރާއާއި ސިއްޙީ ދާއިރާ ކުރިއެރުވުމަށް ހިންގާ ބޮޑެތި ޕްރޮޖެކްޓްތައް ނިމެނީއެވެ. ފަތުވެރިކަމާއި އިޤްތިޞާދު ކުރިއެރުވުމަށް ހިންގާ މަޝްރޫޢުތައް ނިމެނީއެވެ. މަސްވެރިންނާއި ދަނޑުވެރިންނަށް މަންފާ ހޯދައިދިނުމަށް ހިންގާ ޕްރޮޖެކްޓްތައް ނިމެނީއެވެ. ޒުވާނުންނާއި އަންހެނުން ބާރުވެރިކުރުމަށް ހިންގާ ޕްރޮޖެކްޓްތައްވެސް ނިމެނީއެވެ.

ރައީސް ޔާމީންގެ ސަރުކާރުން މިފަސް އަހަރަށް އަމާޒުކޮށް ހިންގަން ފެށި ގިނަ މަޝްރޫޢުތައް ނިމިފައިވާއިރު، ދެން ހުރި މަޝްރޫޢުތައް ދަނީ ނިމެމުންނެވެ. ޔަޤީންވާކަމަކީ ސަރުކާރުގެ މަޝްރޫޢުތައް ހުއްޓުމެއް ނެތި، ކުރިއަށްދާނެކަމެވެ. އެއްވެސް މަޝްރޫޢެއް ކަޑަ ޖަހަފާއި ނިންމައެއް ނުލައެވެ. ނިންމާލަނީ މަސައްކަތް ފުރިހަމަކޮށްފައެވެ. ދެން ހުރި މަޝްރޫޢުތައް ދާނީ ބާރަށް ކުރިއަށެވެ. ނިމުމެއް ނެތީ މިސަރުކާރުގެ މަސައްކަތަށެވެ. އެހެން ހުރިހާ ކަމެއް ދަނީ ނިމެމުންނެވެ.