ޚަބަރު

ޔޫއޭއީގެ އިންވެސްޓްމަންޓް ރާއްޖެ ގެނައުމުގެ މަސައްކަތް ކާމިޔާބު


ޔުނައިޓެޑް އަރަބް އެމިރޭޓް، ޔޫއޭއީގެ ބޮޑެތި އިންވެސްޓްމަންޓްތަކާއި ވިޔަފާރިތައް ރާއްޖެ ގެނައުމަށް ގިނަ މަސައްކަތްކޮށް އެކަން ކާމިޔާބުކަމަށް ޔޫއޭއީގައި ހުންނަވާ ދިވެހި ސަފީރު ޑރ. ޙުސައިން ނިޔާޒު ވިދާޅުވެއްޖެއެވެ. ޑރ. ޙުސައިން ނިޔާޒު ވިދާޅުވީ ދިވެހިރާއްޖެއާއި ޔޫއޭއީއާ ދެމެދު ސިޔާސީ ގުޅުން ޤާއިމްކުރިތާ 40 އަހަރު ފުރުމާއި ގުޅިގެން ދެއްވި ޚާއްޞަ އިންޓަރވިއުއެއްގައެވެ.



ދެޤައުމުގެ ގުޅުމާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައި ޔޫއޭއީގައި ހުންނަވާ ދިވެހި ސަފީރު ޑރ. ޙުސައިން ނިޔާޒް ވިދާޅުވީ، ދެޤައުމުގެ ގުޅުން ވަރަށް ބަދަހިކަމަށާއި މިގުޅުމުގެ ފައިދާ ރާއްޖެއަށް އަބަދުވެސް ލިބޭކަމަށެވެ. އޭނާ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މިދިޔަ އަހަރު ޔޫއޭއީއަށް ކުރެއްވި ދަތުރުފުޅުގެ ސަބަބުން މަތީ ފެންވަރުގެ ގުޅުމެއް ދެޤައުމުގެ ދެމެދު ޤާއިމް ވެފައިވާ ކަމަށެވެ. އަދި އެ ދަތުރުފުޅުގައި ސޮއިކުރެއްވި އެއްބަސްވުންތަކުގެ ސަބަބުން އޭގެ ފާއިދާ ކުރަމުން އަންނަކަމަށެވެ. ސަފީރު ވިދާޅުވީ ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތަކަށް ޔޫއޭއީން ބޮޑެތި އެހީތައް ވަމުންދާކަމަށާއި، މީގެ އިތުރުން ބައިނަލްއަޤްވާމީ މައިދާނުގައިވެސް އެއްބާރުލުން ވަރަށް ބޮަޑަށް ލިބެމުން އަންނަކަމަށެވެ. ރައީސް ޔާމީން މިދިޔަ އަހަރު ޔޫއޭއީއަށް ކުރެއްވި ދަތުރުފުޅުގައި ވަނީ ރާއްޖޭގެ ޑިޕްލޮމެޓިކް ޕާސްޕޯޓް އޮންނަ ފަރާތްތަކަށް އޮން-އެރައިވަލް ވިސާ ލިބޭނެ އެއްބަސްވުމަކާއި ދެ ޤައުމުގެ އިންވެސްޓަރުންނަށް ހިމާޔަތް ދިނުމާބެހޭ އެއްބަސްވުމަކާއި ދެފަހަރަށް ޓެކްސް ނެގުން އުވާލުމާގުޅޭ އެއްބަސްވުމަކާއި ރާއްޖޭގެ އެއަރޕޯޓް ތަރައްޤީގުކުރުމަށް އަބޫދާބީ ފަންޑުން އެހީހޯދުމާއި ގުޅޭ އެއްބަސްވުމެއްގައި ސޮއިކުރެއްވިއެވެ.

ސަފީރު ޑރ. ޙުސައިން ނިޔާޒު ވިދާޅުވީ ދިވެހި ޕާސްޕޯޓް އޮންނަ ކޮންމެ ފަރާތަކަށް އޮން-އެރައިވަލް ވިސާ ލިބޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތް ބާރު ސްޕީޑްގައި ކުރިއަށްދާކަމަށެވެ.

"ވަރަށް ރަނގަޅު ގުޅުމެއް ޔޫއޭއީއާއެކު މިހާރު ބަދަހިވަމުންދަނީ. މި ގުޅުމުގެ ސަބަބުން ރާއްޖެއަށް ވަރަށް ފައިދާވޭ ފެށުނީއްސުރެން. ޚާއްޞަކޮށް ޔޫއޭއީން ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތަކަށް ބޮޑެތި އެހީތަކެއް އަބދުވެސް ވެދެއްވާ. އެގޮތުން އެއަރޕޯޓް އެންމެ ފުރަތަމަ އެޅުމާ މިހާރު އެއަރޕޯޓް ތަރައްޤީކުރުމުގައިވެސް. ހަމަ މިއާއެކު، ބައިނަލްއަޤްވާމީ މައިދާނުގައިވެސް ވަރަށް ބޮޑެތި އެއްބާރުލުން ދެއްވާ ޤައުމެއް ޔޫއޭއީއަކީ" ޑރ. ޙުސެއިން ނިޔާޒް ވިދާޅުވިއެވެ.

މީގެ އިތުރުން ސަފީރު ވިދާޅުވީ ޔޫއޭއީގެ އިންވެސްޓަރުން ރާއްޖޭގައިި ކުރާ އިންވެސްޓްމަންޓްތަކަށް ހިމާޔަތް އޮތްކަމުގެ ޔަޤީންކަން ލިބުމުގެ ސަބަބުން ވަރަށް ގިނަ އިންވެސްޓަރުން ޝައުޤުވެރިކަން ފާޅުކުރަމުން އަންނަކަމަށެވެ. އަދި ޔޫއޭއީއަކީ ރާއްޖެއާއެކު ވަރަށް ޚާއްޞަ ގުޅުމެއް ބާއްވަން ބޭނުންވާ ޤައުމެއްކަމަށާއި އެކަން އެޤައުމުގެ އޮފިޝަލުން ތަކުރާރުކޮށް ފާހަގަކުރާކަމަށް ސަފީރު ވިދާޅުވިއެވެ. ޔޫއޭއީގެ ބޮޑެތި އިންވެސްޓްމަންޓްތަކާއި ވިޔަފާރިތައް ރާއްޖެއާ މެދު ޝައުޤުވެކަން ފާޅުކުރަމުން އަންނަކަމަށާއި އެހެންކަމުން އެ އިންވެސްޓްމަންޓްތަކާއި ވިޔަފާރިތައް ރާއްޖެއަށް ގެނައުމަށް ގިނަ މަސައްކަތް ކުރަމުންދާކަން ސަފީރު ފާހަގަކުރެއްވިއެވެ.

"އޫއޭއީގެ ރައްޔިތުންނަކީ ރާއްޖެދެކެ ވަރަށް ލޯބިވާ ބައެއް. އެމީހުން އަބަދުވެސް ބޭނުންވޭ ރާއްޖެއަށް ހަމަޖެހުމާ ތަރައްޤީ އިނގޭތޯ. ރާއްޖެއަށް ދަތުރުކުރުމާ، ރާއްޖޭގެ ރީތި މާހައުލަކީ އެމީހުން ވަރަށް ޝައުގުވެރިވާ ތަނެއް. ޔޫއޭއީގެ ފޭވަރިޓް ޑެސްޓިނޭޝަނެއް އަދި ރާއްޖެ އޮންނަ ސަރަހައްދުގެ ގޮތުން ޚާއްޞަވޭ. ކުރިއަށް އޮތްތާ ޔޫއޭއީގެ ބޮޑެތި އިންވެސްޓްމަންޓްތައް ރާއްޖެއަށް އަންނާނެކަމުގެ ޔަޤީންކަން އެބައޮތް" ސަފީރު ޑރ. ޙުސައިން ނިޔާޒް ވިދާޅުވިއެވެ. 

 

ޔޫއޭއީއަކީ ތަޢުލީމް ހާސިލްކުރުމަށާއި ވަޒީފާ އަދާކުރުމަށް ގިނަ ޢަދަދެއްގެ ދިވެހިން ދިރިއުޅެމުންދާ ޤައުމެކެވެ. އެގޮތުން ރާއްޖޭގެ ވިޔަފާރިވެރިންނާ ކިޔަވާކުދިންނަށްވެސް ދެޤައުމުގެ ގުޅުމުގެ ފައިދާ ކުރަމުން އަންނަކަމަށް ދިވެހި ޚާރިޖީޔާއިން ބުނެއެވެ. ދިވެހިރާއްޖެއާއި ޔޫއޭއީއާ ދެމެދު ޑިޕްލޮމެޓިކް ގުޅުން ޤާއިމްކުރީ 15 މާރޗް 1978 ގައެވެ. އެއީ ޔޫއޭއީ ދައުލަތެއްގެ ގޮތުގައި އުފެދުނުތާ 7 އަހަރުނުވަނީސްއެވެ. އެހެންކަމުން ރާއްޖެއަކީ ޔޫއޭއީއާ އެކު އެންމެ ފުރަތަމަ ޑިޕްލޮމެޓިކް ގުޅުން ޤާއިމްކުރި ޤައުމުތަކުގެ ތެރޭގައި ހިމެނޭ ޤައުމެކެވެ.