ޚަބަރު

ސްޓެފަން ހޯކިންގް – ފަލަސްޠީނުގެ ހައްޤުގައި މަސައްކަތް ކުރެއްވި


މިފަހުގެ ތާރީޚެއްގައި ދުނިޔެ ދުށް އެންމެ ތޫނުފިލި ސައިންޓިސްޓް ސްޓެފަން ހޯކިންގް އުމުރުން 76 އަހަރުގައި އަވަހާރަވިއިރު އޭނާ ފާހަގަވެފައިވަނީ ސައިންސްގެ ދާއިރާއިން އޭނާ ކުރައްވާފައިވާ މަސައްކަތުން އެކަންޏެއް ނޫނެވެ. މާގިނަ ބަޔަކަށް ނޭގުނަސް ފަލަސްޠީނު ރައްޔިތުންގެ ހައްޤުގައި އޭނާ ވަނީ ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ.

2013 ވަނަ އަހަރު ޚަބަރުތަކުގެ ސުރުޚީތަކަށް ހޯކިންގްގެ ވާހަކަ އައީ، އެއަހަރުގެ މޭމަހު އިސްރާޢީލުގައި ބޭއްވި މަތީ ފެންވަރުގެ ބައްދަލުވުމެއްގައި އޭނާ ވާހަކަދެއްކެވުމަށް ހަމަޖެހިފައިވަނިކޮށް، އެބައްދަލުވުން ބޮއިކޮޓްކުރަން ނިންމުމުންނެވެ. ދުނިޔެއަށް މަޝްހޫރު ސައިންސްވެރިޔާ އޭރު ދިޔައީ އިނގިރޭސިވިލާތުގެ ކެމްބްރިޖު ޔުނިވަރސިޓީގައި މަސައްކަތްކުރައްވަމުންނެވެ.

އިސްރާއީލުގައި ބޭއްވި ބައްދަލުވުމުގައި ބައިވެރިވެވަޑައި ނުގަންނަވާނޭކަން އަންގަވާ ފޮނުއްވި ސިޓީފުޅުގައި ހޯކިންގް ވިދާޅުވީ، "އިސްރާޢީލު ސަރުކާރުގެ ސިޔާސަތުތަކަކީ ފަނާކުރުމާއި ހަލާކަށް މަގުފަހިވާ ސިޔާސަތުތަކެއް" ކަމަށެވެ. އެކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ހޯކިންގް ވިދާޅުވީ، އިސްރާޢީލުގައި ބޭއްވި ބައްދަލުވުމުގައި ބައިވެރިވުމަށް ފުރަތަމަ ނިންމީވެސް ފަލަސްޠީނުގެ ރައްޔިތުންގެ މިނިވަންކަމާއި ސަލާމަތާއި އެމީހުންގެ ހައްޤުތަކާބެހޭ ގޮތުން އެތަނަށް ގޮސް ތަޤުރީރުކުރުމަށްކަމަށެވެ. އަދި ބައްދަލުވުމަށް ނުދާން ނިންމެވީވެސް ފަލަސްޠީނުގެ ގިނަ ރައްޔިތުންތަކެއްގެ އެދުމުގެ މަތިންކަމަށް ހޯކިންގ ވިދާޅުވިއެވެ.

img:http://s1.psmnews.mv/images/660x400/15211186266893.jpg|ސްޓެފަން ހޯކިންގް / ފަލަސްޠީނު ރައްޔިތުންގެ ހައްޤުގައި މަސައްކަތްތަކެއް ކުރެއްވި

ހޯކިންގެ އެނިންމުވުމަށް ފަލަސްޠީނުގެ އެތައް ބަޔަކު ތާޢީދުކޮށް އެކަމާ ގުޅިގެން އުފާވެސް ފާޅުކުރިއެވެ. ފަލަސްޠީނުގެ ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ސްޓެފަން ހޯކިންގް ފަދަ ބޭފުޅެއް އިސްރާއީލު ބޮއިކޮޓް ކުރަން ނިންމުމުން، އެމަސައްކަތް މުޅިން އެހެން ހަރުފަތަކަށް ދިޔައެވެ.

އިސްރާއީލު ބޮއިކޮޓްކުރުމުގެ އިތުރުންވެސް ފަލަސްޠީނު ރައްޔިތުންގެ ހައްޤުގައި ގިނަ މަސައްކަތްތަކެއް ހޯކިންގް ކުރެއްވިއެވެ. މިގޮތުން ހުޅަނގު އައްސޭރީގައި ފަލަސްޠީނު ކުދިންނަށް ކިޔަވައިދިނުމަށް އެޑްވާސް ފިޒިކްސް ސްކޫލެއް ބިނާކުރެއްވުމަށް ހޯކިންގް ވަނީ ފަންޑްރައިޒިން ހަރަކާތެއް ފަށާފައެވެ. މިކެމްޕެއިންގެ ތެރެއިން ހޯކިންގް ވަނީ އޭނާއަށް ތާޢީދުކުރާ އެތައް މިލިއަން މީހުންގެ ކިބައިން ފަލަސްޠީނު ރައްޔިތުންނަށް އެހީވުމަށް އިލްތިމާސްކުރައްވާފައެވެ.

img:http://s4.psmnews.mv/images/660x400/15211186661975.jpg|ސްޓެފަން ހޯކިންގް، ފަލަސްޠީނު ދަރިވަރުން ކިޔަވާ ޔުނިވަރސިޓީއަކަށް ކުރެއްވި ޒިޔާރަތެއްގެ ތެރެއިން

މީގެ އިތުރުން 2016 ވަނަ އަހަރު ހޯކިންގް ވަނީ ގްލޯބަލް ޓީޗަރސް އެވޯޑް ހާސިލުކުރި ފަލަސްޠީނުގެ ހަނާން އަލްޙަރޫބްއަށް މަރުޚަބާ ކިޔާ ފޭސް ބުކްގައި ވީޑިއޯއެއް ޢާއްމުކޮށްފައެވެ. އެވީޑިއޯގައި ހޯކިންގް ބުނެފައިވަނީ، ކޮންމެ ދުވަހަކު ކުޑަކުދިންނަށް އެތައް އަނިޔާއެއް ލިބެމުންދާ، އަދި ހަމަނުޖެހުމުން ބައިބައިވެފައިވާ މުޖްތަމަޢުއެއްގައި ހަނާން ކުރަމުންދަނީ އެންމެން ނަމޫނާއަކަށް ބަލަންޖެހޭ ފަދަ ހިތްވަރުގަދަ މަސައްކަތެއްކަމަށެވެ.

1942 ވަނަ އަހަރުގެ ޖެނުއަރީމަހުގެ 8 ވަނަ ދުވަހުތ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތް ސްޓެފަން ހޯކިންގް އަވަހާރަވީ ބުދަ ދުވަހު، އިނގިރޭސިވިލާތުގެ ކެމްބްރިޖުގައި ހުންނަ އޭނާގެ ގެކޮޅުގައެވެ. އުމުރުން ވަރަށް ޅަ އިރު ކުރިމަތިވެވަޑައިގަތް ޞިއްޙީ މައްސަލަތަކެއްގެ ސަބަބުން އޭނާގެ ހަޔާތުގެ ބޮޑުބައި ހޭދަކުރެއްވީ ފްރޮޅުލީ ގޮނޑިއެއްގައެވެ. ކުރިމަތިވެވަޑައިގަތް ޞިއްޙީ މައްސަލަތަކުގެ ސަބަބުން ވާހަކަދައްކަންޖެހެނީވެސް ޚާއްސަ އާލާތެއް ބޭނުންކޮށްގެނެވެ. ނަމަވެސް މިހުރިހާ ކަމަކާއެކުވެސް ސްޓެފަން ހޯކިންގް ފާހަގަވެފައިވަނީ އެލްބަޓް އައިންސްޓައިނަށްފަހު ދުނިޔެ ދުށް އެންމެ މޮޅު ސައިންސްވެރިޔާގެ ގޮތުގައެވެ. މިގޮތުން ބްލެކް ހޯލްސްއާއި ރިލޭޓިވިޓީއާ ގުޅޭގޮތުން ހޯކިންގް ހޯދި ހޯދުންތަކަކީ ފާހަގަކޮށްލެވޭ ހޯދުންތަކެކެވެ. 

img:http://s1.psmnews.mv/images/660x400/15211186990641.jpg|ސްޓެފަން ހޯކިންގް / ޅަ އުމުރުގައި ސިއްޚީ ބޮޑެތި މައްސަލަތަކެއް ކުރިމަތިވި

ހޯކިންގް ގިނަ ފޮތްތަކެއް ލިޔުއްވާފައިވާއިރު، ކާއިނާތުގައި ހިނގާ ކަންކަން ވަރަށް ތަފްސީލްކޮސް ބަޔާންކޮށްދެއްވާފައިވާ "އަ ބްރީފް ހިސްޓްރީ އޮފް ޓައިމް"އަކީ މީގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ފޮތެވެ. މިފޮތުގެ 10 މިލިއަނަށްވުރެ ގިނަ ކޮޕީ ވަނީ ވިކިފައެވެ.