ދަޢުލަތުގެ އިދާރާތަކަށް މަކަރު ހެދިކަން ފަޅާ އެރުމުން ނޭޕާލްގެ އުއްތަމަ ފަނޑިޔާރު ގޯޕާލް ޕަރަޖުލީ މަޤާމުން ވަކިކޮށްފިއެވެ.
ނޭޕާލްގެ ޖުޑީޝަލް ކައުންސިލް އިދާރާއިން ބުނީ އުއްތަމަ ފަނޑިޔާރުގެ މަޤާމުގައި ހުންނެވި ގޯޕާލް ޕަރަޖުލީ މަޤާމުން ވަކިކުރަން ނިންމީ، މަޤާމުގައި ދެމިހުރުމަށް އުފަން ތާރީޚު އޮޅުވާލާފައިވާކަން ޖުޑީޝަލް ކައުންސިލަށް ސާބިތުވުމުންނެވެ.
ނޭޕާލްގައި އުމުރުން 65 އަހަރުވުމުން ދަޢުލަތުގެ މަޤާމުތަކުން އިސްތިއުފާދޭންޖެހޭއިރު، ޖުޑީޝަލް ކައުންސިލުން ބުނީ މިދިޔަ އަހަރުގެ އޮގަސްޓްމަހު އުއްތަމަ ފަނޑިޔާރަށް 65 އަހަރުވެފައިވާކަމަށެވެ.
ޖުޑީޝަލް ކައުންސިލުގެ އިދާރާއިން ހާމަކޮށްފައިވާ މަޢުލޫމާތުތަކަށް ބަލާއިރު އުއްތަމަ ފަނޑިޔާރު ގޯޕާލްގެ އުފަންދުވަހަކީ 5 އޮގަސްޓް 1952 އެވެ. އެހެންކަމުން މިދިޔަ އަހަރުގެ އޮގަސްޓްމަހު އެމަނިކުފާނު އުއްތަމަ ފަނޑިޔާރުގެ މަޤާމުން ވަކިވާނެއެވެ. ނަމަވެސް އުއްތަމަ ފަނޑިޔާރު ބުނާގޮތުން އޭނާގެ އުފަންދުވަހަކީ 8 އޭޕްރީލް 1953 އެވެ. އުއްތަމަ ފަނޑިޔާރު ގަބޫލުކުރައްވާ ގޮތުގައި އޭނާއަށް 65 އަހަރު ވާނީ މިއަހަރުގެ އޭޕްރީލްގައެވެ.
ނަމަވެސް ނޭޕާލްގެ ޤާނޫނީ މާހިރުން ބުނަނީ އުއްތަމަ ފަނޑިޔާރުގެ އުމުރު އޮޅުވާލަން މަސައްކަތްކުރަނީ މަޤާމުން ވަކިވާންޖެހޭ އުމުރު ފަހަނައަޅާ ގޮސްފައިވާއިރުވެސް، މަޤާމުގައި ދެމިހުރުމަށް ބޭނުންވާތީކަމަށެވެ.
img:http://s1.psmnews.mv/images/660x400/15211121064451.jpg|ނޭޕާލްގެ އުއްތަމަ ފަނޑިޔާރު ގޯޕާލް ޕަރަޖުލީ ( ވާތުގައި ) / އޭނާ ވަނީ މަޤާމުން ވަކިކޮށްފައި
އުއްތަމަ ފަނޑިޔާރުގެ ތަޢުލީމީ ސެޓްފިކެޓްތަކާއި ސަރުކާރުގެ އެހެން ލިޔެކިއުންތަކުގައި ބަޔާންކޮށްފައިވާ އުފަން ތަރީޚު ދިމާނުވާކަމަށް ބުނެ ރިޕޯޓްތައް މީޑިއާގައި ޝާޢިއުކުރަން ފެށުމުން، އުއްތަމަ ފަނޑިޔާރު ވަނީ އޭނާއާ ގުޅޭ ޚަބަރުތައް ވަކި ގޮތަކަށް ގެނައުމަށް ނޭޕާލްގެ ޕްރެސް ކައުންސިލަށް އަމުރުކޮށްފައެވެ. އެ އަމުރާ ދެކޮޅަށް ނޫސްވެރިން ރިޕޯޓްކުރަން ފެށުމުން، ނޭޕާލްގެ އެންމެ ބޮޑު މީޑިއާ ކުންފުނިތަކާ ދެކޮޅަށް އުއްތަމަ ފަނޑިޔާރާ ގުޅުން އޮންނަ ވަކީލަކު ވަނީ ކޯޓުގެ ޙުރުމަތް ކެނޑުމުގެ މައްސަލައެއް ހުށަހަޅާފައެވެ. މައްސަލަ އަދިވެސް ދަނީ ކުރިއަށެވެ.
ނޭޕާލްގެ އުއްތަމަ ފަނޑިޔާރު އުމުރު ހަގު ކަމަށް ބުނެ އޮޅުވާލާފައިވާކަން ފަޅާ އަރާފައިވާ ރާއްޖޭގައިވެސް ވަނީ މިފަދަ ކަމެއް ހިނގާފައެވެ. މިގޮތުން ރާއްޖޭގެ ސުޕްރީމްކޯޓުގެ ފަނޑިޔާރު އަލީ ހަމީދު އުމުރު ހަގު ކުރައްވައި، އައިޑީ ކާޑަށް ބަދަލުކުރެއްވިކަމަށް ބުނެ 2016 ވަނަ އަހަރު އަމިއްލަ ފަރާތަކުން ވަނީ ޕްރޮސެކިއުޓަރ ޖެނަރަލްގެ އޮފީހަށް މައްސަލައެއް ހުށަހަޅުއްވާފައެވެ. މީގެ އިތުރުން މިމައްސަލަ ވަނީ އެންޓި ކޮރަޕްޝަން ކޮމިޝަނަށްވެސް ހުށަހަޅާފައެވެ. އެމްޑީޕީން އޭރު ބުނެފައިވަނީ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނުގެ ދަށުން އެމައްސަލަ ބެލެންޖެހޭނެކަމަށެވެ. އަލީ ހަމީދު އައިޑީ ކާޑަށް ބަދަލު ގެންނެވިކަން ފަޅާއެރީ ކުރިން ހަދާފައިވާ ޕާސްޕޯޓާއި އައިޑީ ކާޑާއި ފަހުން ހެދި ޕާސްޕޯޓާއި އައިޑީ ކާޑުގެ ކޮޕީތައް ސޯޝަލް މީޑިއާގައި ލީކްވުމުގެ ސަބަބުންނެވެ. ނަމަވެސް މިހާތަނަށް އެމައްސަލައިގައި އޭނާއަށް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.
ނޭޕާލްގެ ކުރީގެ އުއްތަމަ ފަނޑިޔާރު ޝުޝިލާ ކަރްކީ ވިދާޅުވީ އޭނާ މަޤާމުގައި ހުންނެވިއިރު، ފަނޑިޔާރުންގެ ތަޢުލީމީ ސެޓްފިކެޓްތައް ހުށަހެޅުމަށް މަޖުބޫރުކޮށްފައިވާކަމަށެވެ. އަދި އެއީ އުމުރު ބަދަލުކޮށްގެން، މަޤާމުގައި ދެމިހުރުން ހުއްޓުވަން އެޅުއްވި ފިޔަވަޅެއްކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ނޭޕާލްގެ އުއްތަމަ ފަނޑިޔާރު މަޤާމުން ވަކިކުރުމަށް ނޭޕާލްގެ ޖުޑީޝަލް ކައުންސިލުން ނިންމީ، ނޭޕާލްގެ ރައީސްކަމުގެ މަޤާމުގެ ދެވަނަ ދައުރަކަށް ހޮވިވަޑައިގަތް ބިދްޔާ ބަންދާރީ މަޤާމުގެ ހުވާ ކުރެއްވުމުގެ ކުޑަ ވަގުތުކޮޅެއް ކުރިންނެވެ. ބިދްޔާއަށް މަޤާމުގެ ހުވާ ލައިދެއްވީ އުއްތަމަ ފަނޑިޔާރުގެ މަޤާމުން ވަކިކުރަން ޖުޑީޝަލް ކައުންސިލުން ނިންމި ގޯޕާލްއެވެ. އެހެންކަމުން ބިދްޔާ އަލުން ރައީސްކަމުގެ ހުވާކުރައްވާނެކަމެއް ނުވަތަ ނޫންކަން އަދި ނޭނގެއެވެ.
img:http://s4.psmnews.mv/images/660x400/15211121475732.jpg|ނޭޕާލްގެ ރައީސް މަޤާމުގެ ހުވާކުރައްވަނީ / އެކަމަނާއަށް ހުވާލައި ދެއްވީ އުއްތަމަ ފަނޑިޔާރު ގޯޕާލް
ޖުޑީޝަލް ކައުންސިލުން އުއްތަމަ ފަނޑިޔާރު މަޤާމުން ވަކިކުރަން ނިންމި ނިންމުމާ ގުޅޭގޮތުން، އުއްތަމަ ފަނޑިޔާރު ގޯޕާލް ވިދާޅުވީ، އެނިންމުމަކީ ބާތިލް ނިންމުމެއްކަމަށެވެ. އަދި އެ ނިންމުމަށް އަމަލުވެސް ނުކުރާނެކަމަށް ގޯޕާލް ވިދާޅުވިއެވެ.
ނޭޕާލްގެ ޤާނޫނީ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުން ބުނަނީ އުއްތަމަ ފަނޑިޔާރާ ދެކޮޅަށް ޖިނާޢީ ތަހްޤީގެއް ހިންގުމުގެ ފުރުޞަތު އެބައޮތްކަމަށެވެ. އެގޮތުން ލިޔެކިއުންތަކަށް ބަދަލު ގެނައުމާއި ކޮރަޕްޝަންގެ މައްސަލައެއް އޭނާއާ ދެކޮޅަށް ހުށަހެޅުން ގާތްކަމަށް ޤާނޫނީ ބޭފުޅުން ވިދާޅުވެއެވެ.