ޚަބަރު

ޖަޕާނުގައި ހުންނަ ސަފީރުކަމަށް އުވައިސް އައްޔަންކުރައްވައިފި


ޖަޕާނަށް ދިވެހިރާއްޖެއިން ކަނޑައަޅާ ސަފީރުކަމަށް، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، މާފަންނު ފޭމަންސް އިބްރާހީމް އުވައިސް ޢައްޔަންކުރައްވައިފިއެވެ. އިބްރާހީމް އުވައިސަށް މަޤާމުގެ ފަތްކޮޅު ރައީސުލްޖުލްޖުމްހޫރިއްޔާ ދެއްވީ، އެކަމަށްޓަކައި މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި. ޖަޕާނަށް ކަނޑައަޅުއްވާ ސަފީރުގެ މަގާމަށް މ. ފޭމަންސް، އިބްރާހީމް އުވައިސް އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފައިވަނީ މިދިޔަ ފެބުރުއަރީމަހުގެ އަށާވީސްވަނަ ދުވަހުއެވެ. އެމަޤާމަށް އޭނާ ޢައްޔަންކުރުމަށް ފާސްކޮށްފައިވަނީ 31 މެންބަރުންގެ އިއްތިފާޤުންނެވެ.

ޖަޕާންގައި ހުންނަވާ ދިވެހި ސަފީރަކަށް އެންމެ ފުރަތަމަ އައްޔަންކުރެއްވީ ކުރީގެ ޔޫތް މިނިސްޓަރު މުހައްމަދު ހުސައިން ޝަރީފުއެވެ. އޭނާ އެމަގާމަށް ޢައްޔަންކުރެއްވީ 2016 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 19 ވަނަ ދުވަހުއެވެ.

ޖަޕާނުގައި ހުންނަވާ ސަފީރަކަށް އުވައިސް ހަމަޖައްސާފައި މިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ހަވަނަ ދުވަހު ސްރީލަންކާގައި ހުންނަވާ ދިވެހި ސަފީރަކަށް މުހައްމަދު ހުސައިން ޝަރީފް އައްޔަންކުރެއްވުމާ ގުޅިގެން ޖަޕާނުގައި ހުންނަވާ ދިވެހި ސަފީރުގެ މަޤާމު ހުސްވުމާ ގުޅިގެންނެވެ.