ޚަބަރު

ޣޫތާ ފަންޑަށް އެއް މިލިއަން ތިންސަތޭކަ ހާހަށްވުރެ ގިނަ ރުފިޔާ


ސޫރިޔާގެ ޣޫތާގައި އަނިޔާލިބި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީވުމައްޓަކައި ރާއްޖޭގެ އަމިއްޔަ ޖަމިއްޔާއެއްކަމުގައިވާ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިނުން ހިންގި އިމަރޖެންސީ ރިލީފް ފަންޑަށް އެއްމިލިޔަން ތިންސަތޭކަ ހާހަށްވުރެ ގިނަ ރުފިޔާ ލިބިއްޖެއެވެ.

ފެބްރުއަރީ ފަންސަވީހުން މިމަހުގެ 11 ގެ ނިޔަލަށް ކުރިއަށްގެންދިޔަ ޣޫތާ އިމަރޖެންސީ ރިލީފް ފަންޑަށް ދިވެހި ރުފިޔާގެ ގޮތުގައި 1,222,975.62 (އެއް މިލިޔަން ދުއިސައްތަ ބާވީސް ހާސް ނުވަސަތޭކަ ހަތްދިހަ ފަސްރުފިޔާ ފަސްދޮޅަސް ދެލާރި) ވަނީ ލިބިފައެވެ. އަދި ޔޫއެސް ޑޮލަރުގެ ގޮތުގައި 7,734.38 (ހަތްހާސް ހަތްސަތޭކަ ތިރީސް ހަތަރެއް ޕޮއިންޓް  ތިނެއް އަށެއް) ޑޮލަރު ލިބިފައިވާކަމަށް އައި.އޭ.ސީން ބުނެއެވެ. 

ޢޫތާ ފަންޑަށް ލިބުނު ފައިސާ އަންނަ ހަފްތާގެ ތެރޭގައި ތުރުކީގެ އީ.ހާ.ހާ ޖަމިއްޔާއަށް ފޮނުވުމަށް މަސައްކަތްކުރަމުންދާކަމަށް އައި.އޭ.ސީން ބުނެއެވެ. އަދި މިހާރު ކުރިއަށްދަނީ ދިވެހި ރުފިޔާ ޑޮލަރަށް ބަދަލުކުރުމުގެ މަސައްކަތްކަމަށްވެސް އެއިޑް ކެމްޕެއިނުން ބުނެއެވެ.

ރާއްޖޭގެ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިނުން މިގޮތަށް އެއްކުރާ ފަންޑުތައް ހަވާލުކުރާ އީ.ހާ.ހާ ޖަމިއްޔާއަކީ ސޫރިޔާގެ ހާލުގައި ޖެހިފައިވާ ރައްޔިތުންގެ ތެރެއިން އެންމެ ގިނަ އަދަދެއްގެ މީހުންނަށް އެހީތެރިވުމުގައި ހަރަކާތްތެރިވާ ތުރުކީގެ މައި ޖަމިއްޔާއެވެ. މީގެ ކުރިންވެސް އައި.އޭ.ސީން ވަނީ ސޫރިއާގެ އިތުރުން ރޮހިންޔާ މުސްލިމުންނަށް އެހީވުމަށް ފަންޑްތައް އެއްކޮށް އީ.ހާ.ހާ ޖަމިއްޔާއާއުި ގުޅިގެން އެހީގެ ސާމާނު އެޤައުމުތަކަށް ފޯރުކޮށްދީ ނިންމާފައެވެ. 

އިންޓަނޭޝަނަލް އެއިޑްކެމްޕެއިނުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހާލުގައި ޖެހުމުންދާ މުސްލިމުނަށް އެހީވުމަށް ކުރިއަށްގެންދާ އިމަރޖެންސީ ރިލީފްތަކުގައި ދިވެހިންގެ ތެރެއިން އެކި ފަރާތްތަކުން އަންނަނީ ވެވުނު ވަރަކުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ. ޚާއްސަ ގޮތެއްގައި މިފަހަރު ޣޫތާއަށް އެހީވުމުގައި ރާއްޖޭގެ ރަށްރަށުގައިވެސް ވަނީ ތަފާތު ހަަރަކާތްތައް ހިންގާފައެވެ. މީގެ ތެރޭގައި ކަޕްކޭކް ވިއްކުމާއި ޖަމްބަލް ސޭލް އަދި ބޯވަ ނެގުމާއި މަސައްކަތުދުވަސް ފާހަގަކުރުން ފަދަ ހަރަކާތްތައް ހިމެނެއެވެ.