ޚަބަރު

ހަމަނުޖެހުންތަކާއި ގުޅިގެން 10 މީހުން ފުލުހުންގެ ބެލުމުގެދަށަށް


ސަރުކާރު ވައްޓާލުމަށްކަމަށް ބުނެ މަޖީދީމަގުގައި ރޭ ހިންގި ހަމަނުޖެހުންތަކުގައި ފުލުހުންގެ ވާޖިބަށް ހުރަސްއެޅި 10 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސުން ހާމަކޮށްފިއެވެ. 

ޤާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރުވައްޓާލުމަށްކަމަށްބުނެ ރޭ ދަންވަރު މަޖީދީމަގުގެ އެކި ސަރަހައްދުތަކަށް އެއްވެ ހިންގި ހަރަކާތްތަކާ ގުޅޭގޮތުން ފުލުހުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ހަމަނުޖެހުން ހިންގި ފަރާތްތަކުގެ ޢަމަލުތަކުގެ ސަބަބުން ޢާންމުންގެ ޝަކުވާތައް ރޭވެސް ލިބުނުކަމަށެވެ. ރޭ ހަމަނުޖެހުން ހިންގި މީހުންވަނީ މަޖީދީ މަގުގައި ހަރަކާތްތެރިވި ފުލުހެއްގެ ގަޔަށް ކަޅުތެޔޮކަމަށް ބެލެވޭ ދިޔާއެއްޗެއް ޖަހާފައި ކަމަށައި، ރޭގެ އެހަމަނުހެހުމުގެ ތެރެއިން ފުލުހުންނަށް ހަމަލާދޭން ތައްޔާރުކޮށްފައި ހުރި 105 މިރުސް ފެން ޕެކެޓް ފުލުހުން އަތުލައިގެންފައިވާ ކަމަށްވެސް މޯލްޑިވްސް ޕޮލިސްސަރވިސްއިން ހާމަކުރެއެވެ. 

އެއްވުމުގެ ތެރެއިން ފުލުހުންގެ ވާޖިބަށް ހުރަސްއަޅައި، ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވި 9 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަކަމަށާއި، ފުލުހެއްގެ ގަޔަށް ކަޅުތެޔޮޖަހަން މަސައްކަތްކުރި އިތުރު މީހަކުވެސް  ރޭ ހައްޔަރުކުރިކަން  ރޭ ނެރުއްވި ބަޔާނުގައިވަނީ ހާމަކޮށްފައެވެ. 

ރާއްޖޭގައި ޤާނޫނީ ޤޮތުން އުފެދިފައިވާ ސަރުކާރެއް، ޤާނޫނާ ޚިލާފަށް ވައްޓާލައި، ސަލާމަތީ ބާރުތަކަށް ހަމަލާދިނުމަށް ހިންގާ އެއްވެސް ހަރަކާތެއް ކުރިއަށްގެންދިއުމުގެ ފުރުސަތު ނުދެއްވާނެކަމަށް ފުލުހުންވަނީ ތަކުރާރުކޮށް އަންގާފައެވެ.  އަދި ސިޔާސީ ފަރާތްތަކުން ހިންގާ ޣައިރުޤާނޫނީ އެއްވެސް ހަރަކާތެއްގައި އާންމު ފަރާތްތަކުން ބައިވެރިނުވުމަށް ފުލުހުންވަނީ އެންމެހާ ފަރާތްތަކަށްވެސް އިލްތިމާސްކޮށްފައެވެ.