ޚަބަރު

ގ.ދ ތިނަދޫގައި ކެބިން ކްރޫ ކޯހެއް ފަށަނީ


ދިވެހި ކެބިން ކްރޫ އެކަޑަމީން ގ.ދ ތިނަދުއާއި އައްޑޫ ސިޓީގައި ކެބިން ކްރޫ ފައުންޑޭޝަން ކޯހެއް އަންނަ މަހު ހިންގަން ތައްޔާރުވަމުންދާކަމަށް އެ އެކަޑަމީން ބުނެފިއެވެ. މިއީ ގ.ދ ތިނަދޫގައި މި ކޯސް ހިންގާ ފުރަތަމަ ފަހަރެވެ. ތިނަދޫގައި މި ކޯސް ހިންގުމަށް ހަމަޖެހިފައިވަނީ އަންނަ އެޕްރީލް މަހުގެ 10 އިން 19 އަށެވެ. އަދި އައްޑޫ ސިޓީގައި ހިންގުމަށް ހަމަޖެހިފައިވަނީ އެޕްރީލް މަހުގެ 29 އިން 8 މޭއި މަހުގެ  އަށެވެ.

ދިވެހި ކެބިން ކްރޫ އެކަޑަމީގެ ފަރާތުން މިކަމާ ގުޅޭ މަޢުލޫމާތު ދެއް އިސް ފަރާތެއް ކަމަށްވާ ހުސެއިން ހަލީމް ވިދާޅުވީ މި ކޯސް ފުރިހަމަ ކުރާ ކޮންމެ ބައިވެރިއަކީ ކެބިން ކްރޫއިންނަށް ވުމުގެ %50 ޙާސިލްވެފައިވާ ބައިވެރިއަކަށް ވާނެ ކަމަށެވެ. އަދި މި ކޯހުގެ ސަބަބުން އެވިއޭޝަން ދާއިރާގައި މި ކުދިންނަށް ވަޒީފާގެ ފުރުޞަތު ވަރަށް ބޮޑަށް ތަނަވަސް ވެގެންދާނެ ކަމަށް އެނާ ވިދާޅުވިއެވެ.

ދިވެހި ކެބިން ކްރޫ އެކަޑަމީން މަޢުލޫމާތު ދިން ގޮތުގައި މި ކޯހުގައި ކެބިން ކުރޫއިންގެ އިތުރުން ރިޒަވޭޝަން އޭޖެންޓުންނަށް ވާން ބޭނުންވާ ކުދިންނާއި ގްރައުންޑް ހޭންޑްލިންގް އޭޖެންޓުންނަށްވާން ބޭނުންވާ ކުދިންނަށް ވެސް ބައިވެރި ވެވޭނެ ކަމަށެވެ.

މި ކޯހުގައި އޯލެވެލް ފުރިހަމަ ކޮށް 16 އަހަރު ފުރިފައިވާ ކޮންމެ ކުއްޖަކަށްވެސް ބައިވެރި ވުމުގެ ފުރުޞަތު އެ އެކަޑަމީން ވަނީ ހުޅުވާލާފައެވެ. މީގެ ކުރީންވެސް މިފަދަ ކޯސްތަށް މާލެ އަދި އައްޑޫ ސިޓީގައި ހިންގާފައިވާއިރު، އަހަރަކު 100 ދަރިވަރުން އެކަޑަމީގެ  ކޯސް ފުރިހަމަކުރާ ކަމަށް ކެބިން ކްރޫ އެކަޑަމީން ބުނެއެވެ.

ރާއްޖޭގައި ކެބިން ކްރޫއިން ތަމްރީނު ކުރުމުގެ މަޤްޞަދުގައި ދިވެހި ކެބިން ކުރޫ އެކަޑަމީ އުފައްދާފައިވަނީ މީގެ 5 އަހަރު ކުރިން 2012 ވަނަ އަހަރުގައެވެ. އެ އެކަޑަމީން އަންނަނީ ކޮންމެ ތިން މަހުން އެއްމަހު  ކެބިންކްރޫކޯސްތައް ހިންގަމުންނެވެ.