ތަރައްްޤީ

8.9 މެގަވޮޓުގެ ބޮޑު 6 ޖަނަރޭޓަރު ރާއްޖެ ގެނެސްފި


ރާއްޖޭގައި މިހާތަނަށް ހިންގާ ހަކަތައިގެ އެންމެ ބޮޑު މަޝްރޫޢު "ފިފްތު ޕަވަރ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް" ގެ ދަށުން ގެންނަން ނިންމާފައިވާ ޖަނަރޭޓަރުތައް ރާއްޖެ ގެނެސްފިއެވެ. މިއީ މިހާތަނަށް ރާއްޖެއަށް ގެނައި އެންމެ ބޮޑެތި ޖަނަރޭޓަރ ތަކެވެ. މި ޕްރޮޖެކްޓްގެ ދަށުން 8.9 މެގަވޯޓުގެ 6 ޖަނަރޭޓަރ މިހާރު ވަނީ ރާއްޖެ ގެނެސްފައެވެ. މި ޖަނަރޭޓަރުތައް ބޭނުންކުރާނީ މާލެ ޞަރަޙައްދުގައި ކަރަންޓުގެ ފެންވަރު ރަނގަޅު ކުރުމަށް ސްޓެލްކޯއިން ކުރިޔަށްގެންދާ މަޝްރޫޢަށެވެ.

މި މަޝްރޫޢު ނިމޭއިރު މާލެއާއި ހުޅުމާލޭގެ ކަރަންޓު އެއް ވިއުގައަކުން ގުޅާލެވޭނެކަމަށް ސްޓެލްކޯއިން ބުނެއެވެ. ސްޓެލްކޯގެ އިންޖިނިއަރ ޝާހުލް ޙަމީދު ވިދާޅުވީ، މި މަޝްރޫޢުގެ ސިވިލް ހުރިހާ މަސައްކަތެއް މިހާރު ނިމިފައިވާކަމަށެވެ. އަލަށް ގެނައި ބޮޑެތި ޖަރަނޭޓަރުތަކުގެ ތެރެއިން 1 ޖަނަރޭޓަރ އިންސްޓޯލްކޮށް މިއަހަރުގެ އޮގަސްޓުމަހު އެޖަނަރޭޓަރުން ކަރަންޓްދޭން ފަށާނެކަމަށް ސްޓެލްކޯއިން ބުނެއެވެ. އަދި އޭގެ ފަހުން ފަހަރަކު ޖަނަރޭޓަރެއް އިންސްޓޯލްކޮށް އަންނަ އަހަރުގެ ޖެނުއަރީމަހުގެ ނިޔަލަށް މި މަސައްކަތް އެއްކޮށް ނިންމާލެވޭނެކަމަށް ސްޓެލްކޯއިން ބުނެއެވެ. 

"މިހާރު މަސައްކަތް ކުރަމުން މިދަނީ ޕަވަރ އިންޓަރ ކަނެކްޝަން ކޭބަލެއް ތުރޫކޮށް މާލެއާއި ހުޅުމާލެ ގުޅާލުމަށް. އެހެންވީމަ މި ޕަވަރޕްލާންޓުން ޕަވަރ ޕްރޮޑިއުސްކޮށްފަ ހަމަ މާލެއަށްވެސް ކަރަންޓް ދެވޭނެ. ޕެރަރަލްކޮށްދާ ދެ ޕްރޮޖެކްޓެއް މިދަނީ. އެއް ޕްރޮޖެކްޓަކީ ޕަވަރ އިންސްޓޮލޭޝަން ޕްރޮޖެކްޓެއް. އަނެއް ޕްރޮޖެކްޓަކީ ޕަވަރ އިންޓަރ ކަނެކްޝަން ޕްރިޖެކްޓެއް. އެ ކޭބަލް އެޅުނީމަ މާލެއަށްވެސް ޕަވަރ ކޭޓަރ ކުރެވޭނެ". ސްޓެލްކޯގެ އިންޖިނިއަރ ޝާހުލް ހަމީދު ވިދާޅުވިއެެވެ.

ޗައިނާގެ ޑޮންގ ފަންގ އިލެކްޓްރިކް އިންޓަރނޭޝަނަލް ކޯޕަރޭޝަނާ ޙަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢަށް ފަންސާސް މިލިޔަން ޑޮލަރު ޚަރަދުވާނެކަމަށް ސްޓެލްކޯއިން ބުނެއެވެ. ހަކަތައިގެ ދާއިރާއިން ރާއްޖޭގައި ހިންގާ އެންމެބޮޑު މަޝްރޫޢުގެ ގޮތުގައި މި މަޝްރޫޢޫގެ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ އިފްތިތާޙްކޮށްދެއްވީ 2016 ވަމަ އަހަރުގެ ޖުލައިމަހުގެ 31 ވަނަ ދުވަހުއެވެ. މި މަޝްރޫޢޫގެ ޢަމަލީ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 24 ވަނަ ދުވަހުއެވެ. މި މަޝްރޫޢު ނިމުމުން މާލެ ޞަރަޙައްދުގެ ކަރަންޓުގެ މައްސަލަ ޙައްލުވާނެކަމަށް ސްޓެލްކޯއިން ބުނެއެވެ. ހުޅުމާލޭގައި ކުރިއަށްގެންދާ މިމަޝްރޫއުގެ ދަށުން 8.9 މެގަވޮޓްގެ ހަ ޖަނަރޭޓަރުން  53.4 މެގަވޮޓްގެ ކަރަންޓް އުފެއްދޭނެއެވެ. މީގެއިތުރުން  2400 މެޓްރިކް ޓަނުގެ ތެޔޮ ރައްކާކުރެވޭނެ ފިއުލް ފާމަކާއި ފެން އުފައްދާ ނިޒާމެއް ވެސް ޤާއިމުކުރާނެއެވެ. މިއީ ސީވޯޓަރ ކޫލިންގ ސިސްޓަމަކާއެކު ޤާއިމުކުރާ ޑީސެލިނޭޝަން ޕްލާންޓެކެވެ.