ޚަބަރު

ބައިނަލްއަޤްވާމީ ޖިނާޢީ ކޯޓުން ފިލިޕީންސް ވަކިވަނީ


ބައިނަލްއަޤްވާމީ ޖިނާޢީ ކޯޓު ނުވަތަ އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުގެ މެމްބަރުކަމުން ފިލިޕީންސް ވަކިވުމަށް އެޤައުމުގެ ސަރުކާރުން ނިންމައިފިއެވެ.

ފިލިޕީންސްގެ ރައީސް ރޮގްރިގޯ ޑުޓާޓޭގެ ތަރުޖަމާނު ވިދާޅުވީ އިންޓަނޭޝަނަލް ކްރިމިނަލް ކޯޓު ޤާއިމްކުރުމުގެ މުޢާހަދާއިން ފިލިޕީންސް ވަކިވާން ނިންމިކަން މިހާރު އަންގާފައިވާކަމަށެވެ.

އައިސީސީން ވަކިވާން ފިލިޕީންސްއިން ނިންމާފައި މިވަނީ، މަސްތުވާތަކެއްޗާ ދެކޮޅަށް އެޤައުމުގެ ސަރުކާރުން ހިންގާ އޮޕަރޭޝަންތަކުގައި އިންސާނިއްޔަތާ ޚިލާފު އަމަލުތައް ހިންގާކަމަށް ބައެއް ފަރާތްތަކުން ތުހުމަތުކޮށްފައިވަނިކޮށެވެ. މީގެ އިތުރުން އައިސީސީން ވަނީ ފިލިޕީންސްގެ ސަރުކާރުން އިންސާނިއްޔަތާ ޚިލާފު އަމަލުތައް ހިންގާފައިވޭތޯ ބެލުމަށް ތަހްޤީޤެއްކުރާނެކަން އިޢުލާންކޮށްފައެވެ.

ނަމަވެސް ފިލިޕީންސްގެ ސަރުކާރުން ވަނީ އައިސީސީގެ ތަހުޤީޤަށް މަރުޚަބާ ކިޔާނޭކަމަށް ބުނެފައެވެ.

img:http://s3.psmnews.mv/images/660x400/15210306224842.JPG|ނެދަލޭންޑްސްގެ ދަ ހޭގްގައި ހުންނަ އިންޓަނޭޝަނަލް ކްރިމިނަލް ކޯޓު

އިންސާނީ ހައްޤުތަކަށް މަސައްކަތްކުރާ ހުޅަނގުގެ ޖަމްޢިއްޔާތަކުން ފިލިޕީންސްގެ ސަރުކާރުން އިންސާނިއްޔަތާ ޚިލާފު އަމަލުތައް ހިންގާކަމަށް ތުހުމަތުކުރިޔަސް، އެޤައުމުގެ ސަރުކާރަށް އޮންނަ ތާޢީދު ދުވަހެއް ދުވަހަކުން ދަނީ އިތުރުވަމުންކަމަށް ދިރާސާތަކުން ދައްކައެވެ.

ފިލިޕީންސްއަކީ ބައިނަލްޢަޤްވާމީ ޖިނާޢީ ކޯޓުގެ މެމްބަރުކަމުން ވަކިވާ ފުރަތަމަ ޤައުމެއް ނޫނެވެ. މީގެ ކުރިން ބުރުންޑީ، ރަޝިޔާ، ސައުތު އެފްރިކާ އަދި ގެމްބިއާ ވަނީ އައިސީސީގެ މެމްބަރުކަމުން ވަކިވެފައެވެ. އިންސާނީ ހައްޤުތަކަށް އެންމެ ބޮޑަށް މަސައްކަތްކުރާކަމަށް ބުނާ އެމެރިކާއަކީވެސް އެކޯޓުގެ މެމްބަރެއް ނޫނެވެ.

އައިސީސީއަކީ ވަކި ފަރާތަކަށް ބުރަވެގެން މަސައްކަތްކުރާ ބައެއްގެ ގޮތުގައި ގިނަ ޤައުމުތަކުން ވަނީ ސިފަކޮށްފައެވެ. މިގޮތުން ތަރައްޤީވެފައިވާ ޤައުމުތަކަށް ވުރެ ތަރައްޤީވަމުން އަންނަ ކުދި ޤައުމުތަކުގައި ހުންނަ މައްސަލަތަކުގެ ފަހަތުން ދުވާ ބައެއްގެ ގޮތުގައި ބައެއް ފަރާތްތަކުން އައިސީސީ ސިފަކުރެއެވެ.