ޚަބަރު

އިންޑިއާއިން ރާއްޖެއަށް ނުފޫޒު ފޯރުވަންޖެހޭ- ޖަމީލު


އިންޑިއާގެ އިންވެސްޓްމަންޓްތައް ހިމާޔަތްކުރުމަށްޓަކައި އިންޑިއާއިން ރާއްޖޭގެ ސިޔާސީ މަސްޜަހަށް ނުފޫޒު ފޯރުވަންޖެހޭކަމަށް، އިންޑިއާގެ ޖީއެމްއާރު ކުންފުނި ރާއްޖެއިން ބޭރުކޮށްލުމަށް އެންމެ ގަދައަށް މަސައްކަތްކުރެއްވި ކުރީގެ ނާއިބު ރައީސް މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

އިންޑިއާގެ ޖީއެމްއާރާ ދެކޮޅަށް އެންމެ ބޮޑަށް މަސައްކަތްކުރެއްވި ޖަމީލު އިންޑިއާގެ ހިންދުސްތާނު ޓައިމްސްއަށް ދެއްވި އިންޓަވިއެއްގައި ވިދާޅުވީ ރާއްޖޭގައި އިންޑިއާގެ ބޮޑެތި އިންވެސްޓްމަންޓްތަކެއް ހިނގަމުންދާއިރު، ރާއްޖޭގެ ސިޔާސީ މަސްޜަހުގައި ހިންގަމުންދާ ކަންކަމުގެ ސަބަބުން އިންޑިއާގެ ވިޔަފާރިތަކަށާއި އިންޑިއާ ކަނޑުގެ ސަލާމަތަށްވެސް ނުރައްކާވެދާނެކަމަށެވެ. އަދި މިއީ އިންޑިއާއިން ރާއްޖޭގެ ސިޔާސީ މަސްޜަހުގައި ހިނގަމުންދާ ކަންކަމުގެ ތެރެއަށް ނުފޫޒު، ވަކި ގޮތަކަށް ކަންކަން ނިންމަންވީ ވަގުތުކަމަށްވެސް ޖަމީލު ވިދާޅުވެފައިވެއެވެ.

އިންޑިއާގެ އިންވެސްޓްމަންޓްތައް ހިމާޔަތްކުރުމަށް ޖަމީލު ގޮވާލެއްވިއިރު، ޖަމީލަކީ އިންޑިއާގެ ޖީއެމްއާރު ކުންފުނި ރާއްޖެއިން ބޭރުކޮށްލުމަށް އެންމެ ގަދައަށް އަޑު އުފެއްލެވި ބޭފުޅާއެވެ. އިންޑިއާގެ ނޫސްތަކުންވެސް ޖަމީލު ސިފަކުރައްވަނީ އިންޑިއާއާއި ޖީއެމްއާރާ ދެކޮޅަށް އެންމެ ގަދައަށް މަސައްކަތްކުރެއްވި ބޭފުޅާގެ ގޮތުގައެވެ. މީގެ އިތުރުން ޖަމީލު ވަނީ ޖީއެމްއާރު މައްސަލައިގައި ކުރީގެ ރައީސް ނަޝީދުގެ މައްޗަށް ދައުވާކޮށް، ދިގު މުއްދަތަކަށް ޖަލަށްލާނެކަމަށްވެސް ވިދާޅުވި ބޭފުޅެކެވެ. މީގެ އިތުރުން އެއަރޕޯޓް ހިންގުން ޖީއެމްއާރު ކުންފުންޏާ ހަވާލުކުރުމުން އެކަމުގެ ސަބަބުން ދައުލަތަށް ލިބުނު ގެއްލުމާ ގުޅޭގޮތުން ބޮޑެ ފޮތެއްވެސް ޖަމީލު އިސްކޮށް އުޅުއްވި ޤައުމީ ޕާޓީން ވަނީ ނެރެފައެވެ.

މީގެ އިތުރުން އިންޑިއާގެ ޖީއެމްއާރުގެ ސަބަބުން ރާއްޖޭގެ ސަލާމަތާއި މިނިވަންކަމަށްވެސް ބޮޑު ނުރައްކަލެއް އޮތްކަމަށް ޖަމީލު ވިދާޅުވެފައިވެއެވެ. އަދި އިންޑިއާގެ އިންވެސްޓްމަންޓްތަކަކީ ދިވެހިންގެ މުދާ ފޭރުމަށް ހިންގާ އަމަލުތަކެއްގެ ގޮތުގައިވެސް ޖަމީލު ވަނީ ސިފަކުރައްވާފައެވެ.

ޖީއެމްއާރާއި އިންޑިއާގެ އިސް ފަރާތްތަކަށް ކުރިން ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން ގެންދިޔަ ޖަމީލު މިއަދު އިންޑިއާގެ އެހީއަށް އެދި ގޮވަމުންދަނީ އަމިއްލަ އެދުންތަކަކަށް، ސިޔާސީ ފައިދާތަކެއް ހާޞިލުކުރުމުގެ މަޤްޞަދުގައިކަމަށް ގިނަ ފަރާތްތަކުން ދަނީ ބުނަމުންނެވެ.

އަނެއްކޮޅުން އިންޑިޔާއިން ރާއްޖޭގެ ސިޔާސީ މަސްޜަހަށް ނުފޫޒު ފޯރުވުމަށް ޖަމީލު ގޮވާލައްވާފައި މިވަނީ، އިންޑިއާ ސިފައިން ރާއްޖެ އެރުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދުވެސް ގޮވާލާފައިވަނިކޮށެވެ. މިއީ ކުރިއަރާފައިވާ ޤައުމުތަކުގައި ޤައުމަށް ޣައްދާރުވުމުގެ ގޮތުގައި ބަލާ އަމަލުތަކެކެވެ.