ޚަބަރު

16 ވަނަ ދުވަހު ބާއްވަން އުޅެނީ ޤާނޫނާ ޚިލާފު އެއްވުމެއް- ފުލުހުން


އިދިކޮޅު ފަރާތްތަކުން އަންނަ ހުކުރު ދުވަހު ބާއްވަން ރާވަމުންދާ މުޒާހަރާއަކީ ދިވެހިރާއްޖޭގައި ޤާނޫނީގޮތުން އުފެދިފައިވާ ސަރުކާރު ވައްޓާލަން ރާވަމުންދާ މުޒާހަރާއެއް ކަމުގެ މަޢުލޫމާތު ލިބިފައިވާތީ އެ މުޒާހަރާ ކުރުމުގެ ފުރުޞަތު ނުދޭނެކަމަށް ފުލުހުން ބުނެފިއެވެ.

ނޫސްވެރިންނަށް މަޢުލޫމާތު ދެމުން ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙުމަދު ޝިފާނު ވިދާޅުވީ، ރާއްޖޭގައި ޤާނޫނީގޮތުން އުފެދިފައިއޮތް ސަރުކާރު ނިމުކަމަށް ގެނެސް ސަރުކާރު ހުއްޓުވާ، ސަރުކާރު ވައްޓާލުމަށްކަމަށްބުނެ، ސިޔާސީ ބައެއް ފަރާތްތަކުން އިސްވެތިބެ އަންނަ ހުކުރު ދުވަހު މުޒާހަރާއެއް ބޭއްވުމަށް މަސައްކަތް ކުރަމުންދާކަމަށް އިތުބާރު ހުރި ގޮތަކަށް ފުލުހުންނަށް މަޢުލޫމާތު ލިބިފައިވާކަމަށެވެ. އަދި މި މުޒާހަރާއަށް މީހުން މާލެއަށް ގެނައުމަށްޓަކައި މަސްވެރިކަމަށާއި، އެނޫންވެސް ކަންކަމަށް ރަޖިސްޓްރީ ކޮށްފައިވާ އުޅަނދު ފަހަރު ބޭނުންކުރާނެކަމުގެ މަޢުލޫމާތުވެސް ފުލުހުންނަށް ލިބިފައިވާކަމަށް. އެހެންކަމުން އުޅަނދުފަހަރު ދުއްވުމަށް ދީފައިވާ ހުއްދައާ ޚިލާފަށް ޤާނޫނާ ޚިލާފު ކަންކަމަށް އުޅަނދުފަހަރު ބޭނުންކުރާނަމަ އެ އުޅަނދަކާމެދު ފިޔަވަޅު އަޅާނެކަމަށް ޝިފާން ވިދާޅުވިއެވެ. އަދި ޚާއްޞަކޮށް މަސްވެރިކަމަށް ރަޖިސްޓްރީ ކޮށްފައިވާ އުޅަނދުފަހަރުގައި މީހުން އުފުލުމަށް ބައެއް ފަރާތްތަކުން އޮޑިވެރިންނަށް ނުފޫޒު ފޯރުވާކަމުގެ ޝަކުވާވެސް ފުލުހުންނަށް ލިބިފައިވާކަމަށް ޝިފާނު ވިދާޅުވިއެވެ. މީގެއިތުރުން ސޯޝަލް މީޑިއާގެ އެކިއެކި ވަސީލަތްތައް ބޭނުންކޮށްގެން މި އެއްވުމަށް މީހުން ގިނަކުރުމަށް މަސައްކަތް ކުރަމުންދާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ދިވެހިރާއްޖޭގައި ޤާނޫނީގޮތުން އުފެދިފައިއޮތް ސަރުކާރު ހުއްޓުމަކަށް ގެނަސް ސަރުކާރު ވައްޓާލުމަށްކަމަށްބުނެ ބާއްވަން މަސައްކަތް ކުރާ މި މުޒާހަރާއަކީ ރާއްޖޭގެ ޤާނޫނު އަސާސީއާއި ޤާނޫނުތަކާ ޚިލާފު ކުރުމަށް ގޮވާލާ ސަލާމަތީ ބާރުތަކާ ކުރިމަތިލާ އަމަން އަމާންކަން ނަގާލުމުގެ ބޭނުމުގައި ބާއްވަން މަސައްކަތްކުރާ މިޒާހަރާއެއްކަމަށް މަޢުލޫމާތު ލިބިފައިވާތީ މިފަދަ އެއްވެސް ކަމަކަށް ސަލާމަތީ ބާރުތަކުން ފުރުޞަތު ނުދޭނެވާހަކަ ދަންނަވަން. މިދަނޑިވަޅަކީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވާ ދަނޑިވަޅެއްކަމަށް ވިޔަސް އަދި އެނޫން ވަގުތެއްގައިވެސް ފުލުހުން އެނޫން ވަގުތެއްގައިވެސް ދޭނެ ފުރުޞަތެއް ނޫންކަމުގައި ދަންނަވަން. އަދި މިފަދަ ކަންކަން ރާވާ އިންތިޒާމްކޮށް ޚަރަދުކުރާ ފަރާތްތައް ހޯދާ އެފަރާތްތަކާމެދު ޤާނޫނީ ގޮތުން ފިޔަވަޅު އަޅާނެވާހަކަވެސް ދަންނަވަން" ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙުމަދު ޝިފާނު ވިދާޅުވިއެވެ.

ސަރުކާރު ވައްޓާލުމަށް ގޮވާ، ސަލާމަތީ ބާރުތަަކާ ދެކޮޅަށް ނުކުތުމަށް ހިތްވަރު ލިބޭ ގޮތަށް ވާހަކަދައްކާ، ޤާނޫނާ ޚިލާފު ކަންތައް ހިމެނޭ މުޒާހަރާއަކަށް ގޮވާލުމަކީ ޖިނާއީ ދައުވާ ކުރެވޭނެ ކަންކަން ކަމަށްވާއިރު، މިފަދަ ގޮވާލުންތަކަށް އިޖާބަ ނުދިނުމަށް ފުލުހުން ވަލީ އިލްތިމާސްކޮށްފައެވެ.