ޚަބަރު

އެމްބީސީއަށް ކުރިމަތިލި ބޭފުޅުންގެ ނަންތައް ދިރާސާކުރަނީ


މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނަށް މެންބަރަކު އައްޔަންކުރުމަށް ފަސް ބޭފުޅެއްގެ ނަން ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފިއެވެ.

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ 9 ވަނަ ޖަލްސާގައި ބްރޯޑްކާސްޓިންގ ކޮމިޝަނަށް އައްޔަންކުރުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އެމް.ބީ.ސީގެ މެންބަރުކަމަށް ކުރިމަތިލެއްވުމަށް ހުޅުވާލި ފުރުސަތުގައި ކުރިމަތިލެއްވި ހުރިހާ ބޭފުޅުންގެ ނަންތައް މަޖިލީހަށް ފޮނުއްވާފައެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިއްވެވި ސިޓީގައި ރައީސުލްޖުމްހޫރިއްޔާ އިސްކަންދެއްވާ ތަރުތީބުން ފޮނުވާފައިވަނީ ގއ. ވިލިނގިލި ވިލާޑި ސޯސަން، އަމްޖަދް ވާހީދާއި ހ. ޕްރިޓީވިލާ މުޙައްމަދު ޝަމީމްއާއި ރ. އިނގުރައިދޫ ކީސް ވިލާ މުޙައްމަދު ސައުޒަމްގެ އިތުރުން ހއ. ދިއްދޫ އާލިއާ މުޙައްމަދު އަސްލަމްއާއި ނ. މަނަދޫ އޮޓާގޯ މަޖުދް ރަޝީދުގެ ނަމެވެ. 

މަޖިލީހުގެ މިއަދުގެ ޖަލްސާގައިވަނީ މި ފަސް ބޭފުޅުންގެ ނަން ފުޅުތައް ދިރާސާކުރުމަށް މިނިވަން މުއައްސަސާތަކާއިެބެހޭ ކޮމެޓީއަށް ފޮނުވާފައެވެ.

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލީ އެ ކޮމިޝަނުގައި މިހާރު ތިއްބެވި މެންބަރުންގެ ތެރެއިން މެންބަރެއްގެ މަޤާމުގެ މުއްދަތު ހަމަވާތީއެވެ.