ޚަބަރު

"އެއްވުންތަކަށް މަސްވެރި އުޅަނދުގައި މީހުން އުފުލުން މަނާ"


ޣައިރު ޤާނޫނީ ހަރަކާތްތަކުގައި މަސްވެރި އުޅަނދުފަހަރު ބޭނުންކުރާނަމަ، މަސްވެރިކަން ކުރުމަށް ދީފައިވާ ލައިސަންސް ބާތިލުކޮށް ހަރުކަށި ފިޔަވަޅު އަޅާނެކަން ފިޝަރީޒް މިނިސްޓްރީން ބުނެފިއެވެ.

މަސްވެރިކަން ކުރާ އުޅަނދުފަހަރުގައި ޤާނޫނާއި ޚިލާފު ހަރަކާތްތައް ހިންގުމާއި ގުޅޭގޮތުން މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ އިން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ، މަސްވެރިކަން ކުރުމަށް ލައިސަންސް ދިނުމާއިބެހޭ ޤަވާއިދުގެ ދަށުން ލައިސަންސް ނަގައިގެން މަސްވެރިކަންކުރާ އުޅަނދުތަކުން ދިވެހިރާއްޖޭގައި މިހާރު ހިނގަމުންދާ ބައެއް ހަމަނުޖެހުންތަކާއި ޣައިރު ޤާނޫނީ ބައެއް އެއްވުންތަކުގައި ހަރަކާތްތެރިވުމަށް މީހުން އުފުލުން ފަދަކަންކަން ކުރުމަށް ތައްޔާރު ވަމުންދާކަމުގެ މައުލޫމަތު އެމިނިސްޓްރީ އަށް ލިބިފައިވާކަމަށެވެ. 

ޤާނޫނު ނަންބަރު 5 އޮބްލިކް 87 ، ދިވެހި ރާއްޖޭގައި މަސްވެރިކަން ކުރުމުގެ ޤާނޫނުން ބާރުލިބިގެން ހަދާފައިވާ، އެކްސްޕޯޓްކުރާ ފަރާތްތަކަށް މަސްވެރިކަން ކުރުމަށާއި، އެކުއަރކަލްޗަރކުރުމަށް ލައިސަންސް ދިނުމާއިބެހޭ ޤަވާއިދުގެ 16 ވަނަ މާއްދާގައި، ބުނާގޮތުން އެޤަވާއިދުގެ ދަށުން ހުއްދަ ލިބިގެން މަސްވެރިކަން ކުރާ ފަރާތުން ނުވަތަ އެފަރާތުގެ އިރުޝާދުގެ މަތިން ހަރަކާތްތެރިވާ މުވައްޒަފަކު، ނުވަތަ އޭޖެންޓަކު، ނުވަތަ އެހެންމީހަކުވެސް ޤަވާއިދުގައި ބުނާ އެއްވެސް ކަމެއް ކުރުމުގައި ދިވެހިރާއްޖޭގެ އާންމު މަސްލަހަތާއި ޤައުމީ މަސްލަހަތައް ނުރައްކާވާނެ ފަދަ އެއްވެސް ކަމެއް ކޮށްފިނަމަ އެކަމެއްގެ ކުޑަބޮޑު މިނަށް ބަލައި އެފަރާތަކަށް ދީފައިވާ ލައިސަންސް އަނބުރާ އަތުލުމުގެ އިޚްތިޔާރު ފިޝަރީޒް މިނިސްޓްރީއަށް ލިބިގެންވާ ކަމަށެވެ. 

މިއާއެކު މަސްވެރިކަން ކުރުމަށް ހުއްދަދިނުމާއި ގުޅޭ ޤަވާއިދުގެ 16 ވަނަ މާއްދާއާއި ހަވާލާދީ ފިޝަރީޒް މިނިސްޓީރީން ވަނީ ޣާއިރު ޤާނޫނީ ޙަރަކާތްތަކަށް މަދަދުވެރިވުމުގެ ގޮތުން މަސްވެރިކަން ކުރުމުގެ ލައިސަންސް ހޯދާފައިވާ އުޅަނދުފަހަރު ބޭނުންކުރުމަކީ މަނާކަމެއްކަމުގައި އެންމެހާ އޮޑިވެރިންނާއި މަސްވެރިންނަށް ހަނދާންކޮށްދީފައެވެ. އަދި އެފަދަ ހަރަކާތެއްގައި މަސްވެރި އުޅަނދުތައް ބޭނުންކޮށްފިނަމަ މަސްވެރިކަން ކުރުމަށް ދޫކޮށްފައިވާ ލައިސަންސް ބާޠިލުކޮށް އެފަދަ އުޅަނދުތަކާއިމެދު ހަރުކަށި ފިޔަވަޅު އަޅާނެކަމަށް ފިޝާރީޒް މިނިސްޓްރީން ބުނެއެވެ.

މިނިސްޓްރީން މިއަދު ނެރުއްވި ޢިއުލާނުގެ އިތުރުން މިކަމާއި ގުޅޭގޮތުން ފިޝަރީޒް މިނިސްޓަރ ޑރ. މުޙައްމަދު ޝައިނީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން މަސްވެރިން ސިޔާސީކުރުމަށްޓަކައި މަސް ދޯނިފަހަރުގައި މީހުން މާލެ ގެންނަން މަސައްކަތްކުރާކަމަށް ބައެއް މަސްވެރިންގެ ފަރާތުން މައުލޫމާތު ލިބިފައިވާކަމަށެވެ. މިނިސްޓަރ ޝައިނީ ވަނީ މިފަދަ ޣައިރު ޤާނޫނީ ކަންކަމުގައި މަސްވެރިން ބައިވެރިނުވުމަށް އިލްތިމާސްކުރައްވާފައެވެ.