ޚަބަރު

ސްކޫލް ކުދިންގެ ޤުރުއާން މުބާރާތް މިމަހުގެ 24 ގަ ފަށަނީ


މިއަހަރު ބާއްވާ ސްކޫލްކުދިންގެ 2 ވަނަ ޤުރުއާން މުބާރާތުގައި 71 ސްކޫލަކުން 431 ކުދިން ބައިވެރިވާނެ ކަމަށް ކީރިތި ޤްރުޢާނާބެހޭ މަރުކަޒުން ބުނެފިއެވެ. މިއަހަރުގެ މުބަރާތް ބޭއްވުމަށް ހަމަޖެހފައިވަނީ މިމަހުގެ 24 ވަނަ ދުވަހު ޢަރަބިއްޔާ ސްކޫލްގައެވެ.

ސްކޫލްކުދިންގެ ޤުރުޢާން މުބާރާތަކީ ކީރިތި ޤުރުއާނުގެ ފަންނު ދިރުވައި ތަޖުވީދުގެ ހަމަތަކާ އެއްގޮތަށް ޤުރުއާން ކިޔަވަން ދަންނަ ޖީލެއް ބިނާކުރުމަށް ކީރިތި ޤުރުއާނާބެހޭ މަރުކަޒާއި  މިނިސްޓްރީ އޮފް އެޑިއުކޭޝަނާ ގުޅިގެން ބާއްވާ މުބާރާތެކެވެ. މިމަހުގެ24 ވަނަ ދުވަހު ބާއްވަން ހަމަޖައްސާފައިވާ ސްކޫލްކުދިންގެ 2 ޤްރުޢާން މުބާރާތުގައި ރާއްޖޭގެ އެކި ސަރަޙައްދުތަކުން 71 ސްކޫލަކުން ޖުމުލަ 431 ކުދިން ބައިވެރިވެފައިވާކަށް ކީރިތި ޤްރުޢާނާބެހޭ މަރުކަޒުން ބުނެއެވެ.

މިދިޔަ އަހާރާ އެއްގޮތަށް މިއަހަރުގެ މުބާރާތްވެސް ވަނީ ތިން ގޮތްޕަކަށް ބަހާލާފައެވެ. މީގެ ތެރޭގައި ހިމެނެނީ ފޮތުން ކިޔެވުމުގެ ގޮތްޕާއި ހިތުން ކިޔެވުމުގެ ގޮތްޕާއި ހާފިޡުންގެ ގޮތްޕެވެ. މި ތިންގޮފި ތިން ބަޔަކަށް ބަހާލާފައިވާއިރު ބަލައިގެން ކިޔެވުމުގެ ބައިގައި ވިދިވިދިގެން 5 ފޮތާއި 10 ފޮތާއި 15 ފޮތުން ތަޖުވީދުގެ ހަމަތަކަށް ކިޔެވުން ހިމެނެއެވެ. ހިތުން ކިޔެވުމުގެ ބައިގައި ހިމެނެނީ ވިދިވިދިގެން 2 ފޮތާއި، 4 ފޮތާއި، 6 ފޮތް ތަޖުވީދުގެ ހަމަތަކަށް ކިޔެވުމެވެ. އަދި ހާފިޡު ކަމުގެ ބައިގައި މުޅި ޤުރުއާން ހިތުދަސްވެފައިވުމާއެކު ތަޖުވީދު ހަމަތަކުން ކިޔެވުން ހިމެނެއެވެ.

ޕީއެސްއެމް ނިއުސްއަށްދެއްވި ޚާއްޞަ އިންޓަރވިއުއެއްގައި ކީރިތި ޤްރުޢާނާބެހޭ މަރުކަޒުގެ ރައީސް އަލްއުސްތާޛު އިބްރާޙިމް ރަޝީދު މޫސާ ވިދާޅުވީ މިދިޔަ އަހަރާ ޚިލާފަށް މިއަހަރުގެ މުބާރާތުގައި ސްކޫލްދަރިވަރުންގެ އިތުރުން އެންމެ މޮޅު ސްކޫލްތައް ހޮވުމަށް ހަމަޖެހިފައިވާކަމަށެވެ. މުބާރާތުގައި  ކޮންމެ ސްކޫލަކުން ހިތުން ކިޔެވުމާއި ބަލައިގެން ކިޔެވުމުގެ ގޮފިން 3 ކުދިން ބައިވެރިވެފައިވާކަމަށެވެ. އަދި ހާފިޒްކަމުގެ ގޮފިން ޖުމުލަ 5 ކުދިން ބައިވެރިވެފައިވާކަން އިބްރާޙިމް ރަޝީދު މޫސާ ފާހަގަކުރެއްވިއެވެ.

"ބައިވެރިވާން ބޭނުންވާ ކޮންމެ ސްކޫލަކުން ޓީމް ހަމަކޮށްގެން ބައިވެރިވުމަށް ފުރުޞަތު ހުޅުވާލިން. ކޮންމެ ސްކޫލަކުންވެސް ބަލައިގެން ކިޔެވުމުގެ ގޮފިން 3 ކުދިން ހިތުން ކިޔެވުމުގެ ގޮފިން 3 ކުދިން ޖުމުލަ ހަކުދިން ބައިވެރިކުރަންޖެހޭ. މިހާރު އަޅުގަނޑުމެންނަށް ލިބިފައިވާ ފޯމްތަކުން މި ދެގޮފޮގައި  71 ސްކޫލަކުން ޖުމުލަ 426 ކުދިން ބައިވެރިވެފައިވޭ. މި މުބާރާތުގައި ހިމެނޭ ހާފިޒުންގެ ގޮތްޕަކީ ހުރިހާ ސްކޫލަކަށްވެސް ބޭނުން ޢަދަދަކަށް ބައިވެރިވުމަށް ހުޅުވާލި ފުރުޞަތެއް. މި ގޮފީގައި ބައިވެރިވެފައިވަނީ 5 ކުދިން. އެހެންވީމަ ޖުމުލަ 431 ކުދިން މިއަހރުގެ މުބާރާތުގައި ކިޔަވާނެ" އަލްއުސްތާޛު އިބްރާޙިމް ރަޝީދު މޫސާ ވިދާޅުވިއެވެ.



މިއަހަރުގެ މުބާރާތް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވަނީ 5 ދަންފަޅިއަކަށް ބަހާލައިގެންނެވެ. މުބާރާތުގައި ފަނޑިޔާރުކަން ކުރުމަށް ކޮންމެ ގޮތްޕެއްގައިވެސް 3 ފަނޑިޔާރުން ތިބޭނެކަމަށް ކީރިތި ޤްރުޢާނާބެހޭ މަރުކަޒުން ބުނެއެވެ. ކީރިތި ޤްރުޢާނާބެހޭ މަރުކަޒުގެ ރައީސް އަލްއުސްތާޛު އިބްރާޙިމް ރަޝީދު މޫސާ ވިދާޅުވީ މިއަހަރުގެ މުބާރާތުގައި ވަނައަށްދާ ސްކޫލްތަކަށާއި ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ދެއްވާ އިނާމާއި އިސްލާމިކް މިނިސްޓްރީއާއި ޤުރުއާނާއިބެހޭ މަރުކަޒުން ޢިނާމް ދިނުމަށް ހަމަޖެހިފައިވެއެވެ.

"އަޅުގަނޑުމެން ދޭ ޢިނާމާއި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުންނާއި، ރައީސުލް ޖުމްހޫރިއްޔާ ދެއްވާ ޢިނާމް ތަކެއް ހުންނާނެ.އެއީ ކޮންމެ ބަޔަކުންވެސް އެއްނަ ދަރިވަރަށް ރައީސް ދެއްވާ ޢިނާމް . އަޅުގަނޑުމެން އުއްމީދުކުރަނީ އެއްވަނަ ސްކޫލަކަށްވެސް ރައީސްގެ އިނާމް ދެއްވާނެކަމަށް" އިބްރާޙިމް ރަޝީދު މޫސާ ވިދާޅުވިއެވެ.



މުބާރާތުން ބަލައިގެން ކިޔެވުމާއި ހިތުން ކިޔެވުމުގެ އިތުރުން ހާފިޡުކަމުގެ ގޮފިން އެންމެ މޮޅު 3 ދަރިވަރަކު ހޮވުމަށް ވަނީ ހަމަޖެހިފައެވެ. އަދި މުބާރާތުގެ ބަލައިގެން އަދި ހިތުން ކިޔެވުމުގެ ގޮފިން އެންމެ މޮޅު ތިން ސްކޫލެއް ހޮވުމަށް ހަމަޖެހިފައިވާކަމަށްވެސް ކީރިތި ޤްރުއާނާ ބެހޭ މަރުކަޒުން ބުނެއެވެ.