ޚަބަރު

ލަފާފުރުމުގެ ދަތިކަން 4 މަސްދުވަހުގެތެރޭގައި ހައްލުވެގެންދާނެ


ރާއްޖޭގެ ރަށްތަކަށް ދިމާވެފައިވާ ލަފާފުރުމުގެ ދަތިކަން ކުރިއަށް އޮތް ހަތަރު މަސް ދުވަހުގެ ތެރޭގައި މުޅިން ހައްލުވެގެންދާނެކަމަށް ހައުސިންގ މިނިސްޓަރ ޑރ މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މިނިސްޓަރ މުއިއްޒު ވިދާޅުވީ ސަރުކާތުން ތަރައްޤީގެ މަޝްރޫއުތައް ހިންގަމުން ގެންދަނީ މުޅި ރާއްޖޭ ހިމެނޭ ގޮތަށްކަމަށެވެ.



ބޭރުގެ މީޑިއަތަކަށް މައުލޫމާތު ދިނުމަށް ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ހައުސިން މިނިސްޓަ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ މި ވޭތުވެދިޔަ ހަތަރަތު އަހަރުގެ ތެރޭގައި 100އަށްވުރެ ގިނަ ރަށުގެ ލަފާފުރުމުގެ ދަތިކަން މި ސަރުކާރުން ޙައްލުކޮށްދީފައިވާކަމަށެވެ. އަދި މިހާރުވެސް ގިނަ ރަށްތަކެއްގައި ބަނދަރު ހެދުމާއި، ތޮށިލުމުގެ މަސައްކަތްތައް ކުރިއަށްދާކަމަށެވެ. އަދި މި މަސައްކަތްތައް ކުރިއަށް އޮތް ހަތަރު މަސް ދުވަހުގެ ތެރޭގައި ނިމިގެންދާއިރު ރާއްޖޭގެ ހުރިހާ ރަށެއްގައި ރައްކާތެރިގޮތުގައި ލަފާފުރުމުގެ ނިޒާމު ޤާއިމުވެގެންދާނެކަމަށްވެސް މިނިސްޓަރ މުއިއްޒު ވިދާޅުވިއެވެ.

ހައުސިންގ މިނިސްޓަރގެ ވާހަކަފުޅުގައި ރާއްޖޭގައި ކުރިއަށް ގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކާއި ގުޅޭ މަޢުލޫމާތުވެސް ވަނީ ނޫސްވެރިންނަށް ޙިސާކުރައްވާފައެވެ. މިނިސްޓަރ ވިދާޅުވީ ސޯޝަލް ހައުސިންގ ޔުނިޓްތައް ތަރައްޤީކުރުމުގައި އެންމެ ބޮޑަށް ބަލާފައިވާނީ ބިމުގެ ދަތިކަން އޮތް އާބާދީ ބޮޑެތި ރަށްތަކުގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށްކަމަށެވެ. އެގޮތުން ހުޅުމާލޭ ދެވަނަ ފިޔަވަހިން ހިއްކާފައިވާ 240 ހެކްޓަރު ބިމުގައި ހަދާ ހައުސިންގ ޔުނިޓްތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްދާ ހައުސިންގ މަޝްރޫޢުތަކާއިއެކު ކުރިއަށްއޮތް ދެ އަހަރުތެރޭގައި ފަސްދޮޅަސް ހާހަށްވުރެ ގިނަ ހައުސިންގ ޔުނިޓްތައް އުފެދިގެންދާނެކަމަށެވެ. އަދި މިއީ ސަތޭކަ ފަސްދޮޅަސް ހާސް މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދެވޭނެ އަދަދެއްކަމަށްވެސް ހައުސިން މިނިސްޓަރ ވިދާޅުވިއެވެ.

"ކޮންމެ ރަށެއްގައިވެސްދަނީ ތަރައްޤީއަށް އެކިއެކި މަޝްރޫޢުތައް ހިންގަމުން. ވެތުވެދިޔަ ހަތަރު އަހަރުތެރޭގައިވަނީ ސަތޭކައަށްވުރެ ގިނަ ރަށުގެ ލަފާފުރުމުގެ ދަތިކަން ޙައްލުކޮށްފައި. މި ސަރުކާރުގެ މެނިފެސްޓޯއާއި އެއްގޮތަށް، ކުރިއަށް އޮތް ހަރަތުމަސްތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ރައްކާތެރިގޮތުގައި ލަފާފުރުމުގެ ނިޒާމުގެ ޤާއިމުކުރާނެ." ހައުސިންގ މިނިސްޓަރ ޑރ މުހައްމަދު މުޢިއްޒު ވިދާޅުވިއެވެ.

މިނިސްޓަރ މުއިއްޒުވަނީ ރާއްޖޭގެ ތަރައްޤީއަށް ބޭރުގެ ފަރާތްތަކުގެ ދެމުން އަންނަ އެހީ ފާހަގަކުރައްވާފައެވެ. އެގޮތުން ރާއްޖޭގައި މިހާރު ކުރިއަށްދާ އެންމެ ބޮޑެތި މަޝްރޫޢުތަކުގެ ތެރޭގައި ހިމެނޭ ދަރުމަވަންތަ ހޮސްޕިޓަލް އެޅުމަށް އިންޑިއާއިން ވަމުންދާ އެހީއާއި ބްރިޖްގެ މަސައްކަތްތައް ފުރިހަމަކުރުމަށް ޗައިނާއިން ދެމުންދާ އެހީ މިނިސްޓަރ މުއިއްޒު ފާހަގަކުރެއްވިއެވެ. މީގެއިތުރުން ސަޢުދީ ސަރުކާރާއި އެހެނިހެން ޤައުމުތަކުން ދެމުން އަންނަ އެހީތެރިކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. ހައުސިން މިނިސްޓަރ ޑރ މުއިއްޒު ވިދާޅުވީ ދިވެހިން މިހާރު އެންމެ އުންމީދު ކުރަމުންދާ ބްރިޖް މަޝްރޫޢު މިއަހަރުގެ އޮގަސްޓްމަހަށް ނިންމައި، މާލެއާއި ހުޅުލެއާއި، ހުޅުމާލޭގެ ދަތުރުފަތުރު ކުުރުމުގެ ނިޒާމު އެއްވިއުގައަކުން ގުޅާލާނެކަމަށެވެ