ޚަބަރު

އެސްއޯއީ މުއްދަތު އިތުރުކުރުމުގެ ވިސްނުމެއް ނެތް - ސަރުކާރު


ރާއްޖޭގައި މިވަގުތު އިޢުލާންކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރުކުރުމުގެ އެއްވެސް ވިސްނުމެއް ނުގެން ގުޅޭކަމަށް ސަރުކާރުން ހާމަކޮށްފިއެވެ. ސަރުކާރުގެ ފަރާތުން މިކަން ހާމަކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ލީގަލް އެފެއަރޒް މިނިސްޓަރ އަލްއުސްތާޛާ އައިޝަތު ޢާޒިމާ ޝަކޫރުއެވެ.ބައިނަލްއަޤްވާމީ މީޑިއާތަކަށް ހުޅުވާލައިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ލީގަލް އެފެއަރޒް މިނިސްޓަރ އަލްއުސްތާޛާ އައިޝަތު ޢާޒިމާ ޝަކޫރު ވިދާޅުވީ، ފެބުރުއަރީ މަހުގެ ފަސްވަނަ ދުވަހު ސަރުކާރުން އިޢުލާންކުރި ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރުކޮށް އެ ހާލަތު ދަމަހައްޓަމުންދަނީ، ޤާނޫނު އަސާސީގެ އިމުގެ ތެރެއިން ޤައުމީ ސަލާމަތާބެހޭ ކައުންސިލްގެ ލަފައާއިއެކުކަމަށެވެ. އަދި މިހާރު އިޢުލާންކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު މިމަހުގެ ބާވީސްވަނަ ދުވަހަށް ހަމަވާނެކަމަށާއި އެއަށްވުރެ އެ މުއްދަތު އިތުރުކުރުމުގެ ވިސްނުމެއް ސަރުކާރުން ނުގެންގުޅުއްވާކަމަށް އާޒިމާ ވިދާޅުވިއެވެ.

ކުއްލި ނުރައްކަލުގެ ހާލަތުގެ ބާރު މިހާރު ތަންފީޒުކުރަނީ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ގެންނަ އުޅުނު ބަޢާވާތްގައި ބައިވެރިވި ފަރާތްތަކުގެ މައްޗަށް އެކަނިކަމަށްވެސް އާޒީމާ ވިދާޅުވިއެވެ. ބޭރުގެ ނޫސްވެރިންނަށް ރާއްޖޭގެ ހާލަތު އޮޅުންފިލުވާދެއްވަމުން އާޒިމާ ޝަކޫރު ވިދާޅުވީ ފެބުރުއަރީ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު ހުކުމަކީ ރާއްޖޭގެ ޤާނޫނު އަސާސީއާއި ޤާނޫނުތަކާއި ޚިލާފަށް ނެރެފައިވާ އަމުރެއްކަމެށެވެ. އަދި ރާއްޖޭގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައި އޮތްނަމަވެސް ރާއްޖޭގައި ދިރިއުޅުން އޮތީ އާއްމު ހާލަތެއްގައިކަމަށާއި ސަރުކާރުގެ އޮފީސްތަކާއި ސުކޫލުތައް ހުޅުވާ ވިޔަފާރިތަކަށް އެއްވެސް ދައްޗެއް ނެތްކަން އާޒިމާ ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގައި އުޅޭ ބިދޭސީންނާއި ރާއްޖެ އަންނަ ފަތުރުވެރިންނަށް ކުރިއެކޭވެސް އެއްގޮތަށް ރައްކާތެރިކަން ކަށަވަރުވާނެކަމަށްވެސް އާޒިމާ ވިދާޅުވިއެވެ.

"ތިބޭފުޅުންނަށް ރާއްޖެ ފެނިވަޑައިގަންނަވާނެ. ދިރިއުޅުމުގެ ކަންތަކަށް އެއްވެސް ހުރަހެއްނެތް. އެއްވެސް ސްކޫލެއް ބަންދެއްނުކުރަން. އެއްވެސް އޮފީހެއް ބަންދެއްނުކުރަން. ދިރިއުޅުމުގެ ކަންތައް ކުރިއެކޭވެސް އެއްގޮތް. އޮފީސްތައްހުޅުވާ ވިޔަފާރިތައް ކުރިއަށް އެބަދޭ." އާޒިމާ ވިދާޅުވިއެވެ.

img:http://s4.psmnews.mv/images/660x400/15209560140492.jpg|ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން މި ނޫސްވެރިންގެ ބައްދަލުވުމުގައި ބޭރުގެ މީޑިއާތަކުން ކުރިމަތިކުރުވި ސުވާލުތަކަށް ޖަވާބުދެއްވަމުން ސިޔާސީ ޕާޓީތަކުގެ މަޝްވަރާތަކަށް ސަރުކާރުން ކަނޑައަޅުއްވާފައި ހުންނަވާ އިސް މަންދޫބު ޑރ. މުޙައްމަދު ޝައިނީ ވިދާޅުވީ ރާއްޖޭގައި ހުރި މައްސަލަތައް ހައްލުކުރުމަށް ސަރުކާރުން އިސްނަގައިގެން މަޝްވަރާތަކަށް އައުމަށް 12 ފަހަރެއްގެ މަތިން އިދިކޮޅު ފަރާތްތަކަށް ދައުވަތު ދީފައިވާނެކަމަށެވެ. އަދި އެ މަޝްވަރާތައް އދ ފަދަ ބައިނަލްއަޤްވާމީ ފަރާތްތައް މެދުވެރިކޮށްގެން ކުރިޔަށް ގެންދިޔުމަށް މަސައްކަތްކޮށްފައިވާކަންވެސް ޑރ ޝައިނީ ފާހަގަކުރެއްވިއެވެ. މި މަޝްވަރާތަކުގައި އަވައްޓެރި އިންޑިއާ އަދި ޗައިނާ ފަދަ ގައުމުތައް ބައިވެރިކުރަންތޯ ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާދެއްވަމުން ޝައިނީ ވިދާޅުވީ ރާޢްޖޭގެ ދިމާވެގެން އުޅެނީ ދިވެހިންގެ އަމިއްލަ ދާޚިލީ މައްސަލަތަކެއްކަމަށާއި ދިވެހިންނަށް ހައްލުނުކުރެވޭ މައްސަލައެއް ނެތްކަމަށެވެ. އަދި އަދި ބޭރުގެ އެހެން ޤައުމެއްގެ އެހީއަށް އެދެންޖެހޭ ހާލަތެއް އައިސްފިނަމަ އެކަމަށްވެސް އެދޭނެކަމަށާއި، އެންމެ ފުރަތަމަވެސް އެދޭނީ އިންޑިއާގެ އެހީއަށްކަމަށްވެސް ޝައިނީ ވިދާޅުވިއެވެ. ބޭރުގެ ޤައުމުތަކުން ރާއްޖޭގެ މައްސަލަތަކުގެ ތެރެއަށް ވަނުމަށް ގޮވާލާ ރާއްޖޭގެ ހާލަތު އިތުރަށް ގޯސްކުރީ ކުރީގެ ރައީސް މުޙައްމަދު ނަޝީދުކަމަށް ޑރ. ޝައިނީ ތުހުމަތުކުރެއްވިއެވެ. އެހެންނަމަވެސް ޤައުމުތަކުން އެކަމަށް މާބޮޑު އިޖާބައެއް ނުދިންކަމަށް މިނިސްޓަރ ޝައިނީ ފާހަގަކުރެއްވިއެވެ.

"ދިވެހިންގެ އަމިއްލަ މައްސަލަތައް ހައްލުކުރުމުގެ ހުރިހާ ޤާބިލްކަމެއް އަޅުގަނޑުމެންގެ އެބަހުރި. އެއްވެސް ޤައުމެއް މި މައްސަލަތަކުގައި އަދި ޝާމިލްކޮށްފައެއް ނުވާނެ." ޝައިނީ ވިދާޅުވިއެވެ.ސަރުކާރުން އިސްވެ ފަށާފައިވާ މަޝްވަރާތައް ކުރިއަށް ގެންދިއުމަށް އިދިކޮޅު ޕާޓީތަކުން އެއްބާރުލުން ނުދޭކަމާއި، މަޝްވަރާތަކުގައި ބައިވެރިވުމަށް ގިނަ ޝަރުތުތަކެއް ކުރިމަތިކުރަމުން ގެންދާކަން މިނިސްޓަރ ޝައިނީ ފާހަގަކުރައްވާފައެވެ.