ޚަބަރު

ސިޔާސަތަކީ މޫސުމުން ލިބޭ ގެއްލުންކުޑަކޮށް ޤައުމު ބިނާކުރުން.


މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުން ރާއްޖެ ރައްކާތެރިކުރުމަށް ކުރީގެ ރައީސް ނަޝީދު ގެންގުޅުއްވި ވިސްނުންފުޅަކީ ޤައުމުދޫކޮށް އެހެން ޤައުމަށް ރައްޔިތުން ބަދަލްކުރުން ކަމުގައިވިޔަސް، މިހާރުގެ ރައީސް ޔާމީނަކީ މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުންކުޑަކޮށް، ޤައުމު ބިނާކުރުމުގެ ވިސްނުން ގެންގުޅުއްވާ ފަރާތެއްކަމަށް މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ ޠާރިޤު އިބްރާހިމް ވިދާޅުވެއްޖެއެވެ. މިނިސްޓަރ ޠާރިޤު މިހެން ވިދާޅުވީ، ބައިނަލް އަޤުވާމީ މީޑިއާތަކަށް ޚާއްޞަކޮށްގެން މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ދިވެހި ސަރުކާރުން އެކި ދާއިރާތަކުން ތަރައްޤީގެމަގުގައި ހޯދާފައިވާ ކުރިއެރުންތަކާ ބެހޭ ތަފްޞީލު ހާމަކުރެއްވުމަށް މިއަދު ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގައި ބައިނަލް އަޤުވާމީ މީޑިއާތަކަށް ޚާއްޞަކޮށްގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ ޠާރިޤް އިބްރާހިމް ވަނީ ތިމާވެއްޓާ ހަކަތައިގެ ދާއިރާއިން ވޭތުވެދިޔަ 4 އަހަރުގައި ސަރުކާރުން ހޯދާފައިވާ ކުރިއެރުންތަކަށް އަލިއަޅުއްވާލައްވާ ވާހަކަދައްކަވާފައެވެ. މިގޮތުން މީގެ ކުރީގެ ހުރިހާ ސަރުކާރުތަކުގެ މަސައްކަތާއި މިސާރުކާރުގެ ހަތަރު އަހަރުގެ މަސައްކަތާ އާޅާ ނުކިޔޭނެކަމަށް މިނިސްޓަރ ޠާރިޤް ވިދާޅުވިއެވެ. 2013ގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް ވެރިކަމަށް ވަޑައިގެންނެވިއިރު ރާޢްޖޭގައި އާރް.އޯ ޕްލާންޓް ޤާއިމްކޮށްފައިވަނީ އެންމެ 6 ރަށުގައިކަމަށާއި، މިދިޔަ ހަތަރު އަހަރުގެ ތެރޭގައި އެކަނިވެސް ރާއްޖޭގެ އިތުރު 20 ރަށެއްގައި އާރް.އޯ ޕްލާންޓް ޤާއިމްކޮށް، އަދި އިތުރު 26 ރަށެއްގައި މި ޚިދުމަތްފެށުމުގެ މަސައްކަތްކުރަމުންދާކަމަށް މިނިސްޓަރ ޠާރިޤް ވިދާޅުވިއެވެ. މީގެއިތުރުން 2013ގައި ރާޢްޖޭގައި ނަރުދަމާގެ ނިޒާމު ޤާއިމްވެފައިހުރީ %37 ރަށުގައިކަމުގައިވީނަމަވެސް މިހާރު މިޢަދަދު %75 އިތުރުކުރެވިފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ޠާރިޤް ވިދާޅުވީ ރާޢްޖޭގެ އެންމެ ބޮޑު މައްސަލަކަމުގައިވާ ކުނީގެ މައްސަލައަށްވެސް މިހަތަރުއަހަރުގެ ތެރޭގައި ފާހަގަކޮށްލެވޭ ގިނަ ކާމިޔާބީތަކެއް ގެނެސްފައިވާކަމަށެވެ. މިގޮތުން ރާއްޖޭގެ އުތުރާ ދެކުނުގައި ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ސެންޓަރުތަކާ، ކުނި އެންމެ އެކަށީގެންވާގޮތުގައި ވަކިކޮށް ނައްތާލުމުގެ ނިޒާމް ޤާއިމު ކޮށްފައިވާކަމަށެވެ. މިނިސްޓަރ ޠާރިޤް ވިދާޅުވީ ރައީސް ޔާމީނަކީ ސަރުކާރަކީ ތިމާވެއްޓަށް އަންނަ ނޭދެވޭ ބަދަލުތަކުގެ ސަބަބުން ޤައުމަށް ދިމާވާ މައްސަލަތައް ހައްލުކުރުމަށް ހަރުދަނާ ސިޔާސަތުތަކެއް ގެންގުޅުއްވާ ބޭފުޅެއްކަމަށެވެ. މިގޮތުން ރާއްޖެ އަޑިއަށް ގޮސް ދިވެހިން އެހެން ޤައުމަކަށް ހިޖުރަކުރަން ޖެހޭނެކަމަށް ވިދާޅުވެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ގެންގުޅުއްވި ވިސްނުންފުޅާ ހިލާފަށް ރައީސް ޔާމީނުގެ ވިސްނުންފުޅު ބިނާކޮށްފައިވަނީ ތިމާވެއްޓަށް އަންނަ ނޭދެވޭ ބަދަލުތައް ހައްލުކުރުމަށްމަސައްކަތްކުރުމަށްކަމަށްވެސް މިނިސްޓަރ ޠާރިޤް ވިދާޅުވިއެވެ.

ތިމާވެށީގެ ދާއިރާއިން ވޭތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި ރާއްޖެއިން ހޯދާފައިވާ ކުރިއެރުންތަކަށް އަލިއަޅުއްވާލައްވާ ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ޠާރިޤް ވަނީ ރާއްޖެއިން ކުދި ޖަޒީރާ ރަށްތަކުގެ އެލަޔަންސް، އައޮސިސްގެ ޗެއަރގެ ގޮތުގައި ކުރަމުންދާ މަސައްކަތްތައް ފާހަގަކުރައްވާފައެވެ.