ޚަބަރު

ސަރުކާރު މެންބަރުންނަކީ އަމިއްލަ މަސްލަހަތު އިސްކުރާނެ ބައެއްނޫން


ސަރުކާރު ކޯލިޝަނަށް ނިސްބަތްވާ ރައްޔިތުން މަޖިލީހުގެ މެންބަރުންނަކީ އަމިއްލަ މަސްލަޙަތަށްވުރެ ޤައުމީ މަސްލަޙަތަށް އިސްކަންދޭ ބައެއްކަން ރައްޔިތުންނަށް ހާމަވެގެން ގޮސްފައިވާ ކަމަށް ސަރުކާރު ހިންގާ މައި ޕާޓީ ޕީޕީއެމުން ބުނެފިއެވެ.

ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރި އެންޓި ޑިފެކްޝަން ބިލާއި ގުޅޭގޮތުން ޕީޕީއެމް އޮފީހުގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޕީއެމްގެ ނާއިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރ އަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވީ ސަރުކާރު ކޯލިޝަނަށް ނިސްބަތްވާ މެންބަރުން އެންޓި ޑިފެކްޝަން ބިލަށް ވޯޓު ދެއްވީ އެ މެންބަރުންނަށް ލިބިދީފައިވާ ބާރުތައް ދޫކޮށްލުމަށްފަހު ކަމަށެވެ. އަދި އެ ބާރުތައް މެންބަރުން ދޫކޮށްލީ ދިވެހި ޤައުމާއި ރައްޔިތުންގެ ހައްޤުގައި ކަމަށް އޭނާ ވިދާޅުވިއެވެ.

ރައީސް ޢަބްދުﷲ ޔާމީންގެ ސަރުކާރަކީ ރައްޔިތުންގެ ކަންކަމަށް މީގެކުރިން އިސްކަން ނުދެއްވާ މިންވަރަށް އިސްކަންދެއްވާ ސަރުކާރެއް ކަމަށް ޢަބްދުއްރަޙީމް ވިދާޅުވިއެވެ. އަދި ރައީސް ޔާމީންގެ ސަރުކާރު ބަލިކަށިވާ ގޮތަށް މަސައްކަތް ކުރުމުގެ ޖާގައެއް އެއްވެސް ފަރާތަކަށް ނުދެއްވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"އެއީ ރައްޔިތުންގެ މަޖިލިސް މެމްބަރުން ކަމަށްވިއަސް. އަދި އެއީ އެނޫން ބަޔަކަށްވިއަސް އަޅުގަނޑުމެން މިތިބީ އެ ފުރުޞަތު ދޭކަށް ނޫން. އަޅުގަނޑުމެން މިތިބީ ވަރަށް ކެރިގެން ރައީސް ޔާމީންގެ ސަރުކާރު ދިފާޢު ކުރުމަށް ނިކުމެ،" ޢަބްދުއްރަޙީމް ވިދާޅުވިއެވެ.

އެންޓި ޑިފެކްޝަން ބިލުގެ ސަބަބުން ރައްޔިތުން މަޖިލީހުގެ 12 މެންބަރެއްގެ ގޮނޑި ގެއްލިފައިވާކަން ފާހަގަކުރައްވަމުން ޢަބްދުއްރަޙީމް ވިދާޅުވީ ގޮނޑި ގެއްލިގެންދިޔަ 12 މެންބަރުންގެ ޙައްޤުގައި އިދިކޮޅު ފަރާތްތަކުން އެއްވެސް މަސައްކަތްތަކެއް ކޮށްފައިނުވާ ކަމަށެވެ. އެ މެންބަރުންގެ ދިފާޢުގައި އެއްވެސް މަސައްކަތެއް އިދިކޮޅުން ކުރެއްވި ނަމަ އެކަން ރައްޔިތުންނަށް ޙިއްސާ ކުރެއްވުމަށް ޢަބްދުއްރަޙީމް ވަނީ އިދިކޮޅު ފަރާތްތަކަށް ގޮވާލައްވާފައެވެ. އިދިކޮޅު ފަރާތްތަކުން ސިޔާސީ ލީޑަރުން މިނިވަން ކުރުމަށް ގޮވަމުންދާއިރު ގޮނޑި ގެއްލިގެން ދިޔަ 12 މެމްބަރުންގެ ދިފާޢުގައި މަޖިލީހުގެ ތަޅުމުގައި ވާހަކަދައްކާލަން ކެރިވަޑައިނުގެންކަމަށްވެސް އަބްދުއްރަހީމު ވިދާޅުވިއެވެ.

"އެމީހުންގެ ސަޕޯޓަރުން ގެނެސް ހަޅޭއްލަވާލަން ނުކެރުން. އެހެންވީމަ މިއީ ހަމަ އިދިކޮޅު ފަރާތްތަކުން ހަމަ ރާވައިގެން އިންތިޚާބު ކޮށްފައިތިބި މެމްބަރުންގެ ދުވަސް ދުއްވާލަން ކުރި މަސައްކަތެއް،" ޢަބްދުއްރަޙީމް ވިދާޅުވިއެވެ.

އެންޓި ޑިފެކްޝަން ބިލު މަޖިލީހުން ފާސްކޮށްފައި ވަނީ އެ ބިލު ހިނގާނީ 13 ޖުލައި 2017 ވަނަ ދުވަހުގެ ފަހުން މަޖިލީހުގެ މެމްބަރެއް ނޫން ކަމަށް އިލެކްޝަނުން މަޖިލީހަށް އަންގާފައިވާ ހާލަތްތަކުން ފެށިގެން ކަމަށް ކަނޑަ އެޅުމަށް ފަހުއެވެ. އެގޮތަށް ބިލު ފާސްކުރުމާ އެކު މަޖިލީހުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ 12 މެންބަރުންގެ ގޮނޑި ގެއްލޭނެ ކަމަށް ޕީޕީއެމުން ވަނީ ބުނެފަ އެވެ.