ޚަބަރު

އެންމެ ބޮޑު ސްޓޭޑިއަމް އިރާޤުގައި ބިނާކުރަނީ


ދުނިޔޭގައި މިހާތަނަށް ބިނާކުރާ އެންމެ ބޮޑު ފުޓްބޯޅަ ސްޓޭޑިއަމް އިރާޤުގެ ވެރިރަށް ބަޣްދާދުގައި ބިނާކުރުމަށް ހަމަޖެހިއްޖެއެވެ.

އިރާޤުގެ ބޮޑުވަޒީރު ހައިދަރު އަލް އާބާދީ ވިދާޅުވީ ބަޣްދާދުގައި ސަތޭކަ ތިރީސް ފަސް ހާސް މީހުންގެ ޖާގައިގެ ސްޓޭޑިއަމެއް ބިނާކޮށްދެއްވަނީ ސަޢުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒްގެ ދީލަތި އެހީފުޅުގެ ދަށުންކަމަށެވެ.

ޚަބަރުތައް ބުނާގޮތުން ބަޣްދާދުގައި ސްޓޭޑިއަމެއް ބިނާކުރެއްވުމަށް ސަލްމާން ރަސްގެފާނު ނިންމެވިކަން އިޢުލާންކުރެއްވީ، މިމަހުގެ ދެވަނަ ދުވަހު ސަޢުދީ އަރަބިއްޔާއައި އިރާޤާ ދެމެދު ކުޅެވުނު އެކުވެރިކަމުގެ ފުޓްބޯޅަ މެޗަށްފަހުއެވެ. އިރާޤު މޮޅުވި މެޗަށްފަހު، އިރާގުގެ ބޮޑުވަޒީރަށް ގުޅުއްވާ އެކި ދާއިރާތަކުން އެހީ ފޯރުކޮށްދެއްވުމަށް ތައްޔާރަށް ހުންނެވިކަމަށް ސަލްމާން ރަސްގެފާނު ވިދާޅުވެފައިވާކަމަށް އިރާޤުގެ ބޮޑުވަޒީރު ވިދާޅުވިއެވެ. އަދި ސްޓޭޑިއަމް ބިނާކުރުމުގެ މަސައްކަތަށް ޚާއްސަ ޓާސްކް ފޯހެއް އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށްވެސް އިރާޤުގެ ބޮޑުވަޒީރު ވިދާޅުވިއެވެ.

img:http://s4.psmnews.mv/images/660x400/15209272364611.jpg|ސަޢޫދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް އާއި އިރާޤުގެ ބޮޑުވަޒީރު ހައިދަރު އަލް އާބާދީ

135،000 މީހުންގެ ޖާގަޔާއެކު އިރާޤުގައި ބިނާކުރާ ސްޓޭޑިއަމް ދުނިޔޭގެ އެންމެ ބޮޑު ސްޓޭޑިއަމަށް ވެގެންދާއިރު، މިވަގުތު ދުނިޔޭގައި ހުރި އެންމެ ބޮޑު ސްޓޭޑިއަމަކީ އުތުރު ކޮރެޔާގެ ޕިޔޮންގޔަންގައި ހުންނަ 114،000 މީހުންގެ ޖާގައިގެ މޭ ޑޭ ސްޓޭޑިއަމެވެ.