ޚަބަރު

ފަނޑިޔާރުންގެ ޤާނޫނަށް ގެނައި އިސްލާޙް ފާސްކޮށްފި


ފަނޑިޔާރެއްގެ މައްޗަށް ޖިނާޢީ ކުށެއް ސާބިތުވެ ހުކުމެއް ކަނޑައެޅޭ ވަގުތުންފެށިގެން އެ ފަނޑިޔާރަކު މަޤާމުން ވަކިވާގޮތަށް ފަނޑިޔާރުންގެ ޤާނޫނަށް ހުށެހެޅި އިސްލާޙް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި. ފޮނަދޫ ދާއިރާގެ މެމްބަރު ޢަބްދުއްރަޙީމް ޢަބްދުﷲ ފަނޑިޔާރުންގެ ޤާނޫނަށް ހުށައެޅި އިޞްލާހުގެ ބިލް ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 38 މެންބަރުންގެ އިއްތިފާގުންނެވެ.



ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވި ފަނޑިޔާރުންގެ ޤާނޫނަށް ގެނައި އިސްލާޙުގައި ފަނޑިޔާރެއްގެ މައްޗަށް ޖިނާޢީ ދަޢުވާއެއް އުފުލައިފިނަމަ އޭނާގެ މައްޗަށް ހުކުމެއް ކަނޑައަޅަންދެން މުސާރަ ނުލިބޭގޮތަށް ޖުޑީޝަލް ސާރވިސް ކޮމިޝަނުން އެ ފަނޑިޔާރަކު ސަސްޕެންޑްކުރަންވާނެކަމަށް ބަޔާންކޮށްފައިވެއެވެ. އަދި އެ ފަނޑިޔާރެއްގެ މައްޗަށް ތުހުމަތުކުރެވޭ ޖިނާޢީ ކުށަކާ ގުޅިގެން ދަށު ކޯޓުން ނިންމާ ނިންމުމެއް ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތުއުނާފު ކުރުމަށް ހުށައެޅުމުގެ މުއްދަތަކީ އެ މައްސަލައެއް ނިންމާ ތާރީޚުން ފެށިގެން ދިހަ ދުވަސްކަމަށް ބިލްގައި ހިމަނާފައިވެއެވެ. މީގެ އިތުރުން އެ ހުކުމް އިސްތިއުނާފްކުރުމަށް އެ ފަނޑިޔާރެއްގެ ފަރާތުން ހުށައަޅައިފިނަމަ އެ މައްސަލައެއް ހުށައަޅާ ތާރީޚުން ފެށިގެން ތިރީސް ދުވަހުގެ ތެރޭގައި އެ މައްސަލައެއްބަލާ ގޮތެއް ނިންމަންވާނެކަމަށްވެސް ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވި ބިލްގަވެއެވެ. އަދި ފަނޑިޔާރެއްގެ މައްޗަށް ތުހުމަތުކުރެވޭ ޖިނާޢީ ކުށަކާ ގުޅިގެން ދިވެހިރާއްޖޭގެ ހައި ކޯޓުން ނިންމާ ނިންމުމެއް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް އިސްތިއުނާފު ކުރުމަށް ހުށައެޅުމުގެ މުއްދަތަކީވެސް މައްސަލަ ނިންމި ތާރީޚުން ފެށިގެން ދިހަ ދުވަސްކަމަށާއި، ސުޕްރީމް ކޯޓަށް އެ މައްސަލައެއް ހުށައަޅާ ތާރީޚުން ފެށިގެން ތިރީސް ދުވަހުގެ ތެރޭގައި މައްސަލަބަލާ ގޮތެއް ނިންމަންޖެހޭނެކަން ބަޔާން ކޮށްފައިވެއެވެ. އަދި ޖިނާއީ ކުށެއް ސާބިތުވެއްޖެކަމަށް ޝަރުޢީ ކޯޓަކުން ހުކުމެއް ކަނޑައަޅާ ވަގުތުންފެށިގެން އެ ފަނޑިޔާރަކު މަޤާމުން ވަކިވާނެކަމަށްވެސް ފަންޑިޔާރުންގެ ޤާނޫނަށް ގެނައި އިސްލާހުތަކުގެ ތެރޭގައި ހިމެނެއެވެ.



ފަނޑިޔާރުންގެ ޤާނޫނުގައި މިހާރު ބުނެފައިވަނީ، ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާގޮތަށް ޢައްޔަންކުރެވޭ ފަނޑިޔާރުންނަކީ ކަނޑައެޅޭ ވަކި މުއްދަތަކަށް ޢައްޔަންކުރެވޭ ބައެއް ނޫންކަމަށާއި، އެ ފަނޑިޔާރުން މަޤާމަށް ޢައްޔަންވީންސުރެ މަޤާމުން މުސްކުޅިކުރެވެންދެން މަޤާމުގައި ދެމިތިބޭނެކަމަށެވެ. އަދި އެއިން ކޮންމެ ފަނޑިޔާރަކުވެސް އޭނާ ޢައްޔަންކޮށްފައިވާ ކޯޓެއްގައި މަސައްކަތްކުރާނީ ދާއިމީ ސިފައެއްގައިކަމަށްވެސް ބުނެފައިވެއެވެ.