ޚަބަރު

ބޯޓު ވެއްޓުނީ ރަންވޭގެ ނުބައިކޮޅަށް ޖައްސަން އުޅުމުން


ނޭޕާލްގެ ތްރިބުވާން އެއަރޕޯޓަށް ހޯމަދުވަހު މަތިންދާބޯޓެއް ވެއްޓުނު ހާދިސާއަކީ ނުބައި ކޮޅަކުން ރަންވޭއަށް ބޯޓު ޖައްސަން މަސައްކަތްކުރުމުން ދިމާވި ހާދިސާއެއްކަމަށް އޮފިޝަލުން ހާމަކޮށްފިއެވެ.

ތްރިބުވާން އެއަރޕޯޓުގެ ޖެނަރަލް މެނޭޖަރު ރާޖް ކުމާރު ޗެތުރީއާ ޙަވާލާދީ ޚަބަރުތައް ބުނާގޮތުން ބަންގްލަދޭޝްގެ ޑާކާއިން ފުރައިގެން ނޭޕާލްގެ ކަތަމަންޑޫއަށް ދަތުރުކުރި ބޯޓު ޖައްސަން މަސައްކަތްކުރީ ރަންވޭގެ ނުބައި ކޮޅަކަށެވެ.

"ބޯޓަށް ހުއްދަ ދީފައި އޮތީ ރަންވޭގެ ދެކުނު ފަޅިން ޖައްސަން. އެކަމަކު ބޯޓު ޖެއްސީ ރަންވޭގެ އުތުރު ކޮޅުން. އެއްގޮތަކަށްވެސް ނޭނގޭ ޕައިލެޓް އެގޮތަށް އަމަލުކުރީ ކީއްވެގެންކަމެއް" ތްރިބުވާން އެއަރޕޯޓުގެ ޖެނަރަލް މެނޭޖަރު ބުންޏެވެ.

ޑާކާއިން ފުރައިގެން ކަތަމަންޑޫއަށް ދަތުރުކުރި ޔޫއެސް ބަންގްލާ އެއަރލައިންސްގެ ބޯޓު ޖައްސަން އުޅުމުގެ ތެރޭގައި ހިނގި އެކްސިޑެންޓުގައި އެބޯޓުގައި ތިބި 71 މީހުންގެ ތެރެއިން 49 މީހަކު މަރުވެފައިވާކަމަށް ޚަބަރުތައް ބުނެއެވެ. 22 މީހަކަށް އަނިޔާވެގެން ހޮސްޕިޓަލުގައި ފަރުވާދެމުންދާއިރު، އޭގެ ތެރޭގައި ދިވެއްސަކުވެސް ހިމެނެއެވެ.