ޚަބަރު

މުހިންމު ދެ ބިލް މަޖްލީހުން މިއަދު ފާސްކުރަނީ


ރައްޔިތުންގެ މަޖިލީހަށް ހުށައަޅުއްވާފައިވާ ދެ ބިލެއްގެ މަސައްކަތް ދިރާސާކޮށް ނިންމާ މިއަދުގެ ޖަލްސާއަށް ރިޕޯޓް ހުށައެޅުމަށް އެޖެންޑާކޮށްފިއެވެ. މިއަދުގެ ޖަލްސާއަށް ރިޕޯޓް ހުށައެޅުމަށް އެޖެންޑާކޮށްފައިވަނީ ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލާއި،  އެންޓި-ޑިފެކްޝަންގެ ބިލް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓެވެ. މި ރިޕޯޓަށް މަޖިލީހުގެ ތަޅުމުގައި ބަހުސްކުރުމަށްފަހު ވޯޓަށް އަހާނެއެވެ. ކޮމިޓީ މަރުޙަލާގައި އެންޓި-ޑިފެކްޝަންގެ ބިލަށް ވަނީ ބޮޑެތި އިޞްލާޙުތަކެއް ގެނެސްފައެވެ. އެގޮތުން ރެޓްރޯސްޕެކްޓިވް އުޞޫލު މިދިޔަ އަހަރުގެ ޖުލައި މަހުގެ 13 ވަނަ ދުވަހުގެ ފަހުން ފެށޭގޮތަށް ހެދުން ހިމެނެއެވެ. މިކަމުގެ ސަބަބުން އިލެކްޝަންސް ކޮމިޝަނުން ގޮނޑި ގެއްލިފައިވާކަމަށް ކަނޑައެޅި 12 މެންބަރުންގެ ގޮނޑި މި ބިލް ފާސްވެ ޤާނޫނަކަށް ވުމުން ގެއްލޭނެއެވެ. މި ބިލަށް ގެނެސްފައިވާ އިތުރު އިޞްލާހުގެ ތެރޭގައި، މި ޤާނޫނުގެ ދަށުން ހަދަންޖެހޭ ޤަވާއިދު އިލެކްޝަންސް ކޮމިޝަނަށް ލިބިގެންވާގޮތަށް އޮތް އޮތުން ވަނީ އުނިކޮށްފައެވެ. އެންޓި-ޑިފެކްޝަންގެ ބިލުގެ ކޮމިޓީ ރިޕޯޓް މަޖިލީހުން އަދި ޢާންމުކޮށްފައެއްނުވެއެވެ.

ދިވެހިރާއްޖޭ ފަނޑިޔާރުންގެ ޤާނުނަށް އިޞްލާހު ގެނައުމުގެ ބިލަށް ބަދަލުތަކެއް ގެނެސްފައެއްނުވެއެވެ. މި ބިލުގައިވާގޮތުން ފަނޑިޔާރެއްގެ މައްޗަށް ޖިނާޢީ ކުށެއް ސާބިތުވެއްޖެނަމަ ފަނޑިޔާރުކަން ގެއްލޭނެއެވެ. މި ދެ ބިލުގެ ރިޕޯޓު މަޖިލީހުގެ ތަޅުމަށް ހުށައަޅާ މިއަދު ފާސްކުރުމަށް އެޖެންޑާކޮށްފައިވަނީ މެންދުރު އެކެއް ޖަހާއިރު ބާއްވާ ޖަލްސާއަށެވެ.