ޚަބަރު

ރޮހިންޔާ ފަންޑުގެ ފައިސާ ޙައްޤުވެރިންނަށް ލިބޭނެ - ސަރުކާރު


ރޮހިންޔާ މުސްލިމުންނަށް އެހީވުމަށް ސަރުކާރުގެ ފަރާތުން ކުރިޔަށް ގެންދިޔަ ފަންޑަށް ލިބުނު ފައިސާ ޙައްޤުވެރި ފަރާތްތަކަށް ފޯރުކޮށްދެވުނުކަން ކަށަވަރު ކުރާނެކަމުގެ ޔަޤީންކަން ސަރުކާރުން ދީފިއެވެ. މި ޔަޤީންކަން ސަރުކާރުގެ ފަރާތުން ދީފައިވަނީ އިސްލާމިކް މިނިސްޓްރީން ނެރުން ނޫސްބަޔާނެއްގައެވެ.

މިބަޔާނުގައި އިސްލާމިކް މިނިސްޓްރީން ބުނެފައިވަނީ ރޮހިންޔާ މުސްލިމުންނަށް އެހީވުމުގެ ގޮތުން ސަރުކާރުން ކުރިޔަށް ގެންދިޔަ ފަންޑަށް 18.1 މިލިޔަން ރުފިޔާ ލިބިފައިވާކަމަށާއި މީގެ ތެރޭގައި ނަޤުދުގެ ފައިސާގެ ގޮތުގައި ލިބުނު ފައިސާއާއި އެކި އެކި ވިޔަފާރިވެރިންނާއި ވިޔަފާރި ކުންފުނިތަކުން ފަންޑަށް ދޭން ވަޢުދުވި ފައިސާވެސް ހިމެނޭކަމަށެވެ. 

އަދި މިބަޔާނުގައި ވަނީ އެކި ފަރާތްތަކުން ފަންޑަށް ދޭނެކަމަށް ވަޢުދުވި ފައިސާ ހޯދާ ފައިސާ ޖަމާކުރުމަށް ގިނަ މަސައްކަތް ކުރިކަމަށެވެ.

އިސްލާމިކް މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވަނީ ރޮހިންޔާ މުސްލިމުންނަށް އެހީވުމަށް ކުރިޔަށް ގެންދިޔަ ޙަރަކާތްތަކުން ލިބުނު ފަންޑްގެ ތަފްޞީލު ރާއްޖޭގެ މީޑިއާތަކާ 17 ނޮވެންބަރު 2017 ގައި ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމުގައި ޙިއްސާކޮށްފައިވާނެކަމަށެވެ. މީގެ އިތުރުން މިފައިސާ ފޮނުވުމަށްޓަކައި ސަރުކާރުގެ ފަރާތުން ކުރަންޖެހޭ އިދާރީ ހުރިހައި  މަސައްކަތެއް ނިމިފައިވާކަމަށާއި ވީއެންމެ އަވަސް މުއްދަތެއްގެ ތެރޭގައި މިފައިސާ ފޯރުކޮށްދެވޭތޯ މަސައްކަތް ކުރަމުންދާކަމަށެވެ. އަދި މި ފައިސާ އޭގެ ޙައްޤުވެރި ފަރާތްތަކަށް ފޯރުކޮށްދެވުނުކަން ސަރުކާރުން ކަށަވަރު ކުރާނެކަމުގެ ޔަޤީންކަން އިސްލާމިކް މިނިސްޓްރީން ވަނީ ދީފައެވެ.

އިސްލާމިކް މިނިސްޓްރީން ރޮހިންޔާ ފަންޑުގެ ފައިސާ ފޯރުކޮށްދިނުމަށް ސަރުކާރުން ކުރައްމުން ގެންދާ މަސައްކަތާބެހޭ ގޮތުން ބަޔާނެއް ނެރުނީ ރޮހިންޔާ ފަންޑަށް ލިބުނު ފައިސާއަށް ވީގޮތެއް ނޭނގޭ ކަމަށްބުނެ ހަޤީގަތާ ޚިލާފު ވާހަކަތައް މީޑިޔާގައި ފަތުރަމުންދާތީއެވެ. ރޮހިންޔާ ފަންޑަށް ފައިސާ އެއްކުރުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަނީ ފުޅާދާއިރާއެއްގައި ހަރަކާތްތައް ހިންގާފައެވެ.