ޚަބަރު

ވިސާ ހޯދަން އޭޖެންޓުން މެދުވެރިކޮށްގެންނުވާނެ - ދިވެހި އެމްބަސީ


ސްރީލަންކާގަ ދިރިއުޅޭ ދިވެހިން ވިސާ އަދި ސިޓީ ހޯދުމަށް އަންނަ އިރު ލަންކާގެ އިމިގްރޭޝަން ޤަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން، އޭޖެންޓުން މެދުވެރިނުކޮށް އައުމަށް ސްރީލަންކާގަ ހުންނަ ދިވެހި ރާއްޖޭގެ އެމްބަސީން އަންގައިފިއެވެ. 

އެކަން އަންގާ ދިވެހި އެމްބަސީން ނެރުނު ބަޔާނެއްގައި ބުނެފައިނީ ސްރީލަންކާގަ ދިރިއުޅޭ ދިވެހިން ވިސާ ނެގުމާއި، ވިސާ އާކުރުމުގެ ނިޒާމު ހަރުދަނާ ކުރުމަށް އެޤައުމުގެ ޑިޕާރޓްމެންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަނާއެކު މަޝްވަރާ ކުރަމުންދާ ކަމަށާއި އިޞްލާޙުކުރަން ޖެހޭ ކަންކަން ހުރިނަމަ އެކަން ރަނގަޅު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށަވެ. 

އެގޮތުން ކުރެވުނު މަޝްވަރާތަަކަށްފަހު ވިސާ ހޯއްދެވުމަށް ދިވެހިން އަމިއްލަ އަށް، އޭޖެންޓެއް މެދުވެރި ނުކޮށް ސްރީލަންކާގެ އިމިގްރޭޝަނަށް އައުމަށް އަންގަވާފައިވާކަމަށް އެންބަސީން ނެރުނު ބަޔާނުގައިވެއެވެ. އެހެން ނަމަވެސް، ބަލި ޙާލަތު ހުރިގޮތުން ވިސާގެ ކަންކަމުގައި އަމިއްލައަށް ނޫޅެވޭ ފަރާތެއްގެ ނުވަތަ ޑިޕެންޑެންޓް ވިސާގައި ތިބޭ ކުޑަކުދިންގެ ވިސާ ސިޓީ އެފަރާތުގެ ނުވަތަ ކުދިންގެ ބެލެނިވެރިޔާ އައުމުން ދޫކުރާނެ ކަމަށް އެމްބަސީން ވަނީ އަންގާފައެވެ.

tw:https://twitter.com/MDVembLanka/status/973130626114228224

މާރޗްމަހުގެ 12 ވަނަ ދުވަހުން ފެށިގެން މި އުޞޫލުތަކަށް ޢަމަލުކުރަންފާށާފައި މިވަނީ ސްރީލަންކާގެ އިމިގްރޭޝަން ޤަވާއިދާ އެއްގޮތަށް ޢަމަލު ކުރުން ކަށަވަރު ކުރުމަށްޓަކައިކަމަށް އެންބަސީން ނެރުނު ބަޔާނުގައި ފާހަގަ ކޮށްފައިވެއެވެ. ސްރީލަންކާއަކީ ގިނަ ޢަދަދައެއްގެ ދިވެހިން ވަޒަންވެރިވެ އުޅޭ އެއް ޤައުމެވެ.