ސިޔާސީ

ޕީޕީއެމުން އެއްބަސްވުން އަމިއްލައަށް އުވާލުމަކީ ޒިންމާދާރުކަންކުޑަ އަމަލެއް





 


ޕީ.ޕީ.އެމް އާއި ޖުމްހޫރީ ޕާޓީއާ ދެމެދު ވެފައިވާ ކޯލިޝަންގެ އެއްބަސްވުމަށް، ފެށުނީއްސުރެ ތަކުރާރުކޮށް، އެކިފަހަރުމަތީން ޕީ.ޕީ.އެމް އިން ކަނޑައެޅިގެން ޚިލާފުވަމުން އައިސްފައިވާކަމަށް ޖުމްހޫރީ ޕާޓީން ބުނެފިއެވެ.


 
އެޕާޓީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޤާނޫނު އަސާސީން ރައްޔިތުންގެ މަޖިލީހުގެ ކޮންމެ މެންބަރަކަށްވެސް ލިބިދީފައިވާ އަސާސީ ޙައްޤަކާއި މަތިކޮށް، އެ އެއްބަސްވުން ޕީ.ޕީ.އެމްއިން އަމިއްލައަށް ނިމުމަކަށް ގެނައިގެނައުމަކީ އެ އެއްބަސްވުމާއި ކަނޑައެޅިގެން ޚިލާފަށް ހިންގާފައިވާ ޒިންމާދާރުކަން ކުޑަ ޢަމަލެއް ކަމުގައި މިޕާޓީން ދެކޭކަމަށެވެ. އަދި އެކަން އެންމެ ހަރުކަށި ޢިބާރާތުން ކުއްވެރިކުރާކަމަށްވެސް ބުނެފައިވެއެވެ.


 
  ޕާޓީގެ ލީޑަރ އޮނަރަބުލް ޤާސިމް އިބްރާހިމް، އެމަނިކުފާނު އިންތިޚާބުވެ ވަޑައިގެން ހުންނެވި ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެންބަރުކަމުގެ ޤާނޫނީ ވާޖިބު އަދާކުރުމުގެ ގޮތުން ލިބިދޭ ހައްޤެއް ބޭނުންކުރުމަކީ އެއްވެސް ހާލަތެއްގައި ކޯލިޝަންގެ އެއްބަސްވުމަށް އެއްވެސް ބުރުލެއް އަރަންޖެހޭނެ ކަމެއްކަމުގައި މިޕާޓީން ނުދެކޭކަމަށްވެސް ޖޭޕީގެ ބަޔާނުގައި ބުނެފައިވެއެވެ. އަދި ދެޕާޓީ ދެމެދުގައި ހަދާފައިވާ ކޯލިޝަން އެއްބަސްވުމަކީ އެގާރަ ނޮވެމްބަރ ދެހާސް އަށާރަ ވަނަ ދުވަހާ ހަމަޔަށް ދެމިއޮންނާނެ އެއްބަސްވުމެއް ކަމަށާއި، އެ އެއްބަސްވުން ހަމައެކަނި ޕީޕީއެމް އަމިއްލަޔަށް އުވާލުމަކީ ކުރެއްވޭނެ ކަމެއްކަމަށް ގަބޫލް ނުކުރާކަމަށް ޖުމްހޫރީ ޕާޓީގެ ބަޔާނުގައި ބުނެފައިވެއެވެ.


 
 


ކޯލިޝަންގެ އެއްބަސްވުން ބާތިލުކުރިކަމަށް، މިހާތަނަށްއައިރުވެސް ރަސްމީސިފައެއްގައި އެޕާޓީއަށް އެންގުމެއްނެތި ހަމައެކަނި ސޯޝަލް މީޑިއާގައި ހާމަކުރުމަކީ ސިޔާސީގޮތުން ކުފޫހަމަވާ ޒިންމާދާރު އަދި ވެރިކަންކުރާ ޕާޓީއަކުން ޢަމަލުކުރާނެ ގޮތެއްކަމުގައި އެޕާޓީއާއި ދިވެހިރައްޔިތުން ނުދެކޭނެ ކަމަށްވެސް ޖުމްހޫރީ ޕާޓީން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ. ޖޭޕީން މިހެން ބުނެފައި މިވަނީ ދެޕާޓީގެ މެދުގައި ހަދާފައިވާ ކޯލިޝަން ރަސްމީކޮށް ޕީޕީއެމް އިން އުވާލާފައިވަނިކޮށެވެ.