ޚަބަރު

އިތުުރު ރިސޯޓްތަކަށް ދަތުރުފަށަން އައިއޭއެސްއިން ތައްޔަރުވަނީ


އަލަށް ތަރައްޤީކުރަމުންދާ ރިސޯޓްތަކާއެކު، ދަތުރުތަކުގެ ޑިމާންޑަށް ބަލައި ޚިދުމަތް ފުޅާކުރުމަށް ތައްޔާރުވަމުންދާކަމަށް އައިލެންޑް އޭވިއޭޝަނުން ބުނެފިއެވެ. 

އައިލެންޑް އޭވިއޭޝަންގެ ހެޑް އޮފް ފެސިލިޓީސް އަލީ ނަޝާޠު ވިދާޅުވީ މީގެ ފަސް އަހަރު ކުރިން އައިލެންޑް އޭވިއޭޝަނުން އޮޕްރޭޓްކުރަމުން އައީ 6 ބޯޓުކަމަށާއި، އެހެންނަމަވެސް ފާއިތުވެދިޔަ ފަސް އަހަރުތެރޭގައި އިތުރު 17 ބޯޓު ގެނެސް މިހާރު މޯލްޑިވިއަންގެ ފްލީޓުގައި 23 އެއަރކްރާފްޓް އޮޕަރޭޓް ކުރަމުންދާކަމަށެވެ.

ނަޝާޠު ވިދާާޅުވީ އިތުރު މަންޒިލްތަކަށް މޯލްޑިވިއަންގެ ދަތުރުތައް ފުޅާކުރުމަށް ތައްޔާރުވަމުންދާކަމަށެވެ. އެގޮތުން މޯލްޑިވިއަންގެ ސީޕްލޭން ދަތުރުތައް 14 ރިސޯޓަކަށް މިހާރުވެސް ކުރަމުންދާއިރު، އިތުރު ރިސޯޓްތަކަށް ދަތުރުތައް ފެށުމަށް ރިސޯޓްތަކައިއެކު ކޮންޓްރެކްޓް ހަދާފައިވާމަށް ނަޝާޠު ވިދާޅުވިއެވެ. އަދި މި ދަތުރުތައް ވަރަށް އަވަހަށް ފަށާނެކަމަށް އޭނާ ވިދާޅުވިއެވެ.

މީގެއިތުރުން މޯލްޑިވިއަންގެ ފްލައިޓްތައް ދުނިޔޭގެ އިތުރު މަންޒިލްތަކަށް ފެށުމަށް ފީޒިބަލް ސްޓަޑީތައް ހަދަމުންދާކަމަށް ނަޝާޠު ވިދާޅުވިއެވެ. އެގޮތުން ޗައިނާގެ އިތުރު ސިޓީތަކަށާއި އޭޝިއާ ބައްރުން ބޭރުގެ ބައެއް ޤައުމުތަކުގެ ދަތުރުކުރުމަށް ބޭނުންވާ ފީޒިބަލް ސްޓަޑީތައް މިހާރުވެސް ހަދަމުންދާކަމަށް އޭނާ ވިދާޅުވިއެވެ. އޭގެތެރޭގައި ދެކުނު އެފްރިކާވެސް ހިމެނޭކަން ނަޝާޠު ފާހަގަކުރެއްވިއެވެ. އެފްރިކާއިން ރާއްޖެ އަންނަ ފަތުރުވެރިންގެ ނިޞްބަތް ދިރާސާކޮށް ދެކުނު އެފްރިކާއާއި ރާއްޖެއާއި ދެމެދުކުރާ ދަތުރުތައް ވީހާވެސް ކުރުކޮށް ކުރެވޭނެގޮތްތައް ބަލައި ދަތުރުތައް ފަށަން ތައްޔާރުވަމުންދާކަންވެސް ނަޝާޠު ފާހަގަކުރެއްވިއެވެ.

 " އަލަށް ހުޅުވާ ރިސޯޓްތަކަށް ބަލައި ޑިމާންޑަށް ކޭޓަރ ކުރުމަށް މިޙާރުވެސްދަނީ ތައްޔާރުވަމުން. މޯލްޑިވިއަންގެ ޚިދުމަތް ފުޅާކޮށް އިތުރު ރިސޯޓްތަކަށް ދަތުރުތައް ފެށުމަށް އިތުރު ރިސޯތްކާއިއެކު ވަނީ ސޮއިކުށްފައި. ދަތުރުރައް ވަރަށް އަވަހަށް ފަށާނެ."  އައިއޭއެސްގެ ހެޑް އޮފް ފެސިލިޓީސް އަލީ ނަޝާޠު ވިދާޅުވިއެވެ.

މޯލްޑިވިއަނުންވަނީ އެތެރޭގެ އުދުހުންތަކުގައި ބޭނުންކުރުމަށް 50 މީހުންގެ ޖާގައިގެ ޑޭޝް-8 މަރުކާގެ މަތިންދާ ބޯޓެއް ގެނެސްފައެވެ. އެކުންފުނިން ގެންދަނީ ޑިމާންޑާއި އެއްވަރަށް ދަތުރުތައް އިތުރުކުރުމަށް، އިތުރު ބޯޓުތައް ގެނައުމަށް މަސައްކަތް ކުރަމުންނެވެ.  އެގޮތުން އެއަރބަސް އޭ ތްރީ ތަރޓީގެ ބޯޓެއް ގަތުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާކަމަށް އައިއޭއެސްއިން ބުނެއެވެ.